Advertisement

އިދިކޮޅުން ދިން ދައުވަތަށް ޕާޓީތަކުގެ ޝައުގެއް ނެތް

2 އޮގަސްޓު 2021 - 18:06 1

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް: އިދިކޮޅު ކޯލިޝަނުން ޕާޓީތަކަށް ދިން ދައުވަތަށް އެ ޕާޓީތަކުގެ ޝައުގެއް ނެތް--


އިދިކޮޅުން ދިން ދައުވަތަށް ޕާޓީތަކުގެ ޝައުގެއް ނެތް

2 އޮގަސްޓު 2021 - 18:06 1

"މިނިވަންކަމުގެ ދިފާއުގައި ދިވެހީން"ގެ ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލިޑިވްސް (ޕީޕީއެމް) އިން ފަށާފައިވާ ކެމްޕެއިނާ ގުޅުމަށް އެމްޑީޕީ ފިޔަވާ އެހެން ހުރިހާ ސިޔާސީ ޕާޓީތަކަކަށް ދައުވަތު ދީފައިވާއިރު އެކަމަށް ޝައުގުވެރިކަން ނެތް ކަމަށް ބައެއް ޕާޓީތަކުން މިއަދު ބުނެފި އެވެ.

އެ ކެމްޕޭނަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްނެންގެވުމާއެކު މިނިވަންކަން ދިފާއު ކުރުމަށް ކަމަށް ބުނެ މިިދިޔަ ހުކުރު ދުވަހު ފެށި ކެމްޕެއިނެކެވެ.

އެ ކެމްޕެއިނާ ގުޅުމަށް ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ، އެމްއާރުއެމް، އެމްޑީއޭ އަދި އެ ޕާޓީތަކުގެ ލީޑަރުންނަށް ރަސްމީކޮށް މިއަދު ވަނީ ސިޓީ ފޮނުވައިފަ އެވެ.

އެކަމާ ގުޅޭގޮތުން "އަދަދު" އިން ސުވާލު ކުރުމުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްޕޯކްސް ޕާސަން އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވިދާޅުވީ އިދިކޮޅުން ދިން ދައުވަތަށް އެ ޕާޓީގެ ޝައުގުވެރިކަމެއް ނެތް ކަމަށާއި އެ ދައުވަތު ގަބޫލު ނުކުރާނެ ކަމަށެވެ.

"ކޮވިޑްގެ ނުރައްކާތެރި މި ހާލަތަކީ ސަރުކާރާ ތޮޅެންވީ ހާލަތު ކަމަށް މި ޕާޓީން ގަބޫލެއް ނުކުރަން،" އަލީ ސޯލިހް ވިދާޅުވި އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ސްޕޯކްސް ޕާސަން އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ގެއްލި ރައްޔިތުން ނިކަމެތި ވާ ހާލަތެއް އަތުވެއްޖެ ނަމަ އެންމެ ފުރަތަމަ ނުކުންނާނީ އަދާލަތު ޕާޓީން ކަމަށާއި އެކަމަށްޓަކައި ބައެއްގެ ދައުވަތަށް މަޑެއް ނުކުރާނެ ކަމަށެވެ.

އަދި މިވަގުތު ރާއްޖޭގައި އެފަދަ ހާލަތެއް އޮތްކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގައުމު ހަލަބޮލިކޮށް ކޮވިޑްގެ މިނުރައްކާތެރި ހާލަތުގައި ސަރުކާރަށް އުނދަގޫކުރަން ކުރާ އެއްވެސް ކަމެއްގައި އަދާލަތު ޕާޓީގެ ޝައުގެއް ނެތް." ނަޒީރު ވިދާޅުވި އެވެ.

ސަރުކާރު ކޯލިޝަންގައި ދެން ހިމެނޭ އެމްއާރުއެމްގެ އިސް ބޭފުޅަކާ ނުގުޅޭތީ އެ ޕާޓީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

ދެން ދައުވަތު ދިން އެމްޑީއޭގެ ސްޕޯކްސް ޕާސަން އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވީ އެ ޕާޓީއަށް އެފަދަ ދައުވަތެއް ދިންކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

އިދިކޮޅުން މިއަދު ދައުވަތު ފޮނުވި ޕާޓީތަކުގެ ތެރެއިން އެމްޑީއޭ ފިޔަވައި ދެން ތިބި ތިން ޕާޓީއަކީ ސަރުކާރު ހިންގާ ކޯލިޝަންގެ ހިއްސާ އޮތް ޕާޓީތަކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ސިޔާސީ ގޮތުން ހިޔާލު ތަފާތުވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިފަހުން ވަނީ އިދިކޮޅު ކޯލިޝަނާ ގުޅިގެން މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ފާޅު ކުރައްވައިފަ އެވެ. ނަމަވެސް އިދިކޮޅު ކޯލިޝަނުން އެކަމަށް މަރުހަބާ ކިޔާފައެއް ނުވެ އެވެ.