Advertisement

ޕްލޭނިންއަށް ދިނީ ރެންސަމްވެއާ އެޓޭކެއް، ޑޭޓާތަކަށް ފައިސާދޭން ޑިމާންޑުކުރަނީ

3 އޮގަސްޓު 2021 - 12:24 1

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް


ޕްލޭނިންއަށް ދިނީ ރެންސަމްވެއާ އެޓޭކެއް، ޑޭޓާތަކަށް ފައިސާދޭން ޑިމާންޑުކުރަނީ

3 އޮގަސްޓު 2021 - 12:24 1

ޕްލޭނިން މިނިސްޓްރީގެ ސާވާތަކަށް ދީގެން އުޅެނީ "ރެންސަމްވެއާ" އެޓޭކެއްކަން އެނގިއްޖެ އެވެ.

"ރެންސަމްވެއާ"އަކީ ކޮމްޕިޔުޓަރުތަކުގައި ހުންނަ މައުލޫމާތުތައް "ރަހީނުކޮށް" އެ މައުލޫމާތު ހިފެހެއްޓުން ނޫނީ ލީކުނުކޮށްލުުމުގެ ބަދަލުގައި އެކަން ކުރި ބަޔަކު ބުނާ އަދަދަކަށް ފައިސާ ހޯދުމެވެ.

އެނގިފައިވާ ގޮތުގައި މިދިޔަ ހޮނިހިރު ދިން އެ އެޓޭކާ ގުޅިގެން ޕްލޭނިން މިނިސްޓްރީގެ ގިނަ ކޮމްޕިއުޓަރުތައް ހުޅުވުން ވެސް ވަނީ މި ވަގުތަށް މަނާކޮށްފަ އެވެ. އެ މައްސަލަ އަދިވެސް ހައްލުނުވާތީ ގިނަ މުވައްޒަފުން އިއްޔެ އޮފީހަށް ވެސް ނުނެރޭކަން އެނގިފައި ވެ އެވެ.

ޕްލޭނިންގެ އިތުރުން ބައެއް އެހެން މުއައްސަސާތަކަށް ވެސް އެފަދަ އެޓޭކެއް އަމާޒުވެފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ. ނަމަވެސް، ޕްލޭނިން ވެސް ހިމެނޭ ގޮތަށް އެއްވެސް މުއައްސަސާއަކުން ރަސްމީކޮށް އެކަން ކަށަވަރުކޮށްދީފަ އެއް ނުވެ އެވެ.

އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް ވެސް އަދިވެސް ލިބޭގޮތް ވަނީ ނުވެފަ އެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ސާވާތަކުގައި ހުރި މައުލޫމާތުތަކުގެ ބަދަލުގައި ޑިމާންޑުކުރަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ވެސް ނޭނގެ އެވެ.

ނަމަވެސް، އެކަން ކުރި ބަޔަކު ހިފަހައްޓައިގެން އުޅޭ މައުލޫމާތުތައް ރިކަވާ ކުރެވޭނެކަމުގެ އުއްމީދު ބޮޑުކަމަށް މައުލޫމާތު ލިބިފައި ވެ އެވެ. ދުނިޔޭގައި ރެންސަމްވެއާގެ ހަމަލާތައް އިތުރުވާތީ އެކަމަށް ސަމާލުވުމަށް އިންޓަޕޯލުން ވެސް ދާދި ފަހުން ވަނީ އިންޒާރުދީފަ އެވެ. އަދި އެކަމާ ދެކޮޅަށް ގައުމުތައް ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރުމަށް ވެސް އިންޓަޕޯލުން ވަނީ އިސް ނަގައިފަ އެވެ.

ކޮވިޑުގެ ބަލިމަޑުކަމާއެކު ރެންސަމްވެއާގެ ހަމަލާތައް ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. އެގޮތުން، އެފަދަ ހަމަލާތައް ދީގެން މިދިޔަ އަހަރު 350 މިލިއަން އެމެރިކާ ޑޮލަރު ހޯދާފައިވާކަމަށް އިންޓަޕޯލުން ލަފާކުރެ އެވެ.

އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު، 300 ޕަސަންޓަށް ވުރެ އިތުރު އަދަދެއް ކަމަށް ބުނެފައި ވެ އެވެ.