Advertisement

ޖޭޕީގެ ހިންގުން ރަނގަޅުކުރަން ޖެހޭ, ސިޔާސީ މުސްތަގުބަލެއް ނެތް: ނާޒިމް

3 އޮގަސްޓު 2021 - 13:01 1

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު

ގާސިމް އާއި ނާޒިމް އެކުގައި ފޮޓޯއަކަށް ހުއްޓިވަޑައިގެން: ގާސިމްއާ ދޭތެރޭގައި މައްސަލައެއް ނެތް ކަމަށާއި ޖޭޕީގައި ސިޔާސީ ކުރި މަގެއް ނެތް ކަަމަށް ވިދާޅުވި. -- ފޮޓޯ/ މުހައްމަދު ޝަރުހާން


ޖޭޕީގެ ހިންގުން ރަނގަޅުކުރަން ޖެހޭ, ސިޔާސީ މުސްތަގުބަލެއް ނެތް: ނާޒިމް

3 އޮގަސްޓު 2021 - 13:01 1

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ ދޭތެރޭގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެކަމަކު އެ ޕާޓީ ދޫކޮށްލަން ޖެހިވަޑައިގަތީ ސިޔާސީ މުސްތަގުބަލެއް ނެތުމުން ކަމަށް ދަގެނތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒާއި ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރަކު ގުޅިވަޑައިގެން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ވަނީ ފައްޓަވައިފަ އެވެ. ސިޔާސީ މަސައްކަތް ޕާޓީއެއްގެ ތެރެއިން ކުރައްވަން ނިންމެވީ ޖުމްހޫރީ ޕާޓީގައި އިސްކޮށް ދެ ބޭފުޅުން އުޅުއްވުމަށް ފަހު އެވެ.

ގާސިމްގެ އެޑްވައިޒަރަކަށް ނާޒިމް އުޅުއްވި އިރު ރިޔާޒަކީ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރެވެ. ދެ ބޭފުޅުން ޖޭޕީން ވަކިވެވަޑައިގެން ޕާޓީއެއް އުފައްދާތީ އެ ޕާޓީން ވަކިވި ސަބަބާ ދޭތެރޭގައި ދޭތެރޭގައި ސުވާލު އުފައްދަ އެވެ.

ރާއްޖޭގައި ތިން ވަނަ ފިކުރެއް ކަމަށް ޕްރޮމޯޓްކޮށް ނާޒިމާއި ރިޔާޒް އިސްވެ އުފައްދާ ޕާޓީގެ ތަފްސީލްތައް ދެއްވަން "އަދަދު"އަށް ދެއްވި އިންޓަވިއުގައި ޖުމްހޫރީ ޕާޓީއާ ގުޅޭ ގޮތުން ނާޒިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ އެތެރޭގެ ހިންގުން ރަނގަޅު ކުރަން ޖެހޭ ކަަމަށެވެ. ޕާޓީގެ ގުނަންތައް އެންމެ އެދެވޭ ގޮތެއްގައި މަސައްކަތްކުރާ ތަން ނުފެންނަ ކަަމަށާއި އިންތިހާބުތަކަކުން ޕާޓީގެ މަގާމްތަކަކަށް އާދެވިދާނެ ކަމަކަށް ވެސް ގަބޫލުނުކުރެއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ޖޭޕީން ދުރަށް ވަޑައިގަތީ އެ ޕާޓީ ތެރޭގައި ފުރުސަތުތަކެއް ނެތުމުންނެވެ. ސިޔާސީ ކަންކަމުގައި ވެސް އުޅުއްވާ އިރު އުއްމީދެއް އޮންނަންވާނެ ކަަމަށާއި ކުރިއެރުމަށް ވެސް މަސައްކަތް ކުރުމުގެ ޖާގަ ޕާޓީތަކުން ދޭން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

"އެ އުއްމީދު އަދި ފުރުސަތު ޖޭޕީގެ ތެރޭގައި އޮތް ކަމަަކަށް އަޅުގަނޑުމެންނަށް ގަބޫލު ނުކުރެވުނީ. އެހެންވެ ގަސްތުކުރީ އަމިއްލަ އަށް ޕާޓީ އުފައްދައިގެން ބޭނުންވާ ކަންކަން ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް," ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕާޓީގެ އެތެރޭގައި ތިބި މީހުންނާ ދޭތެރޭގައި އެއްވެސް ހިތްހަމަނުޖެހުމެއް ނެތް ކަމަށެވެ. އެކަމަކު މައްސަލައަކީ އެ ޕާޓީގެ އެތެރޭގެ ހިންގުމުގެ ނިޒާމް އޮތް ގޮތުން ޒުވާނުންނާއި ދެން ވެސް ކުރިއަށްދާން ތިބި މީހުންނަށް މަގެއް ނެތުން ކަމަށް ވިދާޅުވި އެވެ.

"އޮނަރަބަލް ގާސިމްއާ އަޅުގަނޑާ ދޭތެރޭގައި އެއްވެސް މައްސަލައެއް ނެތް, ވަރަށް ހެޔޮ, ވަރަށް އިހްތިރާމްކުރާ ބޭފުޅެއް އެއީ," ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީގައި ތިއްބެވި އިރު ނެންގެވި މައްސަލަތައް ޕާޓީގެ ލީޑަޝިޕަށް އެނގިވަޑައިގަންނަވާނެ ކަަމަށާއި އެކަމާ ގުޅޭ ގޮތުން މަޝްވަރާތަކެއް ވެސް ކުރި ކަމަށެވެ.

ހިޔާލުތަފާތުވި ފަހަރުތަކުގައި, އެކުގައި މަސައްކަތް ކުރެވުނު ކަމަށާއި އެކަމަކު ސިޔާސީ މަސައްކަތްތަކަށް މުސްތަގުބަލެއް އެ ޕާޓީގައި އޮތް ތަނެއް ނުފެނުނީ ކަަމަށް ވިދާޅުވި އެވެ. އާ ޕާޓީއެއް އުފައްދައިގެން ރައްޔިތުންނަށް ހިދުމަތް ކުރަން ނިންމީ އެހެންވެ ކަމަށް ވިދާޅުވި އެވެ.

އެމްއެންޕީގައި ނާޒިމާއި ރިޔާޒުގެ އިތުރުން ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް އާއި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހްސިން ހަމީދާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހިމެނިވަޑައިގަންނަވަ އެވެ.

މި ފަސް ބޭފުޅުން ވެސް ގަބޫލުކުރައްވާ ގޮތުގައި ސިޔާސީ މަސްރަހު މިވަގުތު އޮތް ގޮތުން ބައެއްގެ ނިވަލުގައި ތިބެ ސިޔާސީ މަސައްކަތް ކުރުމަކީ ގައުމާއި ރައްޔިތުންނަށް ފައިދާ ކުރާނެ ކަމެއް ނޫނެވެ. އެހެންވެ ހިދުމަތް ކުރެވޭނެ އެންމެ ރަނގަޅު ޕްލެޓްފޯމެއްގެ ގޮތުގައި ފެނުނީ ޕާޓީއެއް އުފެއްދުމެވެ.

އެ ޕާޓީން މަސައްކަތް ކުރަމުން އަންނަނީ މި މަހުގެ ނިޔަލަށް 3،000 މެމްބަރުން ހަމަކޮށް، ސެޕްޓެމްބަރު ނިމޭއިރު ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އަމާޒަކީ މި އަހަރު ނިމެންވާއިރަށް ޕާޓީގައި 10,000 މެމްބަރުން ހަމަކުރުމެވެ. އެ މަސައްކަތް ބާރަށް ކުރިއަށް ގެންގޮސް އަންނަ އަހަރު ނިމޭއިރު 20,000 މެމްބަރުން ޕާޓީގައި ތިބޭނެ ކަމަށް އޭނާ ލަފާކުރައްވަ އެވެ.

"ބޮޑު ޕާޓީއެއްގެ ގޮތުގައި ރިޔާސީ އިންތިހާބާ ކުރިމަތިލުމުގެ އުއްމީދުގައި މަސައްކަތްތައް ކުރިއަށް މި ގެންދަނީ," ނާޒިމް ވިދާޅުވި އެވެ.