Advertisement

ކަމާލުއްދީންގެ ޕާޓީ އުފެއްދުމުގެ ހުއްދަ ދޭން އީސީން ނިންމައިފި

2 އޮގަސްޓު 2021 - 21:37 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

އަބްދުﷲ ކަމާލުއްދީން: ގައުމީ އެއްބައިވަންތަކަމުގެ ޕާޓީގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދޭން އީސީން ވަނީ ނިންމާފައި - ފޮޓޯ: އަހުމަދު ޝުރާއު


ކަމާލުއްދީންގެ ޕާޓީ އުފެއްދުމުގެ ހުއްދަ ދޭން އީސީން ނިންމައިފި

2 އޮގަސްޓު 2021 - 21:37 0

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގިނަ ދުވަސްތަކެއްވަންދެން ކެބިނެޓްގައި މަސައްކަތް ކުރެއްވި އަބްދުﷲ ކަމާލުއްދީން، އަމިއްލަ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ ހުއްދަ ދޭން އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ނިންމައިފި އެވެ.

"ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ"ގެ ނަމުގައި ރަޖިސްޓްރީކުރަން ކަމާލުއްދީން އެންމެ ފުރަތަމަ ހުށަހެޅުއްވި ފޯމު ބާތިލުކުރީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށަހަޅާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ފުރިހަމަ ނުވާތީކަމަށް އީސީން ވަނީ ބުނެފަ އެވެ.

އެއީ ފޯމު ހުށަހެޅުއްވިއިރު، އެމްއާރުއެމްގެ މެމްބަރުކަމުން ކަމާލުއްދީން ވަކިވެވަޑައިގެންފައިނުވާތީ ކަން އެނގިފައި ވެ އެވެ.

ނަމަވެސް، އެ ޝަރުތު ފުރިހަމަކޮށް އަލުން ފޯމު ހުށަހެޅުމުން، ޕާޓީ އުފެއްދުމުގެ ހުއްދަ އީސީން ދިނުމަށް ވަނީ ނިންމައިފަ އެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިރޭ ވިދާޅުވި ގޮތުގައި "ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީ އެއް އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ ކަމާލުއްދީނަށް ދޭން އެ ކޮމިޝަނުން މިއަދު ނިންމާފަ އެވެ.

ކުރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި ކަމާލުއްދީން ވަރަށް ފަހަކަށް ޖެހެންދެން ވެސް ހުންނެވީ މައުމޫންގެ އެމްއާރްއެމްގަ އެވެ. އެ ޕާޓީން ވަކިވެވަޑައިގަތީ ގައުމުގައި ހައްލުކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް ވިދާޅުވެ، އެ ޕާޓީން ތެރޭން އެކަން ހާސިލުވާނެ ކަމަށް ނުފެންނާތީ އެވެ.

އެމްއާރްއެމްއިން ވަކިވެވަޑައިގެންނެވުމުން، ކަމާލުއްދީންގެ ހިދުމަތަށް މައުމޫން ޝުކުރުއަދާކުރެއްވި އެވެ. އެމްއާރްއެމްގެ ސްލޮޓެއްގައި އެންމެފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި ފޮނަދޫ ދާއިރާއަށް ވާދަކުރެއްވި ނަމަވެސް، ކާމިޔާބެއް ނުވި އެވެ.

މައުމޫންގެ ވެރިކަން ނިމުމުން، ކަމާލުއްދީން ގުޅިވަޑައިގެންނެވީ ޖުމްހޫރީ ޕާޓީއާ އެވެ. އެ ޕާޓީގެ ނައިބު ލީޑަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކުރެއްވި އެވެ. އެ ޕާޓީން ކަމާލުއްދީން ވަކިވެވަޑައިގެންނެވީ ނައިބު ލީޑަރު މަގާމުގެ އިތުރު ދައުރަކަށް ކުރިމަތިލައްވައި، ލިބުނު ނާކާމިޔާބީއާއެކު އެވެ.

ކަމާލުއްދީން އާ ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ފެއްޓެވިއިރު، ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އިސްވެ ހުންނަވައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ވެސް ވަނީ ފައްޓަވާފަ އެވެ.

އާ ދެ ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނައިރު ޕާޓީތައް އުފެއްދުމަށް އިލެކްޝަން ކޮމިޝަނުން މިފަހުން ވަނީ ކޮވިޑާ ގުޅިގެން ލުޔެއް ދީފަ އެވެ.

އެގޮތުން ސިޔާސީ ޕާޓީއެއް އުފައްދަން ހުއްދަދޭތާ 90 ދުވަހުގެ ތެރޭ 3000 މެންބަރުން ހަމަކޮށް އިލެކްޝަން ކޮމިޝަނަށް ހުށަހަޅަން ޖެހެ އެވެ.

ނަމަވެސް، މިހާރު ކޮމިޝަނުން ވަނީ އެ މުއްދަތު ސަސްޕެންޑްކޮށް، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮންނައިރު މުއްދަތު ނުގުނާ ގޮތަށް ނިންމާފަ އެވެ.