Advertisement

އިއްޒަތާއި ޝަރަފުގެ ތަސައްވުރު

2 އޮގަސްޓު 2021 - 07:13 0

ނޫރުއްސަލާމް އަބޫބަކުރު

ނޫރުއްސަލާމް އަބޫބަކުރު

ތަސައްވުރު ފަސާދަވުން ނުވާނަމަ، ރިޝްވަތު ނަގާ ފަނޑިޔާރު ނިޔާވެރިކަމުގެ ގޮނޑީގައި ނުއިނީހެވެ. -- އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ) / އަދަދު


އިއްޒަތާއި ޝަރަފުގެ ތަސައްވުރު

2 އޮގަސްޓު 2021 - 07:13 0

އަސްލު ލިޔުއްވީ: މުޞްޠަފާ އަލްމަންފަލޫޠީ 1924މ

ތަރުޖަމާ: ނޫރުއްސަލާމް އަބޫބަކުރު

އިއްޒަތާއި ޝަރަފަކީ ކޮބައިކަން ދޭހަކޮށްގަނެވިއްޖެނަމަ އެންމެންނަކީ ވެސް އިއްޒަތްތެރީންކަމުގައި ނުވާނެހެއްޔެވެ؟ ތިމާއަށް ސިފަކުރެވިފައިވާ ނުވަތަ ބަޔަކު ސިފަކޮށްދީފައިވާ އިއްޒަތާއި ޝަރަފަށް އަދައިގެން މެނުވީ މިދުނިޔެ މަތީގައި އެއްވެސް ކަމެއް މީހަކު ކުރޭ ހެއްޔެވެ؟ ބައެއް ފަހަރަށް އިއްޒަތްތެރިކަން އޮތް ތަން ހޯދަން އުޅޭ މީހާއަށް އޮޅެނީ ނޫން ހެއްޔެވެ؟ އަނެއްބައިފަހަރަށް ދިމާވަނީނޫންހެއްޔެވެ؟

މަރާ މީހާ މަރަނީ، ތިމާގެ އަބުރަށްޓަކައި ނުވަތަ ނަފުސަށްޓަކައި އެ މިންވަރަށް ލޭ އޮހޮރުވާލުމަކީ އެއީ، އިއްޒަތްކަމުގައި ގަބޫލުކުރާތީއެވެ. ގާނޫނު އޭނާއަށް މުޖުރިމެކޭ ކިޔަސް ފަރުވާލެއް ނުބަހައްޓަނީ އެހެންވެއެވެ. އޭނާގެ ނަޒަރުގައި އެގޮތް ގާނޫނަށްވުރެ އަދުލުވެރިވެފައި ތެދުވެރިވީމައެވެ.

ގޯސްމީހާ ގޯސް ހަދަނީ އޭނާގެ ފިނޑިކަމުގެ ހިރަފުހާއި ކިލާ އޭނާގެ ނަފުސުން ނައްތާލެވެނީ އެ އަމަލުގެ ސަބަބުން ކަމަށް ދެކެގެންނެވެ. އޭނާގެ އެ އަމަލަކީ ވިސްނުން ތޫނު ކެރޭ ހިތްވަރުގަދަ މީހަކަށް ނޫނީ ގެނެސް ނުގަނެވޭނެ ކަމެއް ކަމުގައި ގަބޫލުކޮށްގެންނެވެ.

ވަގުން ވައްކަންކޮށް ހިޔާނާތްތެރިން ހިޔާނާތްވެ މަކަރުވެރިން ހީލަތްހަދާއިރު، އެއިން ކޮންމެ މީހަކު ވެސް ދެކެނީ ހުރިހާ އިއްޒަތެއް އޮތީ މުދަލުގައި ކަމަށެވެ. އެޔާ ހަމައަށް ވާސިލުވުމުގެ މަގަކީ ކިތަންމެ ދެރަވަރު މަގެއްކަމުގައި ވިޔަސްވެހެވެ. ދެކޮޅުވެރިންނާއި ފާޑުކިޔާ މީހުންގެ އަޑުތައް އޭގެ ތެރެއަށް ހިންދާލަދޭނޭ، އެފަހުން ތިމާގެ އަޑު ނޫނީ އިއްވައި ނުދޭނޭ، ބޫންއަޑު ރަންގަނޑުގައިވާ ކަމަށް އެ މީހުން ގަބޫލުކުރެއެވެ.

ދޯހަޅީން އެ މީހުންނަކީ އިއްޒަތްތެރީންކަމުގައި ތަސައްވުރު ކުރަނީ މިގޮތަށެވެ. އެ މީހުން ޝަރަފުވެރިކަމަށް އެދި އެކަމަކު އެ ޝަރަފުވެރިކަމުގެ ބިންގަރާސް ހޯދުމުގައި ކުށްކުރަނީ މިފަދައިންނެވެ. އެގޮތަށް އެ މީހުންގެ ތަސައްވުރުތައް ފަސާދަކޮށް ހަދަނީ އެ މީހުންގެ އެކުވެރިންނާއި ރަހުމަތްތެރިންނާއި ފެނިދެނިވެ އުޅޭ މީހުން ފިޔަވައި އެހެން ބައެއް ނޫނެވެ.

ބަދަލުހިފުމުގެ ގާބިލުކަން ނެތް ކޮންމެ މީހެއް އެ މީހުން ކުޑައިމީސްކުރެއެވެ. ލޭ، ލެއިން ދޮވެ އެކަން މަތިވެރިކޮށްގަތުމަށެވެ. އެއަށްފަހު ރަނގަޅަށް ސީދަލަށް ހުރި މީހާއަށް އެ މީހާގެ ފިނޑިކަމާއި ނިކަމެތިކަން ހަނދާންކޮށްދީ މައްލަވަކުރެއެވެ. އެ މީހަކު ފަޅަފަޅައިން ދަންދެނެވެ. ވަރިހަމަ ވަންދެންނެވެ. ދެން އޭނާއަށް ބެރުޖަހައިދީ ހުޝާމަދުކުރެއެވެ.

ފައިސާވެރިޔާއަށް އެ މީހުން މާތްކޮށް ހިތައެވެ. އޭނާގެ ކޮންމެ ފައިސާ ފޮއްޗެއް ލޭން ތަތްތެޅިފައި އޮތަސްވެހެވެ. ފަގީރުންނަކީ ދަށް ބަޔެއްކަމުގައި، ހިތްސާފު މީހުންނަކީ ބީތާއިންކަމުގައި، ފަސްބައި ސާފު ނަމަ މޯދަނޑި ގަމާރުންކަމުގައި، ރުޅިމަޑުވެފައި ކެތްތެރި ނަމަ މޯލުންކަމުގައި ބުނަނީ މިބައިމީހުންނެވެ.

ދޯހަޅި މަހުޖަނުންގެ ސިކުނޑިތަކުގައި ހަގީގަތްތަކުގެ ތަސްވީރުތައް އެފުށް މިފުށަށްޖެހެއެވެ. އެބައިމީހުންގެ ނަޒަރުތަކުން އޭގައި ލައްވަނީ ނުބައި ފޭރާމެކެވެ. ދެން ފެންނަނީ އޭގެ އަސްލު ކުލަތަކެއް ނޫނެވެ. އެހެން ކުލަތަކެއް އެމީހުންނަށް ފެނިގެން އުޅޭ އަޑުއިވިއްޖެނަމަ އެކަމާ ހައިރާންނުވާށެވެ. އަހަރެމެން އެބަޔެއްގެ ސިކުނޑިތައް ވިޔަކުރާ އެބައެއްގެ ވިސްނުންތަކާއި އެނގުންތަކަށް ތާރީފުކުރާ މާ ހާއްސަ މީހުންގެ ތެރޭގައި ވެސް ހެވާއި ނުބައި ވަކިނުވާ މީހުން އުޅެއެވެ. ނުބަޔާ މެދު ފަހުރުވެރިވެފައި ރަނގަޅާ މެދު ލަދުގަނެދާނެ މީހުންނެވެ.

ތަސައްވުރު ފަސާދަވުން ނުވާނަމަ، ހެޔޮކަމެއް ދިފާއު ނުކުރެވޭ، ހައްގެއް ލިބިނުގަނެވޭ ހަނގުރާމައެއްގައި އެއްހާސް އިންސާނުންގެ ފުރާނަ ދުއްވާލެވިގެން ކޮމާންޑަރަކު ފަހުރުވެރިވެ ނޫޅޭނުނީހެވެ. ތަސައްވުރު ފަސާދަވުން ނުވާނަމަ އިލްމުވެރިންނާއި ބުއްދިވެރީންނާއި ބޭސްވެރިންގެ ލިސްޓްގައި، ލޭއޮހޮރުވި އެއްކަލަ ކަލޭގެ ނަމެއް ތާރީހު އިލްމުވެރިން ނުލިޔުނީހެވެ. އިންސާނީ ހިދުމަތްތެރީން، އިންސާނީ ތަހުތު އުފުލި ސާފު އަތްތިލަތަކުގެ ވެރީންނާ އެއް ސަފުހާގައި އެއްފޮޅުވަތެއްގައެވެ.

ތަސައްވުރު ފަސާދަވުން ނުވާނަމަ، ރިޝްވަތު ނަގާ ފަނޑިޔާރު ނިޔާވެރިކަމުގެ ގޮނޑީގައި ނުއިނީހެވެ. ދަށްވެ ނިކަމެތިވެގެން އެހުރި ދައުވާލިބޭ މީހާއާ ދިމާއަށް، ދެ ކޯ ފުއްޕައިގެން ދެ ބުމަ ގޮށްޖަހައިގެން ކުޑައިމީސްކޮށް އިހާނެތި ކޮށްލުމުގެ ނަޒަރުތަކުން ދެ ލޯ ބޮޑުކޮށްގެންނެވެ. ބަނޑުފުރާނަ މުއްތިކުރެވޭނެ ގޮތެއް ނެތިގެން ރިހާކުރު ފުޅިއެއް ވަގަށް ނެގުން ފިޔަވައި އޭނާގެ ކުށެއް ނެތެވެ. އެކަމަކު ޝައްކެތް ނެތްތާއެވެ. އެ ކުޑަ ވަގަށްވުރެ ޝަރަފުވެރިވެފައި އިއްޒަތްތެރީ މީނދަ ފެންނަ ބޮޑު ވަގެވެ. އިންސާފުވެރި ނިޔާވެރިއެއްގެ މަޖިލީހުގައި އެ ދެ މީހުން އެއް ހަމައިގައި ހުއްޓޭން ޖެހިއްޖެނަމަ، ޔަގީނުންވެސް ހުކުމް އަންނާނީ ބޮޑު ވަގު ކުށްވެރިވެގެންނެވެ. އެހެނީ ބޮޑު ވަގު ވައްކަންކުރީ އަމިއްލަ އިހްތިޔާރުގައި ދިރިއުޅުން މަޖާކޮށްލުމަށެވެ. އެކަމަކު ކުޑަ ވަގު ވައްކަންކުރީ މަރުން ސަލާމަތްވުމަށެވެ.

މީސްތަކުންގެ އުޅުންތައް އޮލަނބުކޮށް ގުޅުންތައް ސަހަލުކުރުމަށް ބޭނުންވާނަމަ އެ މީހުންގެ ތަސައްވުރުތައް ތަހުޒީބުކުރާށެވެ. އެމީހުންގެ ވިސްނުންތަކާއި ފިކުރުތައް އެއްހަމަކޮށް ސީދާކުރާށެވެ. އިންސާނީ މުޖުތަމައަކީ ތިމާގެ އަމަލުތަކުގެ ހެޔޮނުބައި މިނަން އޮތް ތަރާދެއްކަމުގައި، އެހެންނާ ރަނގަޅާއި ނުބައި ދައްކައިދޭ ލޯގަނޑެއްކަމުގައި ވިސްނައިނުދޭށެވެ. އިންސާނީ މުޅި މުޖުތަމައުގެ ވިސްނުމަށް ވަނީ ބަލިޖެހިފައެވެ. އޭގެ ތަސައްވުރު ވަނީ ކިލަނބުވެފައެވެ. އެހެންވީމާ މުޖުތަމައުގެ ހުކުމަކީ އަގެއް ހުރި އެއްޗެއް ނޫނެވެ. އޭގެ ބުރަދަނަށް ބަރޯސާވެވޭނެ އެއްޗެއް ނޫނެވެ.

އިއްޒަތްކަމުގައި މީހުން ދެކޭހާ ކަމެއް އަދައިގެން ދިރިއުޅުމަށް އިރުޝާދު ނުދޭށެވެ. މޭމަތީގައި ހިއްޕާލާނެ ރިހި ފޮއްޗެއް ނޫނީ ރަން ފޮއްޗެއް ވެރިމީހާގެ އަތުން ލިބުމީ އިއްޒަތުގެ ތެރެއިންވެސް އެންމެ ބޮޑު އިއްޒަތްކަމުގައި އެމީހުން ހަދާތަން ނުފެނޭހެއްޔެވެ؟ ވެރިމީހާވެސް އެ ފޮތިވަރު ގަތީ ގަހަނާ ހަދާ މީހާގެ އަތުން ފައްޓަރުބައި ގަންނަ އުސޫލުންކަން އެމީހުންނަށްވެސް އެނގޭނެ ތޯއްޗެކެވެ.

އިއްޒަތްތެރިކަމަކީ ހަޔާތާއި މުދަލާއި އަރާމުކުރުން އިންސާނީ މުޖުތަމައުގެ ހިދުމަތުގައި އެކީއެކަށް ހުސްކޮށްލީމާ ލިބޭ އެއްޗެވެ. ކިޔަވައިދޭ މީހާއަކީ އިއްޒަތްތެރިއެކެވެ. އިންސާނީ ސިކުނޑިން ދަބަރު ފިލުވައި އަލިކުރާތީއެވެ. ދިފާއުގައި ޖިހާދުކުރާ މީހާއަކީ އިއްޒަތްތެރިއެކެވެ. އަދުއްވުންގެ ވަކިތަކުން ގައުމު ހިމާޔަތްކޮށް ފަނާވުމުގެ އުދުވާނުން ގައުމު ފޭކޮށް ދުރަށްލާތީއެވެ. އިހްސާންތެރިކަން އޭގެ ގޮތުގައި ބަހައްޓާ މީހާއަކީ އިއްޒަތްތެރިއެކެވެ. ނިކަމެތީންގެ އަތްތަކުގައި ހިފަހައްޓައިގެން ދެރަމީހުންގެ ނޭވާތަކަށް ދިރުންދީގެން ހުންނާތީއެވެ. އަދުލުވެރި ނިޔާވެރިއަކީ އިއްޒަތްތެރިއެކެވެ. އަނިޔާލިބޭ މީހުންގެ ގާތަށް ފޮނުއްވުނު އިލާހީ މަދަދުގާރަކަށްވީތީއެވެ. މާތް އަހުލާގުތަކުގެ ވެރިޔާއީ އިއްޒަތްތެރިއެކެވެ. އޭނާގެ ގުޅުންތަކާއި އުޅުންތަކާއި އެކުލެވުންތަކުން އެކުއުޅޭ މީހުންނާއި އަނެކުންނަށް ރަނގަޅުހާ އަސަރުތައް ކުރާތީއެވެ. އަދަބު އަހުލާގުގެ އެންމެ މަތިވެރި ފިލާވަޅުކަމުގައިވާ ދިރިހުރި ނަމޫނާ އޭނާގެ ކިބައިން ފެނިފެނި ހުންނާތީއެވެ. އުފެއްދުންތެރީންނާއި މަސައްކަތްތެރީންނާއި ދަނޑުވެރިންނާއި ވިޔަފާރިވެރިންނަކީ ޝަރަފުވެރިންނެވެ. އަމާނާތްތެރިކަމާއެކު އޮލަނބަށް ތިބިހާ ހިނދަކުއެވެ. އިންސާނީ މުޖުތަމައު އެބައިމީހުންގެ ކޮނޑަށްލައިގެން ތިބި ބަޔަކީ އެ މީހުންކަމުގައި ވީތީއެވެ. އެވެއްޓި ވިހާލިވެދާނެތީ، ބުރަޔާއި އުނދަގުލާއި ތަކުލީފު އުފުލައި ތަހައްމަލު ކުރަމުންދާ ބަޔަކީ އެމީހުންނަށްވީތީއެވެ.