Advertisement

ރާއްޖޭގެ ޓޫރިޒަމަށް ދިރުން! ޖުލައި މަހު އެއް ލައްކަ ޓޫރިސްޓުން ޒިޔާރަތްކުރި

2 އޮގަސްޓު 2021 - 08:38 1

އަމަން ހަލީމް

އަމަން ހަލީމް

ކ. ތުލުސްދޫގައި ޓޫރިސްޓުންތަކެއް: ރާއްޖެ އަންނަ ޓޫރިސްޓުންގެ ތެރެއިން ގިނަ ބަޔަކު މިހާރު މީހުން ދިރިއުޅޭ ރަށްރަށުގައި ޗުއްޓީ ހޭދަކުރޭ. -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު


ރާއްޖޭގެ ޓޫރިޒަމަށް ދިރުން! ޖުލައި މަހު އެއް ލައްކަ ޓޫރިސްޓުން ޒިޔާރަތްކުރި

2 އޮގަސްޓު 2021 - 08:38 1

ހުސްވި ޖުލައި މަހުގެ ތެރޭގައި ރާއްޖޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރެވި ޓޫރިޒަމަށް ލިބުނު ކުރިއެރުމާ އެކު، ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު އެއް ލައްކައަށް އަރައިފި އެވެ.

މިއީ ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ބޯޑަރުތައް ހުޅުވާލި ފަހުން އެއް މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ރާއްޖެއަށް ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި ދެ ވަނަ ފަހަރެވެ. ކުރިން މި އަދަދަށް ޓޫރިސްޓުން އައީ މި އަހަރުގެ މާޗު މަހުގަ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ޖުލައި މަހު ރާއްޖެއަށް 101،281 ޓޫރިސްޓުން އަ އެެވެ. މީގެ ތެރެއިން ވެސް އެންމެ ގިނަ އަދަދެއްގެ ޓޫރިސްޓުން އައީ ޖުލައި މަހުގެ ދެ ވަނަ ހަފުތާގެ ތެރޭގަ އެވެ.

ރާއްޖޭގެ ޓޫރިޒަމަށް ކުރިއެރުން ލިބުނު ސަބަބުތަކުގެ ތެރޭގައި ކޮވިޑް ނަމްބަރުތައް ތިރިވެ، ގައުމުތަކުގެ ފެހި ލިސްޓުން ރާއްޖެއިން ޖާގަ ހޯދުމާއި ރާއްޖެ އަންނަ ފްލައިޓްތައް އިތުުރުވުން ހިމެނެ އެވެ. އަދި ބަލިފެތުރުން ކޮންޓްރޯލް ކުރަން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިދިނުމާ އެކު މީހުން އުޅޭ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ދެވޭ ގޮތަށް ހުއްދަ ދިނުން ވެސް، މި ބަދަލުތައް އައި ސަބަބުތަކުގެ ތެރޭގައި ފާހަގަކުރެވެ އެވެ.

މީގެ އިތުރުން ދެކުނު އޭޝިއާ ގައުމުތަކުން ދަތުރުކުރާ ޓޫރިސްޓުންނަށް ރާއްޖެ ހުޅުވާލުމާއި، ވެކްސިން ފުރިހަމަކޮށްފައިވާ ޓޫރިސްޓުންނަށް ދީފައިވާ ލުއިތަކުގެ ސަބަބުން ވެސް ރާއްޖެ އަންނަ ޓޫރިސްޓުން އަދަދުތައް އަންނަނީ އިތުރުވަމުންނެވެ.

މިއީ ދެ ވަނަ ކުއާޓާގެ މެއި އަދި ޖޫން މަހު ރާއްޖޭގެ ޓޫރިޒަމަށް އައި ބޮޑު ހީނަރުކަމަށް ފަހު ސިނާއަތަށް ލިބުނު ބޮޑު ކުރިއެރުމަކަށް ވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި މިއާ އެކު މި އޮގަސްޓް މަހަކީ ވެސް ރާއްޖެއަށް ރެކޯޑް މަހަަކަށް ވާނެ ކަމުގެ އުއްމީދުތައް ވަނީ މަތިވެފަ އެވެ.