Advertisement

ފުލުފުލުގައި ޔާމީން ހާޒިރުކުރާތީ ނުރުހުން: "އަގު ވައްޓާލުމުގެ އާ ބާބެއް"

2 އޮގަސްޓު 2021 - 15:59 1

ނާޒިމް ހަސަން

ނާޒިމް ހަސަން

ޔާމީން: ފުލުފުލުގައި ތަހުގީގީ އިދާރާތަކަށް ހާޒިރުކުރަނީ އެމަނިކުފާނުގެ މަގުބޫލްކަން އިތުރުވާތީ އަގު ވައްޓާލަން ކަމަށް ޝިޔާމް ތުހުމަތު ކުރެއްވި. -- ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު


ފުލުފުލުގައި ޔާމީން ހާޒިރުކުރާތީ ނުރުހުން: "އަގު ވައްޓާލުމުގެ އާ ބާބެއް"

2 އޮގަސްޓު 2021 - 15:59 1

ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް ގޭބަންދަށް ބަދަލުކޮށްފައިވާ އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ޕާޓީއަށް އުނދަގޫ ތިން ދުވަހެވެ؛ އިއްޔެ އިން ފެށިގެން މާދަމާއާ ހަމައަށް ވެސް އެމަނިކުފާނު އުޅުއްވަން ޖެހިވަޑައިގެންފައި ވަނީ ކޯޓާއި ތަހުގީގީ އިދާރާތަކުގަ އެވެ.

އިއްޔެ ހާޒިރުކުރީ ކުރިމިނަލް ކޯޓުގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއާ ގުޅިގެންނެވެ. ފުލުހުންގެ އިދާރާ އަށް މިއަދު ހާޒިރުކުރީ ވ. އާރަށް ވިއްކާލައިގެން ލިބުނު ފައިސާއަށް ހިޔާނާތްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގަ އެވެ.

މަރު ކޮމިޝަނަށް މާދަމާ ހާޒިރުކުރަނީ ވެސް ސީރިއަސް މައްސަލައެއްގައި ސުވާލުކުރާށެވެ. އެއީ، ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނަގައި މަރާލި މައްސަލައިގެ ތަހުގީގާ ގުޅޭ ކަމެއްގަ އެވެ.

ރާއްޖޭގެ ވެރިކަން ކުރެއްވި ރައީސެއްގެ މައްޗަށް ޖިނާއީ މިހާ ގިނަ ތުހުމަތުތަކެއްކޮށް، އިދާރާތަކާއި ކޯޓުތަކުގައި މައްސަލަތައް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.

ފުލުފުލުގައި އެމަނިކުފާނު އިދާރާތަކަށް ހާޒިރުކުރާތީ އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ދަނީ ނުރުހުންފާޅުކުރަމުންނެވެ. އެ ކޯލިޝަނުން ތުހުމަތުކުރާ ގޮތުގައި ޔާމީނާ ދެކޮޅަށް "އުފައްދާފައިވާ މައްސަލަތައް" އަލުން ނެގީ އެމަނިކުފާނުގެ މަގްބޫލުކަން ރައްޔިތުންގެ މެދުގައި އިތުރުވަމުން އަންނާތީ ސަރުކާރު ޕްރެޝަރަށް ވެއްޓިގެންނެވެ.

އިދިކޮޅުގެ އިސް ބޭފުޅުން ސިފަކުރައްވާ ގޮތުގައި އެއީ، "ޔާމީންގެ އަގު ވައްޓާލުމުގެ އާ ބާބެއް" ފެށުމެވެ.

"ސަރުކާރުން ހަމަ ރައީސް ޔާމީން ދެކެ ބިރު ގަންނަނީ،"

އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގަބޫލުކުރައްވާ ގޮތުގައި ޔާމީން ހާޒިރުކުރުމާ ގުޅޭ އެ ނޫން ސަބަބެއް ނެތެވެ.

އޭނާ ވިދާޅުވީ ޕީޕީއެމްގެ ސިޔާސީ ހަރަކާތްތައް ވަރުގަދަކުރުމާ އެކު ހަތިޔާރަކަށް ޔާމީން ހައްދަވައިގެން ސަރުކާރުން އެ ޕާޓީއަށާއި އެމަނިކުފާނަށް ޖެއްސުން ކުރަނީ ކަމަށެވެ. ސަރުކާރުގެ ބޭނުމަކީ ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތައް ނިކަމެތިކޮށްލުން ކަމަށް އަބްދުއްރަހީމް ތުހުމަތު ކުރައްވަ އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވެސް ގަބޫލުކުރައްވާ ގޮތުގައި ސަރުކާރުން ހަމަ ބިރުގަތީ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދެ އަހަރާއި ބައިވި އިރު ސަރުކާރު އޮތީ ރައްޔިތުންގެ ޕްރެޝަރުތަކެއްގެ ތެރޭގައި ވަރަށް ބޮޑަށް ފިތިފަ އެވެ. އެއީ ރައްޔިތުން އެދުނު ކަންކަން ހާސިލްނުވާތީ ކަމަށާއި އެ ނުރުހުން ވަރަށް ބޮޑަށް ސަރުކާރާ މެދު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުން ރައްޔިތުންނަށް ކަންކަން ޑެލިވާއެއް ނުކޮށްދެވޭ، ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ފަދަ ކަންކަން އެބަ ކުރޭ، އެކަމާ ގުޅިގެން ރައްޔިތުންގެ ހިތްހަމަނުޖެހުން ސަރުކާރަށް ވަރަށް ބޮޑު، އަޅުގަނޑުމެންނަކީ އެކަންކަމުގައި ސަރުކާރަށް ފާޑުކިޔާ ޖަވާބުދާރީވާން ޖެހޭ މީހުން،" ޝިޔާމް ވިދާޅުވި އެވެ.

"އެ މަސައްކަތް ކުރާތީ ހުރިހާ އަނިޔާއެއް ސިޔާސީ ގޮތުން ރައީސް ޔާމީނަށް ދެމުން މިދަނީ."

ނަމަވެސް، ރައީސް ޔާމީންގެ މަގުބޫލުކަން ރައްޔިތުންގެ މެދުގައި އަންނަނީ ކުރިއަށްވުރެ ވެސް އިތުރުވަމުން ކަމަށާއި އެހެންވެ، އެމަނިކުފާނުގެ އަގު ވައްޓާލުމުގެ އާ މަސައްކަތްތަކެއް ސަރުކާރުގެ ތެރެއިން ފަށައިގެން އުޅެނީ ކަމަށް ޝިޔާމް ތުހުމަތު ކުރެއްވި އެވެ.

"އެމަނިކުފާނުގެ އިމޭޖަށް ޑެމޭޖް ދީ، ނަފުރަތު އުފައްދަން ހިންގާ ކަންކަން މިއީ، މީގެކުރިން ވެސް އެކަން ކުރި، އަނެއްކާވެސް އަގު ވައްޓާލުމުގެ އާ ބާބެއް ފެށިގެން މި އުޅެނީ،" ޝިޔާމް ވިދާޅުވި އެވެ.

ނައިފަރު ދާއިރާގެ މެންބަރު ވިދާޅުވި ގޮތުގައި އަގު ވައްޓާލުމުގެ އާ ބާބަކީ ރިޔާސީ އިންތިހާބަށް އަމާޒުކޮށް ހިންގާ ކަމެކެވެ.

މަރުވެފައި އޮތް ރިޔާސީ ކޮމިޝަނެއް ވެސް ކުއްލިއަކަށް އެކްޓިވްކޮށް ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައާ ރައީސް ޔާމީނާ ގުޅުވަން މަސައްކަތް ކުރަނީ އެ މަގުސަދުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެކުރިން ރިލްވާންގެ މައްސަލައާ ރައީސް ޔާމީނާ އެއްވެސް ގުޅުމެއް ނެތް ކަމަށް އެ ކޮމިޝަންގެ ރައީސް ވިދާޅުވެފައިވޭ، އެހެންވެ މި އުޅެނީ ކަމެއް އޮވެގެނެއް ނޫން، ކޯލިޝަން ޕާޓުނަރުންނާއި އިންޑިއާ ރުއްސަން ކުރާ ކަންކަން މިއީ،" ކޮމިޝަނަށް ހާޒިރުކުރަން އެންގި އެންގުމަށް ފާޑުވިދާޅުވަމުން ޝިޔާމް ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވާ ގޮތުގައި، ރައީސް ޔާމީންގެ ޝަރީއަތާއި ތަހުގީގީ ހުރިހާ މަރުހަލާތައް ވެސް ކުރިއަށް ދަނީ އޭގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެގެންނެވެ. އެކަން ތަހުގީގުތަކާއި ޝަރީއަތްތަކުގައި ހިނގާފައިވާ ކަންކަމުން ސާބިތުވާ ކަމަށާއި އެމަނިކުފާނާ މެދު އަމަލުކޮށްފައިވަނީ ތަފާތު އުސޫލުތަކަކުން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުން ޔާމީނަށް އިންސާފު ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ނަމަވެސް، އެ މައްސަލަ ކޯޓުގައި ލަސްކުރުމަށް ފަހު އަނެއްކާވެސް އާ މައްސަލަތަކެއް ނަގައިގެން ކުރިއަށް ގެންދަނީ ސިޔާސީ ގޮތުން އަނިޔާ ދިނުމަށް ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ދައުވާއެއް ސާބިތުވެފައި ހުރި މީހެއްގެ އިސްތިއުނާފު މައްސަލައަށްވުރެ އިސްކަން ދޭން ޖެހޭ އެހެން މައްސަލައެއް އޮވެގެން ނުވާނެ،" ސުޕްރީމް ކޯޓުގައި މައްސަލަ ލަސްވެފައިވާތީ ކަންބޮޑުވުން ފާޅުކުރައްވައި ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް: އޭނާ ވިދާޅުވާ ގޮތުގައި މިހާރު ފަށާފައިވަނީ ރައީސް ޔާމީންގެ އަގު ވައްޓާލުމުގެ އާ ބާބެއް ކަމަށް ވިދާޅުވި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު


އޭނާ ވިދާޅުވި ގޮތުގައި، ރައީސް ޔާމީންއާ މެދު އެފަދަ ގޮތްގޮތަށް އަމަލު ކުރާތީ ސަރުކާރު ޖަވާބުދާރީކުރުމުގައި މަސައްކަތް ކުރަން ޖެހޭ އެންމެ ފުޅާ މިނުގައި އެކަން ކުރުމަށް އުނދަގޫވެ އެވެ. އެކަމަކު ރައީސް ޔާމީންގެ އަޒުމު އެއަށްވުރެ ވަރުގަދަ ކަމަށާއި އަބަދުވެސް އިރުޝާދު ދެއްވަނީ ފަހަތަށް ނުޖެހި ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތް ވަރުގަދަކުރުމަށް ކަމަށް ވިދާޅުވި އެވެ.

ޕީޕީއެމްގެ ސިޔާސީ ހަރަކާތްތައް ކުރިއަށް ވުރެން ވަރުގަދަކޮށްފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ. މިދިޔަ ހަފުތާގެ ތެރޭގައި ޕީޕީއެމުން ވަނީ ގައުމުގެ މިނިވަންކަން ހިޔާމަތް ކުރުމަށް ހާއްސަ ކެމްޕެއިނެއް ވެސް ފަށައި، އެހެން ސިޔާސީ ލީޑަރުންނަށް ވެސް އެކަމަށް ދައުވަތު އަރުވައިފަ އެވެ.

"ރައީސް ޔާމީނަކީ ވަރަށް ވަތަނީ ބޭފުޅެއް، ސިޔާސީ ގޮތުން އަނިޔާ ދިނަސް އެމަނިކުފާނު ބޭނުންފުޅު ވަނީ ފުލް ފްލެޖުގައި ނުކުންނަން، އެމަނިކުފާނުގެ އަޒުމަކަށް ބަދަލެއް ނާދޭ،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔާމީން ހަތިޔާރަކަށް ހަދައި ސިޔާސީ ގޮތުން ހަމަލާތައް އައި ނަމަވެސް، ޕީޕީއެމްގެ ހަރަކާތްތައް ހުއްޓުމެއް ނެތެވެ. ކުރިއަށް އޮތް ތަނުގައި ފެންނާނީ މާ ވަރުގަދަކޮށް ކަމަށް ވިދާޅުވި އެވެ.