Advertisement

މުއިއްޒުގެ ޝަރީއަތް ނުފެށި އަހަރެއް، މައްސަލައާ ތިންވަނަ ގާޒީއަކު ހަވާލުވެއްޖެ

3 އޮގަސްޓު 2021 - 11:55 0

ނާޒިމް ހަސަން

ނާޒިމް ހަސަން

މުއިއްޒު މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުވަނީ: އޭނާގެ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުންތައް އަދިވެސް ނުފެށޭ - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު


މުއިއްޒުގެ ޝަރީއަތް ނުފެށި އަހަރެއް، މައްސަލައާ ތިންވަނަ ގާޒީއަކު ހަވާލުވެއްޖެ

3 އޮގަސްޓު 2021 - 11:55 0

މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ދޮގު ބަޔާން ދިނުމުގެ ދައުވާ އުފުލާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ދައުވާ އުފުލާތާ 30 ދުވަހުގެ ތެރޭ އިބްތިދާއީ އަޑުއެހުންތައް ފަށަންވާނެ ކަމަށް އޮތް ނަމަވެސް މި މައްސަލާގައި އެ މަރުހަލާ ނުފެށި ވެސް އަހަރު ދުވަސް ހޭދަވެއްޖެ އެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު ކުރިމިނަލް ކޯޓަށް މުއިއްޒުގެ މައްޗަށް ދައުވާ ހުށަހެޅުނުއިރު، އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ފެށުމަށް ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ އަހަރަކަށް ވުރެން ގިނަ ދުވަސް ފަހުން މިއަދު އެވެ.

ހެނދުނު އޮތް އަޑު އެހުމަށް މައްސަލަ ބައްލަވާ ގާޒީއެއްގެ ގޮތުގައި ވަޑައިގަތީ ގާޒީ ސޮފްއަތު ހަބީބެވެ. އޭނާ އަޑު އެހުން ފެއްޓެވުމަށް ފަހު ފުރަތަމަ ވެސް ފާހަގަކުރެއްވީ އެ މައްސަލައިގެ އިބްތިދާއީ އަޑު އެހުންތައް ނުފެށި ލަސްވެފައި އޮތުމެވެ.

އެކަން އެހެން ދިމާވެފައި އޮތީ, ގާޒީ ވިދާޅުވި ގޮތުގައި, އެ މައްސަލައާ އެންމެ ފުރަތަމަ ހަވާލުވެވަޑައިގެންނެވި ގާޒީ ކްރިމިނަލް ކޯޓުން އެހެން ކޯޓަކަށް ބަދަލުވެވަޑައިގަތުމުންނެވެ.

އެއީ ގާޒީ އަލީ ރަޝީދެވެ. އޭނާ ވަނީ ސުޕްރީމް ކޯޓަށް ފަނޑިޔާރު ކަމަށް އައްޔަން ކުރައްވާފަ އެވެ.

އޭގެފަހުން އެ މައްސަލައާ ހަވާލުވެވަޑައިގެންނެވި ގާޒީ މައްސަލައިން ތަނާޒުވެވަޑައިގެންނެވީ ކަމަށް ގާޒީ ސޮފްއަތު ވިދާޅުވި އެވެ. ނަމަވެސް، އެއީ ކޮން ގާޒީއެއް ކަމެއް އަދި މައްސަލައިން ގާޒީ ތަނާޒަލްވެވަޑައިގެންނެވި ސަބަބެއް ވިދާޅެއް ނުވެ އެވެ.

"އެހެންކަމުން މިހާރު މިއީ މި މައްސަލަ ހަވާލުވި ތިންވަނަ ގާޒީ،" ސޮފްއަތު ވިދާޅުވި އެވެ.

މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގެ ތެރެއިން --


ގާޒީ ވިދާޅުވި ގޮތުގައި އެ ސެކްޝަންގެ އެހެން މައްސަލަތަކުގެ ޝަރީއަތްތައް ކުރިއަށް ގެންދާ އުސޫލުން މުއިއްޒުގެ މައްސަލައިގެ ޝަރީއަތް ވެސް ކުރިއަށް އޮތް ތަނުގައި ހިނގާނެ އެވެ.

ނަމަވެސް، އިބްތިދާއީ އަޑުއެހުންތައް މިއަދު ވެސް ފެށޭ ގޮތެއް ނުވި އެވެ.

މުއިއްޒު ކުރިމިނަލް ކޯޓުގެ ޝަރީއަތަށް ވަޑައިގެން އިންނެވީ ގާނޫނީ ވަކީލަކާ ނުލަ އެވެ.

މައްސަލާގެ ލިޔުންތައް ލިބިފައިވޭތޯ ސާފުކުރުމަށް ސުވާލު ކުރެއްވުމުން މުއިއްޒު ވިދާޅުވީ، ވަކީލަކު ނެތި ސުވާލުތަކަށް ޖަވާބު ދެއްވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.

މުއިއްޒު އެދިވަޑައިގަތީ ވަކީލަކު އައްޔަން ކުރައްވަން އޭނާ އަށް ގާނޫނުގައި ބުނާ އެންމެ ދިގު މުއްދަތެއް ދެއްވުމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ވަކީލަކު އައްޔަން ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދެވޭނެ އެވެ. އެހެންވެ، ގާޒީ ސޮފްހަތު ވަނީ އެ މުއްދަތު މުއިއްޒަށް ދެއްވައިފަ އެވެ. ދެން މައްސަލާގެ އަޑުއެހުމެއް ބާއްވާނީ އޭގެ ފަހުންނެވެ.

މުއިއްޒުގެ މައްޗަށް ދޮގު ބަޔާން ދިނުމުގެ ދައުވާ އުފުލާފައިވަނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް ކުންފުންޏާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރި މައްސަލާގައިި އެ ކުންފުނިން ނެދަލޭންޑްސްގައިި ހުންނަ އާބިޓްރޭޝަނަށް ވެއްދި މައްސަލާގައި ކުންފުނީގެ ހެއްކަކަށްވެ ދޮގު ބަޔާން ދިން ކަމަށް ބުނެ އެވެ.

ދައުލަތުން ތުހުމަތުކުރާ ގޮތުގައި ނޫމަޑި އެއްބަސްވުންތައް ބާތިލްކުރީ ގޯސްކޮށް ކަމަށް އާބިޓްރޭޝަނަށް ހުށަހެޅުއްވި ލިއުމެއްގައި މުއިއްޒު ވަނީ އިއުތިރާފްވެވަޑައިގެންފަ އެވެ. އަދި އާބިޓްރޭޝަންގައި ދައުލަތާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ.

އޭނާގެ މައްޗަށް ކުރާ ދައުވާ ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ކުރިމިނަލް ކޯޓުގެ ކުރިމަތީ މުއިއްޒު މަޑުކޮށްލައްަވައިގެން: ވަކީލަކު އައްޔަން ކުރަން 10 ދުވަހުގެ މުއްދަތެއް ދިން - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު


ނޫމަޑި މައްސަލަ ސަރުކާރުން މިހާރު ވަނީ ކޯޓުން ބޭރުގައި ހައްލުކޮށްފަ އެވެ. އަދި އެ ކުންފުންޏަށް 55 މިލިއަން ޑޮލަރު ބަދަލުގެ ގޮތުގައި ދީފައިވެ އެވެ.

މުއިއްޒުގެ މައްސަލަ މިއަދު ކުރިއަށް ގެންގޮސްފައިވާއިރު އާދިއްތަ ދުވަހު ވަނީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ ލީޑަރު, ކުރީގެ ރައީސް އަބްދުﷲ ޔާމީން މަނީ ލޯންޑްރިންގެ މައްސަލައެއްގައި ކްރިމިނަލް ކޯޓުގެ ޝަރީއަތަށް ހާޒިރުކޮށްފަ އެވެ. އަދި އާރަށު މައްސަލައިގައި އިއްޔެ ތަހުގީގަށް ފުލުހަށް ހާޒިރުކޮށްފައިވާއިރު، ނޫސްވެރިޔާ ރިލްވާން މައްސަލައިގައި މިއަދު މަރު ކޮމިޝަނަށް ވެސް ހާޒިރުވާން އޮތީ އަންގައިފަ އެވެ.

އިދިކޮޅު، ޕީޕީއެމުން މިކަން ސިފަކުރަނީ ސިޔާސީ ގޮތުން އެ ޕާޓީއަށް އަނިޔާދީ، ނިކަމެތިކޮށްލުމަށް ކޯޓުތައް މެދުވެރިކޮށް ކުރަމުންދާ ކަމެއްގެ ގޮތުގަ އެވެ.