Advertisement

އުއްމީދުކުރަނީ ސެޕްޓެމްބަރު ނިމޭއިރު ރާއްޖޭގައި ހުރެވޭނެ ކަމަށް: ނަޝީދު

2 އޮގަސްޓު 2021 - 15:17 0

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު

ނަޝީދު: އެމަނިކުފާނަށް ލިބިވަޑައިގަތް ޒަހަމްތައް އަދިވެސް މުޅިން ފަސޭހަ ނުވާ ކަމަށް ވިދާޅުވި.


އުއްމީދުކުރަނީ ސެޕްޓެމްބަރު ނިމޭއިރު ރާއްޖޭގައި ހުރެވޭނެ ކަމަށް: ނަޝީދު

2 އޮގަސްޓު 2021 - 15:17 0

އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި ލިބިވަޑައިގަތް ޒަހަމްތަކާއި އަނިޔާ ފަސޭހަވަމުން އަންނާތީ މިހާރު އުއްމީދަކީ ސެޕްޓެމްބަރު ނިމޭހާ ތަނުގައި ރާއްޖެ ވަޑައިގެންނެވޭނެ ގޮތް ވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފަރުވާ އަށް އިނގިރޭސިވިލާތުގައި ހުންނެވި ނަޝީދު "އަދަދު"އަށް ވިދާޅުވީ މަޖީދީ މަގުގެ މެދުގައި ބޮމެއް ގޮއްވާލައިގެން އެމަނިކުފާނަށް އަމާޒުކުރި ހަމަލާގެ ޒަހަމްތައް އަދިވެސް މުޅިން ރަނގަޅު ނުވާ ކަމަށެވެ. ކަނާތުގެ ތިން އިނގިލި އަދިވެސް ހުންނަނީ އައްސިވެފައި ކަމަށާއި އެކަމަށް ފަރުވާ ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ވައަތުގެ އުޅަނބޮއްޓަށް ލިބުނު އަނިޔާ ވެސް އަދި ފަސޭހައެއް ނުވެ އެވެ.

ކަނާތު ކަންފަތަށް ލިބުނު ގެއްލުންތަކާ ގުޅިގެން ޖެނުއަރީ 2022 ގައި އޮޕަރޭޝަނެއް ކުރަން ޖެހެ އެވެ.

"ވައަތު ފައިގެ ދެ ފާރުގަނޑު މިހާރު ރަނގަޅުވަމުން އަންނާތީ ހިނގާ އުޅެވޭ. އަމިއްލައަށް ގިނަ ކަންތައްތައް ކުރެވޭ," ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އަނިޔާ އިން ފަސޭހަވިހާ އަވަހަކަށް ރައްޔިތުންގެ ގާތުގައި ހުންނަން ބޭނުންވެ އެވެ. މަޖިލީހުގެ ޖަލްސާތަކުގައި އެމަނިކުފާނު އިންނަވައިގެން މަސައްކަތްތަކުގައި ބައިވެރިވެވަޑައިގެންނެވޭނީ ވެސް މާލެ ވަޑައިގަތުމަށް ފަހު ކަމަށް ވިދާޅުވި އެވެ.

"ސެޕްޓެމްބަރު ނިމޭ ތަނުގައި ދެވޭނެ ކަަމަށް މި ބަލަނީ," ނަޝީދު ވިދާޅުވި އެވެ.

ބޮން ގޮއްވާލައިގެން އެމަނިކުފާނު އަވަހާރަކޮށްލަން ކުރިން ދެ ފަހަރު ކުރި މަސައްކަތް ނާކާމިޔާބުވުމުން ތިން ވަނަ ހަމަލާއެއް ދިނީ މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރެ އެވެ. ނަޝީދު ދިރިއުޅުއްވާ ކެނެރީގެ އިން ހިންގަވާފައި ނުކުމެވަޑައިގެން މަޖީދީ މަގުގައި ޕާކުކޮށްފައި އޮތް ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށެވެ.

އެ ހަމަލާއަށް ސައިކަލެއްގައި ބޮމެއް ހަރުކޮށްގެން ގެންގޮސް ބަހައްޓާފައި ހުރީ މަޖީދީ މަގާއި ނީލޯފަރު ގުޅުނު ކަންމަތީގަ އެވެ. ބޮމުގެ ބާރުގަދަ ކުރަން އަޅާފައި ހުރި ރޭޒާ ފުއްތައް އެމަނިކުފާނުގެ ހަށިކޮޅަށް ވަދެ ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގަތް އިރު ފުރާނަ ސަލާމަތްވީ ހަމަ ކިރިޔާ ކަމަށް އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން ވަނީ ވިދާޅުވެފަ އެވެ.

އެމަނިކުފާނުގެ ހަށިކޮޅުގެ އެކި ގުނަވަންތައް ފޫއަޅުވާލައި ވަދެފައި ހުރި ރޭޒާ ފުއްތައް ނަގަން ހޭނައްތައިގެން 16 ގަޑިއިރުގެ އޮޕަރޭޝަންތައް ކުރި އެވެ. އޭގެ ފަހުން ޖަރުމަނަށް ވަޑައިގެން ވެސް ފަރުވާ ހޯއްދެވި އެވެ.

އިނގިރޭސިވިލާތުގައި މިހާރު ހުންނެވީ ކުރިން ފަރުވާ ހޯއްދެވި ޖަރުމަނުގެ ބާލިން ބުންޑެސްވެއާ ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ލަފާގެ މަތިން، އިތުރު ފަރުވާ އަށެވެ.

ރާއްޖޭގައި, ނަޝީދަށް ދިން ނުރައްކާތެރި ޓެރަރިސްޓު ހަމަލައާ ގުޅޭ ގޮތުން ފުލުހުން ބުނެފައި ވަނީ 2019 ވަނަ އަހަރުން ފެށިގެން ފާރަލުމަށް ފަހު ރާވައި އެކި ފަހަރު މަތިން ބޮން ގޮއްވާލަން އުޅެ ނާކާމިޔާބު ވި ކަމަށެވެ. އެމަނިކުފާނަކީ ލޭ ހުއްދަވެފައިވާ މީހެއް ކަމަށް ކަނޑައަޅައި ހަރުކަށި ފިކުރުގެ ބަޔަކު ވަކި ސެލްއެއް އޮޕަރޭޓްކުރަމުން ދިޔަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ބޮން ގޮއްވި މީހާ އާއި ބޮން ހަދައި ހަރުކުރި މީހާގެ އިތުރުން ހަމަލާ ރާވައި ހިންގުމުގައި އިސްކޮށް ހިމެނޭ މީހުން ހައްޔަރުކޮށްފައިވާ އިރު އެންމެން ވެސް ނިސްބަތްވަނީ އެ ސެލްއަށް ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ނަޝީދަށް އަމާޒުކޮށްދިން ހަމަލާއާ ގުޅިގެން ޖުމްލަ 10 މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެއީ ދައުވާކުރަން ފޮނުވާފައިވާ އަހުމަދު އަދުހަމް، 25، އާއި މުޖާޒް އަހްމަދު 21، އާއި ތަހުމީން އަހްމަދު، 32 އަދި އަހުމަދު ފާތިހު، 23، އެވެ.

މި މީހުންގެ އިތުރުން ތުހުމަތުކުރަނީ މ. ކުދެހިގޭ، އިސްހާގާއި ގއ. ވިލިނގިލީ، ހުދުރުމާގޭ، ފަހުމީ އަލީ އާއި އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމާއި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް އަދި ހއ. މޮޅަދޫ، ބަހާރުގޭ އަބްދުﷲ އަލިމަނިކަށެވެ.

މީގެތެރެއިން އިސްހާގާއި ތަސްލީމަކީ ހަމަލާގައި އެންމެ އިސް ދައުރެއް އަދާކުރި ކަމަށް ތުހުމަތުވާ ދެ މީހުންނެވެ. އަދި އަބްދުﷲ އަލިމަނިކަކީ ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމަށް އިސްކޮށް ހަރަކާތްތެރިވާ މީހެއް ކަމަށާއި ބޮން ގޮއްވާލަން ރިމޯޓަށް ފިއްތާލި އަހްމަދު އަދުހަމް ފިލުވުމާއި ހެކި ނައްތާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެ އެވެ.