Advertisement

އަފްގާން ހަނގުރާމަ: ރައްޔިތުން ބޮޑު ބިރުވެރިކަމެއްގައި!

2 އޮގަސްޓު 2021 - 08:40 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އަފްގާނިސްތާން ސިފައިން.-- ފޮޓޯ: އޭއެފްޕީ


އަފްގާން ހަނގުރާމަ: ރައްޔިތުން ބޮޑު ބިރުވެރިކަމެއްގައި!

2 އޮގަސްޓު 2021 - 08:40 0

ކާބުލް، އަފްގާނިސްތާން (އޯގަސްޓް 1) - އަފްގާނިސްތާނުގެ ހަނގުރާމައިގައި ހަނގުރާމަވެރިން ބޮޑެތި ސިޓީތައް ހިފަން މަސައްކަތް ކުރަމުން ދާތީ ތާލިބާން ޓާގެޓުތަކަށް ބޮން އަޅަން ފަށައިފި އެވެ.

އެތައް ސަތޭކަ ސިފައިން ހުޅަނގު ހިރާތު ސިޓީއަށް ފޮނުވާފައި ވާއިރު، ދެކުނު ލަޝްކަރް ގަހް ސިޓީން ވެސް ވަނީ އިތުރު ސިފައިން ފޮނުވައި ދިނުމަށް އެދިފަ އެވެ. އެ ސިޓީގެ ބައެއް އާއްމުން ބުނީ ސިފައިންގެ ވައިގެ ހަމަލާތަކުގައި މަގުމަތީގައި ތިބި ގިނަ ބަޔަކު މަރުވެފައިވާ ކަމަށެވެ.

އަފްގާން ސިފައިންނާއި ތާލިބާނުންނާ ދެމެދު ކުރާ ހަނގުރާމަ ވަރުގަދަ ކޮށްފައި ވަނީ މިދިޔަ މޭ މަހުން ފެށިގެން ބޭރުގެ ފައުޖުތައް އަފްގާނިސްތާން ދޫކޮށް ދާން ފެށުމުންނެވެ.

ރަށް ފުށުގެ ބޮޑު ހިސާބެއްގެ ކޮންޓްރޯލް ހޯދުމަށް ފަހު ތާލިބާނުން ވަނީ މުހިއްމު ބޯޑަރު ކްރޮސިންތައް ވެސް ހިފާފަ އެވެ. މިހާރު އެ މީހުންގެ އަމާޒަކީ ޕްރޮވިންސްތަކުގެ ވެރިރަށްތަކެވެ.

އާދީއްތަ ދުވަހު ފަތިސް ގަޑީގައި އަފްގާނިސްތާނުގެ ދެ ވަނަ އަށް އެންމެ ބޮޑު ކަންދަހާރް ސިޓީގެ އެއާޕޯޓުގެ ރަންވޭއަށް ދެ ރޮކެޓް ވެއްޓުމާ ގުޅިގެން ފްލައިޓުތައް މެދުކަނޑާލި އެވެ.

އެ ހަމަލާގެ ޒިންމާ އުފުލުމަށް ފަހު ތާލިބާނުން ބުނީ އެއާޕޯޓުން ދަތުރު ފަށާ އަސްކަރީ ވައިގެ އުޅަނދުތަކުން ހަނގުރާމަވެރިން ތިބޭ ހިސާބުތަކަށް ބޮން އަޅަމުންދާ ކަމަށެވެ.

އެއާޕޯޓުގެ ޗީފް މަސްއޫދް ޕަޝްތުން ވިދާޅުވީ އާދީއްތަ ދުވަހު ފްލައިޓުތައް އަލުން ފެށީ ރަންވޭ މަރާމާތު ކުރުމަށް ފަހު ކަމަށެވެ.

ކަންދަހާރް ސިޓީއިން ތާލިބާނުން ބޭރު ކުރުމަށް ލޮޖިސްޓިކްސް އަދި އެއާ ސަޕޯޓުގެ ގޮތުގައި އެ އެއާޕޯޓް ވަރަށް މުހިއްމެވެ.

އެއާޕޯޓަށް ހަމަލާ ދީފައި ވާއިރު ހެލްމަންދް ޕްރޮވިންސްގެ ވެރިރަށް ލަޝްކަރް ގަހް ހިފުމާ ތާލިބާނުން ވަނީ ގާތްވެފަ އެވެ.

"ސިޓީ ތެރޭގައި ދަނީ ހަމަލާ ބަދަލު ކުރަމުން. ސްޕެޝަލް ފޯސް ނެރުމަށް އަޅުގަނޑުމެން ވާނީ އެދިފައި،" ހެލްމަންދް ޕްރޮވިންޝަލް ކައުންސިލްގެ ވެރިޔާ އަތާއުﷲ އަފްގާން އޭއެފްޕީއަށް ވިދާޅުވި އެވެ.

ދަންވަރު ބޮން އެޅުން

ސިޓީތައް ކައިރިން ހަނގުރާމަވެރިން ފައްސާލުމަށް ސިފައިން ބޭނުން ކުރަނީ ވައިގެ ހަމަލާތަކެވެ. ނަމަވެސް މިފަދަ ހަމަލާތަކުގައި އާއްމުންގެ ގިނަ ބަޔަކު މަރުވުމުގެ ފުރުސަތު ބޮޑެވެ.

"ބޮން ނާޅާ ސިޓީގެ އެންމެ އިންޗިއެއް ވެސް ނެތް،" ދެ ލައްކަ މީހުން ދިރިއުޅޭ ލަޝްކަރް ގަހްގެ ރައްޔިތެއް ކަމަށްވާ ބާދްޝާހް ހާން އޭއެފްޕީއަށް ބުންޏެވެ.

އޭގެ އިތުރުން ތާލިބާނުންނާއި ސިފައިން މަގުތައް މަތީގައި ވެސް ހަމަލާ ބަދަލު ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ.

"މަގުމަތީގައި މަރުވެފައިވާ މީހުންގެ ހަށިތައް ފެންނަން އެބަ ހުރި. ސިޓީގެ މައި މައިދާނުގައި ވެސް މީހުންގެ ހަށިތައް އެބަ ހުރި،" ސިޓީގެ ފުލުހުންގެ މައި މަރުކަޒާއި ގަވަނަރު އޮފީސް ވަށާލައިގެން ތާލިބާނުން ތިބިކަން ފާހަގަކުރަމުން އޭނާ ބުންޏެވެ.

އިންސާނީ އެހީދޭ ޖަމިއްޔާ، އެމެޖެންސީން ބުނީ އެ ސިޓީގައި ހުންނަ ޖަމިއްޔާގެ ހޮސްޕިޓަލްގެ 90 ޕަސެންޓު ފުރިފައި ވަނީ އަނިޔާވެގެން އައި މީހުންގެ ސަބަބުން ކަމަށެވެ.

"ދަންވަރު ވެސް ހޮސްޕިޓަލަށް އިވެމުން ދިޔައީ ބޮމުގެ އަޑު ފަށްގަނޑު. ހެނދުނު ވީ އިރު ވެސް ހުއްޓުމެއް ނެތް. އޭގެ އިތުރުން އޮޓޮމެޓިކް ބަޑި އާއި މެޝިން ބަޑި އަދި ސްނައިޕަރުންނާއި އާޓިލެރީގެ އަޑުތައް ވެސް އިވެމުން ދިޔަ،" އެމެޖެންސީގެ މެޑިކަލް ކޯޑިނޭޓަރު ވިކްޓޯ ޔޫރޮސެވިޗް ވިދާޅުވި އެވެ.

ހުޅަނގަށް އޮންނަ ހިރާތު ވަށައިގެންވާ ސަރަހައްދުގައި ވެސް ދަންވަރު ހަމަލާ ބަދަލު ކުރިއިރު ތާލިބާނުންނަށް އަމާޒުކޮށް ވައިގެ ހަމަލާތައް ދީފައި ވެ އެވެ.

ހިރާތުގެ ޕްރޮވިންޝަލް ގަވަރުނަރު އޮފީހުގެ ތަރުޖަމާން ޖައިލާނީ ފަރްހާދް ވިދާޅުވީ ހަމަލާތަކުގައި 100 ހަނގުރާމަވެރިން މަރުވެފައިވާ ކަމަށެވެ.

އާދީއްތަ ދުވަހު އަފްގާން ޑިފެންސް މިނިސްޓްރީން ބުނީ އެތައް ސަތޭކަ ސިފައިން ހިރާތަށް އަނެއްކާ ވެސް ފޮނުވާފައިވާ ކަމަށެވެ.