Advertisement

މަޖިލީހުގެ މައިނޯރިޓީ ނުގެއްލޭނެކަމުގެ ޔަގީންކަން

1 އޮގަސްޓު 2021 - 15:44 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމް/ޕީއެންސީއަށް ނިސްބަތްވާ މަޖިލީހުގެ ބައެއް މެމްބަރުން. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު


މަޖިލީހުގެ މައިނޯރިޓީ ނުގެއްލޭނެކަމުގެ ޔަގީންކަން

1 އޮގަސްޓު 2021 - 15:44 0

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ އިދިކޮޅު ޕީޕީއެމް/ޕީއެންސީއަށް ނުގެއްލޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިގޮތަށް ވިދާޅުވީ މަޖިލީހުގެ ފަސް މެމްބަރަކު އިސްވެ އުފައްދަވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޕާލިމެންޓްރީ ގްރޫޕްގައި މިހާރު ވެސް ހަތް މެމްބަރަކު އެބަތިއްބެވި ކަމަށާއި އުއްމީދަކީ މަޖިލީހުގައި ދެ ވަނަ އަށް އެންމެ ގިނަ ގޮނޑި ކޮންޓްރޯލްކުރާ ޕާޓީގެ މަގާމަށް ވާސިލްވުން ކަމަށް ދަގެނތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ހާމަކުރެއްވުމާ ގުޅިގެންނެވެ.

މަޖިލީހުގައި އެމްއެންޕީ ތަމްސީލްކުރައްވާނެ ކަން މިހާތަނަށް އިއުލާންކުރެއްވީ ނާޒިމްގެ އިތުރުން ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް އާއި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހްސިން ހަމީދާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.

އެމްއެންޕީ އުފެއްދުމުގެ މަސައްކަތްތަކުގައި އިސްކޮށް އުޅުއްވާ ނާޒިމް "އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ކުރީ ސަފުގައި މިހާރު ތިއްބެވި ފަސް މެމްބަރުންގެ އިތުރުން އެހެން މެމްބަރުންތަކެއް އެ ޕާޓީއާ އެކު މަސައްކަތް ކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކަމަށެވެ.

ޕާލަމެންޓްރީ ގްރޫޕް އުފައްދައި މަސައްކަތް ފަށައިގަންނަ އިރު ވެސް ޖުމްލަ ހަތް މެމްބަރުން ތިއްބަވާނެ ކަަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.

އެކަމާ ގުޅިގެން "އަދަދު"ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އާދަމް ޝަރީފް ވަނީ ޕީޕީއެމް އަދި ޕީއެންސީގައި ޖުމްލަ ނުވަ މެމްބަރުން ތިއްބެވިކަން ފާހަގަކުރައްވައިފަ އެވެ.

އެގޮތުން، ހަ މެމްބަރުންނާ އެކު މިވަގުތު މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ ގޮތުގައި ޕީޕީއެމް އޮތް ނަމަވެސް، އެކަން ދަމަހައްޓަން ޖެހިއްޖެ ހާލަތެއްގައި ޕީއެންސީގެ މެމްބަރުން ޕީޕީއެމަށް ބަދަލުވުން، ނުވަތަ މަޖިލީހުގައި ވެސް ރަސްމީކޮށް ކޯލިޝަނެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ގަވައިދު އޮތް ގޮތުން މަޖިލީހުގެ މަސައްކަތްތަކުގައި ޕާޓީތައްްް ގުޅިގެންް ކޯލިޝަނެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބެ އެވެ.

"އެންމެންނަށް ވެސް އެނގޭ ޕީޕީއެމާއި ޕީއެންސީ އަކީ ހަމަ އެއް ފިކުރެއްގެ އެއް ޕާޓީއެއް ކަން. އެހެންވީމާ ޕީއެންސީގެ މެމްބަރުން ޕީޕީއެމަށް މޫވް ކޮށްލައިގެން ނޫނީ ކޯލިޝަނެއްގެ ގޮތުގައި މަޖިލީހުގެ ތެރެއިން ވެސް ރަސްމީކޮށް މަސައްކަތް ކުރެވޭނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މަޖިލީހުގެ މިނިވަން މެމްބަރުންގެ ގޮތުގައި ތިއްބެވި މެމްބަރުން އެމްއެންޕީއަށް ސޮއި ކުރުމުގައި ރައްޔިތުން ޝަކުވާތަކާ ކުރިމަތިލާންޖެހުން ފަދަ ދަތިތައް ހުރި ނަމަވެސް، ޕީޕީއެމް/ޕީއެންސީއަށް އެފަދަ އުނދަގުލެއް ނޯންނާނެ އެވެ.

އެހެންކަމުން، މަޖިލީހުގެ މައިނޯރިޓީ ހޯދަން އެމްއެންޕީއަށް ނުވަ މެމްބަރުންނަށް ވުރެ ގިނަ މެމްބަރުން ހޯދަންޖެހޭނެ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ ތާއީދު އެންމެ ބޮޑު ދެ ޕާޓީއަކީ ޕީޕީއެމްގެ އިތުރުން އެމްޑީޕީ އެވެ. އެހެންކަމުން، އެމްއެންޕީއަށް ހަ ހާސް މެމްބަރުން ހަމަކުރެވިދާނެ ކަމާ މެދު ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.

ނަމަވެސް، މަޖިލީހުގެ ތެރެއިން މެމްބަރުން "ގަނެގެން" އެމްއެންޕީއަށް މެމްބަރުން އިތުރުކުރުމުގެ ފުރުސަތާ ޗެލެންޖު ނުކުރައްވާނެކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލެއް ނުކުރަން އަޅުގަނޑުމެންގެ މައިނޯރިޓީ ގެއްލުވާލެވޭނެ ކަމަކަށް،" އޭނާ ވިދާޅުވި އެވެ.

އެމްއެންޕީގެ ކައުންސިލަށް ކުރިމަތިލާން މިހާރު ހުޅުވާލާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ދިނީ ޕާޓީ އުފެއްދުމުގެ ހުއްދަ އެވެ.

ރަޖިސްޓްރީކުރުމުގެ ހުއްދަ ދޭނީ 3,000 މެމްބަރުންގެ ސޮޔާ އެކު ހުށަހެޅުމުންނެވެ. އެ ޕާޓީގައި މިހާރު ކުރިއަށް ދަނީ އެ މަރުހަލާ އެވެ.