Advertisement

ޗައިނާގައި އެއް ފަހަރާ އެތައް މިލިއަން ބަޔަކު ކޮވިޑަށް ޓެސްޓު ކުރަން ފަށައިފި

2 އޮގަސްޓު 2021 - 06:30 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޗައިނާގައި ކޮވިޑަށް ޓެސްޓު ކުރަން ކިޔު ހަދާފައި.-- ފޮޓޯ: އޭއެފްޕީ


ޗައިނާގައި އެއް ފަހަރާ އެތައް މިލިއަން ބަޔަކު ކޮވިޑަށް ޓެސްޓު ކުރަން ފަށައިފި

2 އޮގަސްޓު 2021 - 06:30 0

ބެއިޖިން، ޗައިނާ (އޯގަސްޓް 1) - ގިނަ ދުވަސްތަކަކަށް ފަހު ޗައިނާގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެން ފެށުމުން ސިޓީތަކުގައި އެއް ފަހަރާ އެތައް މިލިއަން ބަޔަކު ޓެސްޓު ކުރަން ފަށައިފި އެވެ.

އާދީއްތަ ދުވަހު ޗައިނާއިން 75 ކޭސް ފެނުނު އިރު އޭގެ ތެރެއިން 53 މީހުންނަކީ ޗައިނާތެރޭގައި ބަލި ފެތުރިގެން ޕޮޒިޓިވްވި މީހުންނެވެ. މި ފަހަރު ބަލި ފެތުރެން ފެށީ އެއާޕޯޓެއްގެ މުވައްޒަފުންނާ ގުޅިފައިވާ ކްލަސްޓާ އަކުންނެވެ. އެ ކްލަސްޓާ އާ ގުޅިފައިވާ ކޭސްތައް މިހާރު ވަނީ 20 ސިޓީއަކާއި ގިނަ ޕްރޮވިންސްތަކުން ވެސް ފެނިފަ އެވެ.

މިއީ އެތައް މަހަކަށް ފަހު ޗައިނާގެ އެހާ ބޮޑު ސަރަހައްދަކަށް އަނެއްކާވެސް ބަލި ފެތުރުނު ފަހަރެވެ. މިދިޔަ އަހަރު ޗައިނާއިން ވަނީ އެ ގައުމުގެ ތެރޭގައި ކޮވިޑް ފެތުރުން ކާމިޔާބު ކަމާއެކު ކޮންޓްރޯލްކޮށްފަ އެވެ.

ނަމަވެސް މި ފަހަރު ބޮޑު ސަރަހައްދަކަށް ބަލި ފެތުރިފައި ވާއިރު، ކޭސްތައް ގުޅިފައި ވަނީ ހަލުވިކަމާއެކު ފެތުރޭ ޑެލްޓާ ވޭރިއެންޓާ އެވެ. އެންމެ ފުރަތަމަ މި ވޭރިއެންޓާ ގުޅިފައިވާ ކޭހެއް ޗައިނާއިން ފެނުނީ މިދިޔަ ޖުލައި މަހު، އިރުމަތީ ޖިއާންގްސޫ ޕްރޮވިންސްގެ ނަންޖިންގް އެއާޕޯޓުންނެވެ.

އެ ސިޓީގެ 9.2 މިލިއަން މީހުން މިހާތަނަށް ތިން ފަހަރަށް ކޮވިޑަށް ޓެސްޓުކޮށްފައި ވާއިރު، އެތައް ލައްކަ ބަޔަކު ތިބީ ލޮކްޑައުންގަ އެވެ.

އޮފިޝަލުން މިހާރު މަސައްކަތް ކުރަމުން ނަންޖިންގް އާއި ޒަންގްޖިއަޖީން ދަތުރު ކުރި މީހުން ޓްރޭސް ކުރުމަށެވެ. ޒަންގްޖިއަޖީ އަކީ ހުނާން ޕްރޮވިންސްގެ ފަތުރުވެރި މަންޒިލެކެވެ. އެ ތަނުގައި އުޅޭ 1.5 މިލިއަން މީހުން ތިބީ ލޮކްޑައުންކޮށްފަ އެވެ.

އާދީއްތަ ދުވަހު އާ ކޭސްތައް ފެނުނު ތަންތަނުގެ ތެރޭގައި ފަތުރުވެރިންގެ މެދުގައި މަގްބޫލް ހައިނާން އައިލެންޑާއި ނިންގްޒިއާ އަދި ޝަންޑޮންގް ޕްރޮވިންސް ހިމެނެ އެވެ.

އޭގެ އިތުރުން ދާދި ފަހުން ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުން ބޮޑެތި ގެއްލުންތަކެއް ވެފައިވާ ހިނާން ޕްރޮވިންސްގެ ޒެންގްޒައު ސިޓީގެ ހޮސްޕިޓަލުގެ ދެ މުވައްޒަފު ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ. އެ ދެ މުވައްޒަފުންނަކީ ގައުމުން ބޭރުން އައި ކޮވިޑް ބަލި މީހުންނަށް ފަރުވާ ކުރަމުން ދިޔަ ދެ މުވައްޒަފުންނެވެ.

އެ ސިޓީގެ ތެރޭގައި މިހާރު ބަލި ފެތުރޭ ކަމަށް ބެލެވެނީ އިތުރު 27 މީހަކު އާދީއްތަ ދުވަހު ޕޮޒިޓިވްވުމުންނެވެ. އެހެންވެ، އެ ސިޓީގެ 10 މިލިއަން މީހުން އަވަހަށް ޓެސްޓު ކުރަން ވަނީ އަމުރުކޮށްފަ އެވެ. އެ ސިޓީގެ ހެލްތު ކޮމިޝަންގެ ވެރިޔާ ވަނީ މަގާމުން ވަކިކޮށްފަ އެވެ.

މިހާރު އުފެދިފައިވާ ކްލަސްޓާގައި ހިމެނޭ ބައެއް މީހުންނަކީ ވެކްސިން ޖަހާފައިވާ މީހުންނަށް ވާތީ ބައެއް އާއްމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެއާއެކު އޮފިޝަލުން ބުނީ އެއީ "ނޯމަލް" ކަމެއް ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ވެކްސިން ޖަހަން ޖެހޭ ކަމަށެވެ.

"ޑެލްޓާ ވޭރިއެންޓާ ދެކޮޅަށް ކޮވިޑް ވެކްސިން ލިބޭ ރައްކާތެރިކަން ކުޑަވެދާނެ. އެކަމަކު މި ވެކްސިނަކީ ޑެލްޓާ ވޭރިއެންޓާ ދުރުވުމަށާއި ޖެހިއްޖެ ނަމަ ރައްކާތެރިވުމަށް ރަނގަޅަށް މަސައްކަތް ކުރާ ވެކްސިނެއް،" ޗައިނީޒް ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުގެ ވައިރޮލޮޖިސްޓް ފެންގް ޒިޖިއަން ވިދާޅުވި އެވެ.

މިދިޔަ ހުކުރު ދުވަހާ ހަމައަށް ޗައިނާގައި ވަނީ ވެކްސިންގެ 1.6 ބިލިއަން ޑޯޒް ޖަހާފަ އެވެ. ނަމަވެސް ވެކްސިން ފުރިހަމަކޮށްފައިވާ މީހުންގެ އަދަދުތައް ބެއިޖިން ނޭޝަނަލް ހެލްތު ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.