Advertisement

މަޖިލީހުގެ މައިނޯރިޓީ ފުރޮޅާލެވިދާނެތަ؟

2 އޮގަސްޓު 2021 - 10:10 3

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

މަޖިލީހުގެ ފަސް މެމްބަރަކު އިސްވެ އުފައްދަވާ އެމްއެންޕީއިން ވަނީ މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ ލަގަބު ހޯދުމަށް އަމާޒު ހިފާފައި. - އާޓްވާކް: އަބްދުﷲ ޝަފީއު (އަބޯ)/ އަދަދު


މަޖިލީހުގެ މައިނޯރިޓީ ފުރޮޅާލެވިދާނެތަ؟

2 އޮގަސްޓު 2021 - 10:10 3

"އަބަދުވެސް ސިޔާސީ ޕާޓީއެއްގެ މަގްސަދަކަށް ވާން ވާނީ އެއްދުވަސްވަރަށް ވުރެން އަނެއް ދުވަސްވަރުގައި ރަނގަޅުކުރުން. އަޅުގަނޑުމެން މަސައްކަތް ކުރާނަން އިރާދަކުރެއްވިއްޔާ މައިނޯރިޓީ ހޯދަން ވެސް"

އެއީ, ދަގެނތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްވެ އުފައްދަވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން މި ވަގުތަށް ހިފާފައިވާ މައިގަނޑު އަމާޒެވެ.

އެމްއެންޕީގެ ސިޔާސީ އަމާޒު އެއަށްވުރެ ފުޅަލެވެ. ބޭނުމަކީ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމެވެ.

އެކަމަކު އެ މަގު ކޮށުމަށްޓަކައި ނާޒިމް ވިދާޅުވި ފަދައިން އެ ޕާޓީން އަޅާ ފުރަތަމަ ފިޔަވަޅަކީ މަޖިލީހުގައި ދެ ވަނަ އަށް އެންމެ ގިނަ ގޮނޑި ކޮންޓްރޯލްކުރާ ޕާޓީގެ މަގާމަށް ވާސިލްވުމެވެ.

އެ މަގުސަދު ހާސިލުކުރުމަށްޓަކައި މަޖިލީހުގައި އެމްއެންޕީ ތަމްސީލްކުރައްވާނެ ކަން މިހާތަނަށް އިއުލާންކުރެއްވީ ނާޒިމްގެ އިތުރުން ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް އާއި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހްސިން ހަމީދާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.

އޭގެ މާނައަކީ އެ ޕާޓީ ރަސްމީކޮށް ރަޖިސްޓްރީ ކުރުމަށް 3،000 މެމްބަރުން ސޮއި ހަމަވެއްޖެ ނަމަ، ޕާޓީގެ މަސައްކަތް ރަސްމީކޮށް ފަށައިގަންނާނީ މަޖިލީހުގެ ތަޅުމުގައި ވެސް ފަސް މެމްބަރުންނާއެކު އެވެ.

ނަމަވެސް، ނާޒިމް ވިދާޅުވާ ގޮތުގައި ކުރީ ސަފުގައި މިހާރު ތިއްބެވި ފަސް މެމްބަރުންގެ އިތުރުން އެހެން މެމްބަރުންތަކެއް އެ ޕާޓީއާ އެކު މަސައްކަތް ކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވާފައި އެވެ.

ޕާލަމެންޓްރީ ގްރޫޕް އުފައްދައި މަސައްކަތް ފަށައިގަންނަ އިރު ވެސް ޖުމްލަ ހަތް މެމްބަރުން ތިއްބަވާނެ ކަަމަށް އޭނާ ވިދާޅުވި އެވެ.

"މަޖިލީހުގެ ފަސް މެމްބަރުން މިހާރު އަޅުގަނޑުމެންނާ އެކުގައި ތިބި ކަމުގައި ވިޔަސް އިތުރު ދެ މެމްބަރަކާ އެކު ހަތް މެމްބަރަކު އަޅުގަނޑުމެންގެ ވިޕްލައިނާ އެއްގޮތަށް މަޖިލީހުގައި މަސައްކަތް ކުރައްވާނެ،" ނާޒިމް ވިދާޅުވި އެވެ.

މައިނޯރިޓީ ދޫކޮށްލަން އިދިކޮޅުން ބޭނުމެއް ނުވޭ

ރާއްޖޭގެ މަޖިލީހުގެ ތާރީހުގައި ވެސް މިހާތަނަށް އެއް ޕާޓީއަކުން އެންމެ ގިނަ ގޮނޑި ކަށަވަރުކޮށްގެން މަޖިލީހުގެ ސުޕަ މެޖޯރިޓީގައި އޮތީ އެމްޑީޕީ އެވެ. އެ ޕާޓީގެ 65 މެމްބަރަކު މަޖިލީހުގެ އެކި ދާއިރާތައް ތަމްސީލްކުރައްވާ އިރު ސަރުކާރު ޖަވާބުދާރީކުރުވާ އިދިކޮޅުު ޕީޕީއެމާއި ޕީއެންސީ ކޯލިޝަންގައި ތިއްބެވީ ނުވަ މެމްބަރުންނެވެ.

އެއީ ޕީޕީއެމްގައި ހަ މެމްބަރުންނާއި ޕީއެންސީގެ ތިން މެމްބަރުންނެވެ.

އެހެންވެ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކީ މިހާރު ޕީޕީއެމެވެ.

ޕީޕީއެމާއި ޕީއެންސީ ކޯލިޝަނެއްގެ ގޮތުގައި މަސައްކަތް ކުރި ނަމަވެސް، މަޖިލީހުގެ ތަޅުމުގައި އަދި އެ ދެ ޕާޓީ ތަމްސީލުވަނީ ވަކިންނެވެ.

އެއީ ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވެސް ފާހަގަކުރައްވާ ނުކުތާ އެވެ.

އެގޮތުން، ހަ މެމްބަރުންނާ އެކު މިވަގުތު މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ ގޮތުގައި ޕީޕީއެމް އޮތް ނަމަވެސް، އެކަން ދަމަހައްޓަން ޖެހިއްޖެ ހާލަތެއްގައި ޕީއެންސީގެ މެމްބަރުން ޕީޕީއެމަށް ބަދަލުވުން، ނުވަތަ މަޖިލީހުގައި ވެސް ރަސްމީކޮށް ކޯލިޝަނެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ގަވައިދު އޮތް ގޮތުން މަޖިލީހުގެ މަސައްކަތްތަކުގައި ޕާޓީތައްްް ގުޅިގެންް ކޯލިޝަނެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބެ އެވެ.

"އެންމެންނަށް ވެސް އެނގޭ ޕީޕީއެމާއި ޕީއެންސީ އަކީ ހަމަ އެއް ފިކުރެއްގެ އެއް ޕާޓީއެއް ކަން. އެހެންވީމާ ޕީއެންސީގެ މެމްބަރުން ޕީޕީއެމަށް މޫވް ކޮށްލައިގެން ނޫނީ ކޯލިޝަނެއްގެ ގޮތުގައި މަޖިލީހުގެ ތެރެއިން ވެސް ރަސްމީކޮށް މަސައްކަތް ކުރެވޭނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

މައިނޯރިޓީ ހޯދަން މެމްބަރުން ހަމަކުރެވިދާނެ؟

އާދަމް ޝަރީފްގެ ވާހަކަތަކަށް ބަލާއިރު، މަޖިލީހުގެ މައިނޯރިޓީ ހޯދަން އެމްއެންޕީން ނުވަ މެމްބަރުން ހުރަސްކުރަންޖެހޭނެ އެވެ.

އެއާއެކު ދެން އުފެދޭ ސުވާލަކީ އެމްއެންޕީގެ މި ވަގުތުގެ ސިޔާސީ އަމާޒަށް ވާސިލުވުމަށް، އެ އަދަދަށް މެމްބަރުން ހަމަކުރެވިދާނެތޯ އެވެ.

ނާޒިމްގެ އަމިއްލަ އިއުތިރާފުން ވެސް އެއް ކަމެއް ސާފެވެ. މިހާރު އެ ޕާޓީއާ ރަސްމީކޮށް ގުޅުނު ފަސް މެމްބަރުންގެ އިތުރަށް މެމްބަރުން ހޯދުމަކީ އުނދަގޫ ކަމަކަށް ވާނެ އެވެ.

ސަބަބަކީ އެ ޕާޓީއާ އެކުގައި މަސައްކަތް ކުރަން ތައްޔާރަށް ތިއްބެވިކަމަށް ނާޒިމް ވިދާޅުވި އިތުރު ދެ މެމްބަރުން ވެސް އަދި ރަސްމީކޮށް އެ ޕާޓީއާ ގުޅިފައިނުވުމެވެ.

އެ ސަބަބު ގޮސް ގުޅެނީ އާދަމް ޝަރީފް ފާހަގަކުރައްވާ ނުކުތާއާ އެވެ.

"މަޖިލީހުގެ މިނިވަން މެމްބަރުންގެ ގޮތުގައި ތިއްބެވި މެމްބަރުން އެމްއެންޕީއަށް ސޮއި ކުރުމުގައި ރައްޔިތުން ޝަކުވާތަކާ ކުރިމަތިލާންޖެހުން ފަދަ ދަތިތައް ހުރި ނަމަވެސް، ޕީޕީއެމް/ޕީއެންސީއަށް އެފަދަ އުނދަގުލެއް ކުރިމައްޗެއް ނުވާނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އެގޮތުން ބަލާއިރު، މިނިވަން މެމްބަރެއްގެ ގޮތުގައި ދެމި ހުންނަވާނެކަމަށް ވައުދުވެވަޑައިގެންނެވި، އުޝާމް އެމްއެންޕީއާ ގުޅުމުން ވެސް ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ދެން ތިއްބެވި މިނިވަން މެމްބަރުންނަށް ވެސް އެ ހުރަސް ކުރިމަތިވާނެކަމަށް ބުނުމުގެ ޖާގަ ލިބެ އެވެ.

ނަވާރަ ވަނަ މަޖިލީހުގައި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުން.


ސަބަބަކީ މިހާރު ނިއުޅިފައިވާ މަންޒަރަށް ވެސް ބަލާއިރު، އެމްއެންޕީއާ ގުޅުމުގެ އެންމެ ފުރުސަތު ބޮޑީ މަޖިލީހުގައި ތިއްބެވި މިނިވަން މެމްބަރުން ކަމަށްވާތީ އެވެ.

އެއީ މި ބަހުސަށްޓަކައި، އެމްޑީޕީގެ 65 މެމްބަރުންނާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ނުވަ މެމްބަރުން ގުޑުވާލަން ދަތިވާނެކަމަށް ބަލައިފަ އެވެ.

އެގޮތުން ބަލާއިރު، 19 ވަނަ މަޖިލީހުގައި ތިއްބެވި މިނިވަން ހަ މެމްބަރުންގެ ތެރެއިން، ތިން މެމްބަރުން މިހާރު ވެސް ވަނީ އެމްއެންޕީއާ ރަސްމީކޮށް ގުޅިވަޑައިގެންފަ އެވެ.

ދެން ބާކީ ތިއްބެވީ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިނާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމްގެ އިތުރުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.

މަޖިލީހުގައި ރަސްމީކޮށް ޑީއާރުޕީ ތަމްސީލު ނުކުރެއްވި ނަމަވެސް، ޖާބިރަކީ އެ ޕާޓީގެ ލީޑަރެވެ.

އެހެންކަމުން އެމްއެންޕީއާ ގުޅުމުގެ އިތުރުން ކޯލިޝަނެއް ހަދައިގެން އެމްއެންޕީ މެމްބަރެއްގެ މައިނޯރިޓީ ލީޑަރުކަމުގެ ދަށަށް ޖާބިރު ވަޑައިގަންނަވަން އެއްބަސްވެވަޑައިގެންނެވުމަކީ ނާދިރު ކަމެކެވެ.

މަޖިލީހުގައި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މެމްބަރުން.


މިނިވަން މެމްބަރުންގެ އިތުރުން، އެމްއެންޕީގެ އަމާޒު ދެން އަނބުރާލުން އެންމެ ގާތީ ނާޒިމާއި ރިޔާޒް ނިސްބަތްވެވަޑައިގެންނެވި ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށެވެ.

އެ ގޮތުން ބަލާއިރު، ޖޭޕީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ އިތުރުން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އާއި އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދެވެ.

ސަރުކާރު ހިންގާ ކޯލިޝަނުގައި ހިއްސާއެއް އޮތުމުގެ އިތުރުން، ޖޭޕީން ނުކުމެވަޑައިގެންނެވި މެމްބަރުންތަކަކާއެކު ކޯލިޝަން ހަދައިގެން މަސައްކަތް ކުރައްވަން ގާސިމް ބޭނުންފުޅުނުވާނެކަން ގާތްގަނޑަކަށް ޔަގީނެވެ.

ދެން މަޖިލީހުގައި ތިއްބަވަނީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ތަމްސީލުކުރައްވާ އެ ޕާޓީގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ އިތުރުން ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރެވެ.

އެމްޑީއޭއިން ވެސް އެމްއެންޕީއާގެ ދަށުން މަޖިލީހުގައި މަސައްކަތް ކުރާ ގޮތަށް ރަސްމީ ކޯލިޝަނެއް ހެދުމަކީ ވެސް ދުރުކަމެކޭ ބުނުމުގެ ފުރުސަތު ބޮޑެވެ.

ނާޒިމް ވިދާޅުވި ނަމަވެސް، އެމްއެންޕީއާ އެކުގައި މަސައްކަތް ކުރަން ތައްޔާރަށް އޮތުމަކުން ހަމައެކަނި ނުފުދެ އެވެ.

ރަސްމީކޮށް އެ ޕާޓީއަށް ސޮއިކުރުން ނޫނީ ކޯލިޝަނެއް ހަދައިގެން ރަސްމީކޮށް އެކަން މަޖިލީހުގެ ރައީސަށް އެނގުމުން މެނުވީ، މައިނޯރިޓީ ޕާޓީއަށް ވުމަށް އެމްއެންޕީގެ އަމާޒު ހާސިލުވުމަށް މަޖިލީހުގެ ގަވައިދު ތަނެއް ނުދެ އެވެ.

މަޖިލީހުގެ ތަޅުން މިހާރު ތަރުތީބުވެފައިވާ ގޮތަށް ބަލާއިރު، ޕީޕީއެމް ފަހަތަށް ޖައްސާލައި، މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ ލަގަބު އެމްއެންޕީއަށް ހޯދުމަށް މި ވަގުތަށް ނަމަވެސް ފެންނަންއޮތީ ވަރަށް ހަނި ފުރުސަތެކެވެ.

ނަމަވެސް، އާދަމް ޝަރީފް ވެސް ވިދާޅުވި ފަދައިން، ސިޔާސީ އޮއިވަރަކީ ކޮންމެ ވަގުތެއްގައި ވެސް ކޮންމެ ގޮތަކަށް ވެސް އެނބުރިގެން ހިނގައިދާނެ އެއްޗެކެވެ.