Advertisement

އެމްބަސީ މައްސަލާގައި ރަޝިއާ އާއި އެމެރިކާއިން އަދިވެސް ކޯޅެނީ

3 އޮގަސްޓު 2021 - 11:20 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މޮސްކޯގައި ހުންނަ އެމެރިކާގެ އެމްބަސީ.-- ފޮޓޯ: އޭއެފްޕީ


އެމްބަސީ މައްސަލާގައި ރަޝިއާ އާއި އެމެރިކާއިން އަދިވެސް ކޯޅެނީ

3 އޮގަސްޓު 2021 - 11:20 0

ވޮޝިންޓަން، އެމެރިކާ (އޯގަސްޓު 3) - އެމެރިކާ އާއި ރަޝިއާގެ ވާދަވެރި ގުޅުމަށް ހަމަޖެހުން ގެނައުމަށް މަޝްވަރާތައް ބޭއްވި ނަމަވެސް، ދެ ގައުމުގެ އެމްބަސީގައި ތިބޭނެ މުވައްޒަފުންނާ މެދު އަނެއްކާވެސް ކޯޅެން ފަށައިފި އެވެ.

ރަޝިއާގެ ސަފީރު އެނެޓޮލީ އެނެޓޮވް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެމެރިކާއިން ދަނީ ރަޝިއާގެ ޑިޕްލޮމެޓުން "ފޮނުވާލަމުން" ކަމަށާއި ރަޝިއާ މީހުންނަށް ދޭ ވިސާ ތިން އަހަރަށް ލިމިޓު ކުރުމުގެ ބޭނުމަކީ އުނދަގޫ ކުރުން ކަމަށެވެ.

"އަޅުގަނޑުމެންނަށް ލިބުނު ލިސްޓެއްގައި ވަނީ ސެޕްޓެމްބަރު 3، 2021 ގެ ކުރިން އެމެރިކާއިން ފައިބަން ޖެހޭ 24 ޑިޕްލޮމެޓުންގެ ނަން. އެ އެންމެން ވެސް ފައިބައިގެން ދާއިރު އެ މީހުންގެ ބަދަލުގައި އާ މުވައްޒަފުން ނެގުމުގެ ފުރުސަތެއް ނެތް. އެއީ އެމެރިކާއިން ކުއްލިއަކަށް ވިސާ ދޫކުރުމުގެ އުސޫލު ހަރުކަށި ކުރީމަ،" އެމެރިކާގެ ދަ ނޭޝަނަލް އިންޓްރެސްޓް މަޖައްލާއަށް އޭނާ ވިދާޅުވި އެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ނެޑް ޕްރައިސް ވިދާޅުވީ އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށާއި ތިން އަހަރަށް ފަހު ވިސާގެ މުއްދަތު ހަމަވާނެ ކަމަށް ރަޝިއާގެ ޑިޕްލޮމެޓުންނަށް ކުރިން އެނގޭ ކަމަށާއި ބޭނުން ނަމަ ވިސާ ދަމަހައްޓަން ވެސް އެދެވޭނެ ކަމަށެވެ.

ނަމަވެސް ރަޝިއާގައި ހުންނަ އެމެރިކާގެ ޑިޕްލޮމެޓިކް މިޝަންތަކުން 200 އެއްހާ މުވައްޒަފުން ކުއްލިއަކަށް ވަޒީފާއިން ވަކިކުރަން ރަޝިއާއިން މަޖުބޫރުކޮށްފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. އެއީ ޑިޕްލޮމެޓިކް މިޝަންތަކުގެ ވަޒީފާއަށް ރަޝިއާގެ ރައްޔިތުން އަދި އެ މިޝަން ނިސްބަތްވާ ގައުމު ނޫން އެހެން ގައުމެއްގެ ރައްޔިތުން އައްޔަނު ކުރުން އާދީއްތަ ދުވަހުން ފެށިގެން މަނާކޮށްފައި ވާތީ އެވެ.

"އެ ފިޔަވަޅުގެ ސަބަބުން ރަޝިއާގައި އެމެރިކާގެ މިޝަންތަކުގެ އޮޕަރޭޝަނަށް ވަނީ ހުރަސް އެޅިފައި. އަދި ޑިޕްލޮމެޓުންގެ ސަލާމަތީ ރައްކާތެރިކަން ކުޑަވެ، ރަޝިއާ ސަރުކާރާއެކު މަޝްވަރާ ކުރުމަށް އޮތް ފުރުސަތު ވެސް ވަނީ ހަނިވެފައި،" ޕްރައިސް ވިދާޅުވި އެވެ.

"ރައްދުގައި ފިޔަވަޅު އެޅުމުގެ ހައްގު އެބަ އޮތް،" އޭނާ ވިދާޅުވި އެވެ. ނަމަވެސް ވިސާގެ މުއްދަތު ހަމަވުމަކީ އެޅި ފިޔަވަޅެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ރަޝިއާއިން ސައިބަ ހަމަލާ ދޭ ކަމަށާއި އިންތިހާބަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށް ރައީސް ޖޯ ބައިޑެންގެ ސަރުކާރުން މިދިޔަ އޭޕްރިލް މަހު ރަޝިއާގެ 15 ޑިޕްލޮމެޓުން ގައުމަށް ފޮނުވާލި އެވެ.

ޕްރައިސް ވިދާޅުވީ އެއީ "ރަޝިއާ ސަރުކާރުގެ ނުރައްކާތެރި އަމަލުތަކަށް ދިން ރައްދެއް" ކަމަށާއި އެކަމަކު "ހުޅުވާލެވިފައިވާ މުއާސަލާތީ ޗެނަލްތަކަށް" އެމެރިކާއިން މަރުހަބާ ކިޔާ ކަމަށެވެ.

ބައިޑެން އާއި ރަޝިއާގެ ރައީސް ލެޑިމިއަ ޕޫޓިން މިދިޔަ ޖޫން މަހު ވަނީ ބައްދަލުކުރައްވާފަ އެވެ. މިދިޔަ ހަފްތާގައި ދެ ގައުމުގެ އިސް އޮފިޝަލުން ވެސް ބައްދަލުވުމެއް ބޭއްވި އެވެ.