Advertisement

އާރަށް މައްސަލާގައި ޔާމީން މިއަދު ވެސް ޕޮލިހަށް

2 އޮގަސްޓު 2021 - 11:22 3

ނާޒިމް ހަސަން

ނާޒިމް ހަސަން

ޔާމީން މީގެކުރިން ފުލުހަށް ހާޒިރުކުރަނީ: މިއަދު ވެސް ހާޒިރުވާން ވަނީ އަންގާފައި


އާރަށް މައްސަލާގައި ޔާމީން މިއަދު ވެސް ޕޮލިހަށް

2 އޮގަސްޓު 2021 - 11:22 3

ވ. އާރަށް ވިއްކާލައިގެން ލިބުނު ފައިސާއަށް ހިޔާނާތްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވެސް ޕޮލިހަށް ހާޒިރުކުރަން ނިންމައިފި އެވެ.

ރިސޯޓެއްގެ ގޮތަށް ތަރައްގީ ކުރުމަށްޓަކައި އާރަށް ބޭރު ބަޔަކަށް ވިއްކާލައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލާގައި ތަހުގީގު ނިންމައި، ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ދައުވާކުރަން ވަނީ ފޮނުވާފަ އެވެ.

ނަމަވެސް، އޭގެ ފަހުން ދެ ފަހަރަކަށް އެ މައްސަލާގައި ޔާމީން މީގެކުރިން ވެސް ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ. ތަހުގީގު ނިމިފައިވާ މައްސަލައެއްގައި އަނެއްކާވެސް ފުލުހަށް ހާޒިރުކުރާތީ، އެމަނިކުފާނުގެ ވަކީލުން ވެސް ވަނީ މައްސަލައިން ތަނާޒަލްވެފަ އެވެ.

އެނގިފައިވާ ގޮތުގައި ޔާމީން މިއަދު ދޭއް ޖަހާއިރަށް ފުލުހަށް ހާޒިރުކުރަނީ ތަހުގީގުގައި ހޯދަން ޖެހޭ ބައެއް މައުލޫމާތުތައް ފުރިހަމަ ކުރުމަށް ފުލުހުންނަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އަންގާފައިވާތީ އެވެ. މިއީ އާންމުކޮށް ދައުވާކުރުމުގެ މަރުހަލާގައި އެ އޮފީހުން އަމަލުކުރާ ގޮތެކެވެ.

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން މައްސަލާގައި މަރު ކޮމިޝަނަށް މާދަމާ ހާޒިރުވުމަށް ވެސް ޔާމީނަށް ވަނީ އަންގާފަ އެވެ.

ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިންގެ ކުށް ސާބިތުވެފައިވާ ޔާމީނަށް އެ މައްސަލާގައި ފަސް މިލިއަން ޑޮލަރު ޖޫރިމަނާގެ ގޮތުގައި ދައްކަން ވެސް ޖެހިފައިވެ އެވެ. މައްސަލާގެ އިސްތިއުނާފު ސުޕްރީމް ކޯޓުގައި އޮތް އިރު، މިހާތަނަށް ޔާމީން އެ ފައިސާ ދައްކާފައެއް ނުވެ އެވެ.

އެ މައްސަލާގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ސަން ކުންފުނީގެ އަތުން ރިޝްވަތު ނަގައި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތުކޮށް މަނީލޯންޑްރިން އަދި ރިޝްވަތުގެ ދައުވާ ޔާމީންގެ މައްޗަށް ވަނީ އުފުލާފަ އެވެ. އެ ދެ ދައުވާއާ ގުޅޭ ޝަރީއަތް ކުރިމިނަލް ކޯޓުގައި ވަނީ ފަށާފަ އެވެ.

އާރަށް މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލައިފިނަމަ އެ މައްސަލަ ވާނީ އެމަނިކުފާނުގެ މައްޗަށް އުފުލާ ހަ ވަނަ ޖިނާއީ ދައުވާއަށެވެ.

ޔާމީން މިހާރު ގޭ ބަންދުގައި ހުންނެވިއިރު އެ ގޮތަށް ބަދަލު ކުރީ ޖަލުގައި ކޮވިޑް ފެތުރޭތީ ކަމަށް ކެރެކްޝަނުން ބުނެފައިވެ އެވެ. ނަމަވެސް، މިހާރު ޖަލުގައި ކޮވިޑް ފެތުރުން ހުއްޓުވައި އާންމު ހާލަތަށް ވަނީ ގެނެސްފަ އެވެ.