Advertisement

ދެ އަހަރު ތެރޭ މިޔަންމާގެ އިންތިހާބު ބާއްވަން އަސްކަރީ ވެރިޔާ ނިންމަވައިފި

2 އޮގަސްޓު 2021 - 05:13 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މިޔަންމާގައި ހިންގި ބަގާވާތާ ދެކޮޅަށް މުޒާހަރާ ކުރަނީ.-- ފޮޓޯ: އޭއެފްޕީ


ދެ އަހަރު ތެރޭ މިޔަންމާގެ އިންތިހާބު ބާއްވަން އަސްކަރީ ވެރިޔާ ނިންމަވައިފި

2 އޮގަސްޓު 2021 - 05:13 0

ޔަންގޯން، މިޔަންމާ (އޯގަސްޓް 1) - ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ފަހު އިންތިހާބު ބާއްވާނެ ކަމަށް މިޔަންމާގެ ބަގާވާތަށް ފަހު ވެރިކަން ކުރައްވާ އަސްކަރީ ލީޑަރު ވިދާޅުވެއްޖެ އެވެ.

ފެބްރުއަރީ އެއް ވަނަ ދުވަހު ހިންގި ބަގާވާތެއްގައި އިންތިހާބީ ލީޑަރު އަންގް ސަންގް ސޫ ކީ ހައްޔަރު ކުރުމަށް ފަހު ހުންނެވީ ބަންދުގަ އެވެ. ބަގާވާތާ ދެކޮޅަށް ބާއްވާ އެއްވުންތަކުން މިހާތަނަށް 900 އަށް ވުރެ ގިނަ މީހުން މަރުވެފައި ވެ އެވެ.

ބޮޑު ދާހިލީ ހަމަނުޖެހުމެއް އޮތް މިޔަންމާގެ ކޮވިޑުގެ ހާލަތު ވެސް އެހާ ގޯހެވެ. ހޮސްޕިޓަލްތައް ފުރެމުން ދާއިރު، ބަގާވާތާ ދެކޮޅު ސިއްހީ މަސައްކަތްތެރިން ވަޒީފާއަށް ނުނިކުމެ އެވެ. ވޯލްޑް ބޭންކުން ބުނީ އެ ގައުމުގެ އިގްތިސާދު 18 ޕަސެންޓް ފަހަތަށް ވެއްޓޭނެ ކަމަށެވެ.

ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި އަސްކަރީ ވެރިޔާ މިން އޯންގް ލެއިންގް ވިދާޅުވީ އޯގަސްޓް 2023 ގެ ކުރިން ކުއްލި ނުރައްކަލުގެ ހާލަތު އުވާލައްވާނެ ކަމަށެވެ. އަދި ގިނަ ޕާޓީތަކަށް ބައިވެރިވެވޭ އިންތިހާބެއް ބާއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ.

ޖެނެރަލް ލެއިންގް އިއުލާން ކުރެއްވި ނިންމުމުގެ ސަބަބުން ކުރިއަށް އޮތް ދެ އަހަރު މިޔަންމާ ކޮންޓްރޯލް ކުރާނީ ސިފައިންނެވެ. ނަމަވެސް ބަގާވާތް ހިންގިތާ ކުޑަ ދުވަސްކޮޅެއް ފަހުން ބުނެފައި ވަނީ އެއް އަހަރު ތެރޭގައި އިންތިހާބު ބާއްވާނެ ކަމަށެވެ.

ބަގާވާތުގެ ސަރުކާރަށް ދީފައިވާ ނަމަކީ "ސްޓޭޓް އެޑްމިނިސްޓްރޭޝަން ކައުންސިލް" އެވެ. އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވަގުތީ ސަރުކާރުގެ ބޮޑު ވަޒީރުގެ މަގާމަށް ލެއިންގް އައްޔަނުކޮށްފައިވާ ކަމަށެވެ.

ސިފައިން ބުނެފައި ވަނީ ސޫ ކީ އާ ދެކޮޅަށް ނިކުންނަން ޖެހުނީ އެކަމަނާގެ ނޭޝަނަލް ލީގް ފޯ ޑިމޮކްރެސީ (އެންއެލްޑީ) އިން 2020 ވަނަ އަހަރު ބޮޑު ކާމިޔާބެއް ހޯދި އިންތިހާބުގައި މަކަރު ހަދާފައި ވާތީ ކަމަށެވެ.

މިދިޔަ ހަފްތާގައި އެ އިންތިހާބުގެ ނަތީޖާ ކެންސަލް ކުރުމަށް ފަހު ބުނެފައި ވަނީ ވޯޓުލުމުގައި މަކަރު ހެދިކަން ސާބިތުވާ 11 މިލިއަން ކޭސް ފެނިފައިވާ ކަމަށެވެ.

ފެބްރުއަރީ މަހުން ފެށިގެން ބަންދުގައި ހުންނެވި ސޫ ކީ އާ ދެކޮޅަށް ގިނަ ޝަރީއަތްތަކެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮވިޑުގެ ފިޔަވަޅުތަކާ ހިލާފުވުމާއި، ގާނޫނާ ހިލާފަށް ވޯކީ ޓޯކީ އިމްޕޯޓު ކުރުން ފަދަ ކަންކަމެވެ. ކުށް ސާބިތުވެއްޖެ ނަމަ 10 އަހަރަށް ވުރެ ދިގު ހުކުމެއް އަންނާނެ އެވެ.

ބަގާވަތުގެ ލީޑަރުންނާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅާއެކު ބައިނަލްއަގްވާމީ ގޮތުން ޕްރެޝަރު ކުރަމުން ދިޔަ ނަމަވެސް، އެ މީހުން ތިބީ ދޫ ދޭ ގޮތަކަށް ނޫނެވެ.

މިޔަންމާ އޮންނަ ސަރަހައްދުގެ 10 ގައުމު ހިމެނޭ އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިއަން ނޭޝަންސް (އޭސިއާން) އިން ވަނީ މަޝްވަރާކޮށްގެން ހައްލެއް ލިބޭތޯ މަސައްކަތް ކޮށްފަ އެވެ.

މިދިޔަ އޭޕްރިލް މަހު އޭސިއާންގެ ލީޑަރުން ވަނީ ވަގުތުން ހަމަނުޖެހުން ހުއްޓާލުމަށް ގޮވާލާފަ އެވެ. އަދި ސަރަހައްދީ ހާއްސަ މަންދޫބެއް މިޔަންމާއަށް ދިޔުމުގެ ފުރުސަތު ދިނުމަށް ވެސް ގޮވާލި އެވެ. އެކަމަށް އެންމެ ފުރަތަމަ އެއްބަސްވި ނަމަވެސް ފަހުން ހުއްދަ ދީފައެއް ނުވެ އެވެ.

ނަމަވެސް އާދީއްތަ ދުވަހު ޖެނެރަލް ލެއިންގް ވަނީ އޭސިއާންގެ މަންދޫބަކު ވަޑައިގަންނަވާނެ ކަމަށް އަނެއްކާ ވެސް ވިދާޅުވެފަ އެވެ. މަންދޫބެއްގެ ގޮތުގައި ނަގާފައި ވަނީ ތައިލޭންޑުގެ ކުރީގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ވިރަސަކްޑީ ފުޓްރަކުލް އެވެ.

މިޔަންމާގެ ސިފައިންނާއި ތައިލޭންޑުގެ ސިފައިންނާ ދެމެދު ޒަމާންވީ ގާތް ގުޅުމެއް އޮވެ އެވެ. މިޔަންމާ ފަދައިން ތައިލޭންޑުގައި ވެސް ގިނަ ބަގާވާތްތަކެއް 1932 ވަނަ އަހަރުން ފެށިގެން ހިންގާފައި ވެ އެވެ.