Advertisement

ތަސްލީމް ކޯޓުން ދޫކޮށްލާފައި ހުރީ މުޖުތަމައުއަށް ނުރައްކަލެއް ނެތް ކަމަށް ބުނެ

1 އޮގަސްޓު 2021 - 14:59 2

ނާޒިމް ހަސަން

ނާޒިމް ހަސަން

މައްސަލައިގައި ހިމެނޭ ތަސްލީމްގެ މިހާރުގެ ފޮޓޯއަކާއި ކުރީގެ ފޮޓޯއެއް. އޭނާ ބަންދުން ދޫކޮށްލީ މުޖުތަމައުއަށް ނުރައްކަލެއް ނެތް ކަމަށް ބުނެ. -- ފޮޓޯ: އަދަދު


ތަސްލީމް ކޯޓުން ދޫކޮށްލާފައި ހުރީ މުޖުތަމައުއަށް ނުރައްކަލެއް ނެތް ކަމަށް ބުނެ

1 އޮގަސްޓު 2021 - 14:59 2

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވި މައްސަލާގައި ހައްޔަރުކޮށްފައިވާ ހއ. ހޯރަފުށީ، އަލަނާސިގޭ، މުހައްމަދު ތަސްލީމް ދޫކޮށްލާފައިހުރީ މުޖުތަމައުއަށް ނުރައްކަލެއް ނެތް ކަމަށް ކަނޑައެޅުމަށްފަހުކަން އެނގިއްޖެ އެވެ.

ނަޝީދަށް ހަމަލާގައި އެންމެ އިސް ދައުރެއް އަދާކުރި ކަމުގެ ތުހުމަތުވާ ތަސްލީމަކީ ހަރުކަށި ފިކުރު ފެތުރުމުގެ ތުހުމަތު ކުރެވިފައި އޮތް މީހެކެވެ. އަދި، މއ. އެނބޫގޭގެ އެޕާޓްމަންޓެެއްގައި އެޓިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން ހިންގަމުން ގެންދިޔަ އޮފީސް ތެރޭގައި އައިއީޑީއެއް ހެދުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވަނިކޮށް ހައްޔަރުކުރި އެވެ. އޭނާއާއެކު އިތުރު ހަތަރު މީހަކު ވެސް ހައްޔަރުކުރި އެވެ.

އެ މައްސަލަ ތަހުގީގުކޮށް އެމީހުންގެ މައްޗަށް 2017 ވަނަ އަހަރު ދައުވާ އުފުލުނެވެ. އެހެން ނަމަވެސް ކުރިމިނަލް ކޯޓުގައި އޮތް އެ މައްސަލައިގެ އިބްތިދާއީ މަރުހަލާވެސް އަދި ނިމިފައި ނުވާކަމަށް އެނގިފައި ވެއެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައި ހުއްޓައި އޭނާ ކުރިމިނަލް ކޯޓުން ދޫކޮށްލީ އޮކްޓޫބަރު 4، 2018 ގަ އެވެ. އޭނާ ދޫކޮށްލި ސަބަބެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ނަމަވެސް، ތަސްލީމް ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން އެ ދުވަހު ނެރުނު އަމުރު "އަދަދު" އަށް ލިބިފައިވާއިރު އޭގައި ބުނެފައިވާ ގޮތުން ތަސްލީމް ދޫކޮށްލާފައިވަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޭނާގެ ފަރާތުން އޮތް ކަމަށް ނުފެންނާތީ އެވެ.

"މައްސަލައިގައި ހިމެނޭ ދެ ފަރާތެއް ދޫކޮށްލާފައިވާއިރު އެ ފަރާތްތަކުގެ ކިބައިން މުޖުތަމައުއަށް އިތުރު ނުރައްކަލެއް ކުރިމަތިވެފައިނުވާތީ އާއި މައްސަލާގައި ހިމެނޭ އެއް ބަޔަކު ދޫވެ އަނެއް ބަޔަކު ބަންދުގައި ތިބުމަކީ އެންމެ އަދުލުވެރި ގޮތް ކަމުގައި ނުވާތީ،" ބަންދުން ދޫކޮށްލި އަމުރުގައި ބުނެފައިވެ އެވެ.

މުޖުތަމައުއަށް ނުރައްކަލެއް ތަސްލީމްގެ ފަރާތުން ނެތް ކަމަށް ބަލައި އޭނާ ދޫކޮށްލީ ޝަރުތުތަކަކާއެކު ކަމަށް އަމުރުގައިވެ އެވެ. ނަމަވެސް، އެއީ ކޮން ޝަރުތުތަކެއް ކަމެއް އަމުރުގައި އެނގޭކަން ނެތެވެ.

ކުރިމިނަލް ކޯޓުގެ އެ އަމުރު ނެރެފައިވަނީ ގާޒީ ހަސަން ނަޖީބެވެ. ހަސަން ނަޖީބަކީ، އޭނާގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވުމާ ގުޅިގެން ފަނޑިޔާރު ކަމުން ވަކިކުރުމަށް ޖޭއެސްސީން މަޖިލީހަށް ފޮނުވުމުން އިސްތިއުފާ ދެއްވި ބޭފުޅެކެވެ.

ތަސްލީމް ދޫކޮށްލުމަށް ހަސަން ނަޖީބު ނެރުނު ކޯޓު އަމުރު ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި އެވެ. ނަމަވެސް، ދެ އަހަރަށްވުރެ ގިނަ ދުވަސްވީއިރު ވެސް އެ މައްސަލަ ހައިކޯޓުގައި ތާށީވެފައި އޮތީ އެވެ. އޭގެ ސަބަބެއް ސާފެއް ނުވެ އެވެ.

މިހާރު އެ މައްސަލަ ދައުލަތުން ވަނީ އަނބުރާ ގެނެސްފަ އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވާ ގޮތުގައި މައްސަލަ އަނބުރާ ގެނައީ މެއި، 6 ގެ ހަމަލާއަށްފަހު ތަސްލީމްގެ މައްޗަށް ތުހުމަތުތައް ކުރެވި، އޭނާ ހައްޔަރުކުރުމުންނެވެ.

ތަސްލީމް ދޫކޮށްލި ހަސަން ނަޖީބު އަދި އިސްތިއުނާފާ ހަވާލު ހަސަން އަލީ: ދެ އަހަރުވީއިރު ވެސް އިސްތިއުނާފު ހައިކޯޓުގައި ނުނިމޭ


މައުލޫމާތު ލިބިފައިވާ ގޮތުގައި އިސްތިއުނާފުގެ މި މައްސަލަ ހައިކޯޓުގައި ހަވާލުވީ ކުރީގެ ފަނޑިޔާރު ހަސަން އަލީގެ ސެކްޝަނާ އެވެ. ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި ތުހުމަތުތަކެއް ކުރެވުނު ހަސަން އަލީ ސަސްޕެންޑްކުރުމާ ހަމައަށް ވެސް އެ މައްސަލަ އޮތީ އެ ސެކްޝަންގަ އެވެ.

އޭނާގެ ސުލޫކީ މައްސަލައެއް ބަލައި، އެ މައްސަލާގައި ޖަވާބުދާރީވުމަށް ފުރުސަތު ދީފައިވަނިކޮށް ހަސަން އަލީ ވެސް ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވި އެވެ.

ނަޝީދަށް ދިން ހަމަލާގެ ބައިވެރިވި ތުހްމަތުގައި ތަސްލީމް ހައްޔަރުކުރީ މި މަހުގެ 24 ގައި އައްޑޫއިންނެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި ހަރުކަށި ފިކުރަށް މީހުން އަނބުރާލައި ސިކުނޑި 'ދޮވެލުމުގައި" އިސްކޮށް ހަރަކާތްތެރިވަނީ އޭނާ އެވެ. އަދި ފުލުހުން ބުނެފައިވާ ގޮތުގައި އޭނާއަކީ ރައީސް ނަޝީދަށް ހަމަލާދީ މަރާލަން ޖެހޭ ކަމަށް، ވިސްނައިދީ އިރުޝާދީ އަދި ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް ހަރަކާތްރެރިވި ފަރާތެވެ.