Advertisement

ޕީޕީއެމުން ގަބޫލު ކުރަނީ މަރު ކޮމިޝަނަށް ޔާމީން ހާޒިރު ކުރަނީ ޕާޓީ ނިކަމެތިކުރަން ކަމަށް

1 އޮގަސްޓު 2021 - 21:25 1

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ޕީޕީއެމްގެ ވަގުތީ ލީޑަރު އަބްދުއްރަހީމް: ވިދާޅުވީ ރައީސް ޔާމީން ކޮމިޝަނަށް ހާޒިރު ކުރަނީ އަސާސެއް ނެތި ކަމަށް -- ފޮޓޯ: ޕީޕީއެމް


ޕީޕީއެމުން ގަބޫލު ކުރަނީ މަރު ކޮމިޝަނަށް ޔާމީން ހާޒިރު ކުރަނީ ޕާޓީ ނިކަމެތިކުރަން ކަމަށް

1 އޮގަސްޓު 2021 - 21:25 1

ގެއްލުވާލައި މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މައްސަލައިގައި ސުވާލު ކުރުމަށް ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރާ ކޮމިޝަނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހާޒިރު ކުރަނީ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ނިކަމެތި ކުރުމަށް ކަމަށް އެ ޕާޓީގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

ގެއްލިފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރާ ކޮމިޝަނަށް ޔާމީން ހާޒިރުވުމަށް އަންގާފައި ވަނީ އަންނަ އަންގާރަ ދުވަހު މެންދުރު ފަހު 2:00 ޖަހާއިރަށެވެ. އެމަނިކުފާނު ކޮމިޝަނަށް ހާޒިރު ކުރަނީ ރިލްވާން މައްސަލައިގެ ސީދާ ކޮން ކަމަކާ ގުޅިގެންކަން މިހާތަނަށް އެނގިފައެއްނުވެ އެވެ.

އެކަމާ ގުޅޭ ގޮތުން "އަދަދު" އާ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ކޮމިޝަނަށް ހާޒިރު ކުރަނީ އަސާސެއްގެ މައްޗަށް ބިނާކޮށް ނޫން ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ. އަދި ސަރުކާރުގެ ބޭނުމަކީ ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތައް ނިކަމެތިކޮށްލުން ކަމަށް ވެސް އޭނާ ވިދާާޅުވި އެވެ.

"ސަރުކާރުން ހަމަ ރައީސް ޔާމީން ދެކެ ބިރު ގަންނަނީ. ރައީސް ޔާމީނަށް ކޮންމެވެސް ޖެއްސުމެއް ކުރެވޭތޯ އަބަދު އެ ބަލަނީ. ޕީޕީއެމް ކޯލިޝަންގެ ސިޔާސީ ހަރަކާތްތައް އިތުރަށް ވަރުގަދަވާނެ ކަމަށް ބަލައިގެން ރައީސް ޔާމީނަކީ ހަތިޔާރަކަށް ހަދައިގެން އެމަނިކުފާނަށް ބިރު ދެއްކުމާއި ޖެއްސުން ކުރަން ކުރާ ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ މަރުތައް ތަހުގީގު ކުރާ ކޮމިޝަނަށް ޖެހިލުންވެވަޑައިނުގަނެ ރައީސް ޔާމީން ވަޑައިގަންނަވާނެ ކަމަށެވެ.

"ރައީސް ޔާމީން ވަޑައިގަންނަވާނެ. ހަމަ އެއްވެސް ޖެހިލުންވެވަޑައެއްނުގަންނަވާނެ. ސަރުކާރުން ހަމަ ކޮންމެ ކަމެއް ދެންނެވިޔަސް ރައީސް ޔާމީން އެއްބާރުލުން ދެއްވާނެ،" އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ މެމްބަރުން އިތުރު ކުރުމަށް މި ފަހުން އެ ޕާޓީން ވަނީ ކެމްޕެއިނެއް ފަށައިފަ އެވެ. އަދި ގައުމު މިނިވަން ކުރުމަށް ކަމަށް ބުނެ މިދިޔަ ހުކުރު ދުވަހު ވެސް ޕީޕީއެމުން ކެމްޕެއިނެއް ފެށި އެވެ.

ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކާ ގުޅުމަށް ހުރިހާ ސިޔާސީ ޕާޓީތަކާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ސިޔާސީ ގޮތުން ހުންނެވެން ނެތް ކަމަށް އިއުލާން ކުރައްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހުކުރު ދުވަހުގެ ކެމްޕެއިނުގައި ޕީޕީއެމުން ވަނީ ދައުވަތު އަރުވައިފަ އެވެ.

މަރުތައް ތަހުގީގު ކުރާ ކޮމިޝަނުގެ މެމްބަރު މިސްބާހު އައްބާސް މިރޭ މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ ޔާމީން އެ ކޮމިޝަނަށް ހާޒިރު ކުރަނީ ރިލްވާން މަރާލި މައްސަލައިގައި "ސުވާލު ކުރުމަށް ބޭނުންވާތީ" ކަމަށެވެ. އޭގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

މިނިވަން ނިއުސްގައި މަސައްކަތް ކުރި ނޫސްވެރިޔާ ރިލްވާން ގެއްލުވާލާފައި ވަނީ އޯގަސްޓް 7، 2014 ގަ އެވެ. ޓެރަރިސްޓު ޖަމާއަތް އަލް-ގައިދާ އަށް ނިސްބަތްވާ ދިވެހި ބަޔަކު ރިލްވާން މަރާލުމަށްފަހު ކަނޑު ފެއްތި ކަމަށް މަރު ކޮމިޝަނުން ބުނެފައި ވަނީ ސެޕްޓެމްބަރު، 2019 ގަ އެވެ.

ރިލްވާން މަރާލީ އޭނާއަކީ މުރުތައްދެއް ކަމަށް ކަނޑައަޅައި އެ ޖަމާއަތް ތެރޭގައި ހުކުމް ކުރުމަށްފަހު ދީނުގެ ނަމުގައި ކަމަށް ވެސް މަރު ކޮމިޝަނުން ބުންޏެވެ. އަދި ރިލްވާން މަރާލީ ޝަހާދަތުގެ ދެކަލިމަ އޭނާ ކިޔައި ކިޔައި އޮއްވާ ކަމަށް ވެސް ކޮމިޝަނުން ހާމަ ކުރި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ދުވަހު އުފެއްދެވި މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން ބުނެފައި ވަނީ ރިލްވާން މަރާލި މީހުންނަކީ ހަނގުރާމައަށް ދިޔުމަށް ރާއްޖެއިން މީހުން ރެކްރޫޓު ކުރުމުގެ އިތުރުން މަސްތުވާތަކެތި ވިއްކުމާއި މި ބާވަތުގެ ކުށްތަކަށް ވެސް އަރައިގަންނަ ބައެއް ކަމަށެވެ.

ރިލްވާންގެ މަރުގެ މައްސަލައިގައި ރައީސް ޔާމީންއާ ސުވާލު ކުރާއިރު މިހާރު ވެސް ހަ ޖިނާއީ ދައުވާ އެމަނިކުފާނުގެ މައްޗަށް ދައުލަތުގެ ފަރާތުން ވަނީ އުފުލައިފަ އެވެ. އަދި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާއިން އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަކަށް ޖަމާވެފައި އޮތް މައްސަލައެއްގައި މިހާރު ވެސް ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ރިޝްވަތު ނެންގެވުމާއި ކަޅު ފައިސާ ދޮވުމުގެ އެހެން މައްސަލައެއްގެ ޝަރީއަތް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި މިއަދު ވެސް ކުރިއަށްގެންދިޔަ އެވެ. އެއީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ވިއްކައިގެން ލިބުނު 1.1 މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަކަށް ޖަމާކުރައްވާފައިވާ މައްސަލައެއްގަ އެވެ.

އޭގެ އިތުރުން ރިސޯޓެއް ގޮތަށް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލައެއްގައި އެމަނިކުފާނުގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އޮތީ ފޮނުވައިފަ އެވެ.