Advertisement

"އަރައިގެން އައި އިރާ" އެކު ހަ އަހަރުގެ ޔޫމީގެ ދެތިން ވާހަކަ

3 އޮގަސްޓު 2021 - 11:19 0


"އަރައިގެން އައި އިރާ" އެކު ހަ އަހަރުގެ ޔޫމީގެ ދެތިން ވާހަކަ

3 އޮގަސްޓު 2021 - 11:19 0

އީދުގެ ފަހު ފޯރި ގަނޑުގައި ރ. އިންނަމާދޫގައި ބޭއްވި ބޮޑުބެރު ޝޯގެ ޖޯޝު ހިފާލި ވަގުތު، ޝޯ ގައި ފަރިތަކަމާއެކު ބެރުޖަހަމުން ދިޔަ ޝަކީލާ، އަތުގައި ޖެހޭ ދުރުމިނުގައި ނަށަން ހުރި އޭނާގެ ހަ އަހަރުގެ މާމަ ދަރިފުޅު ޔޫމީ މިޔާޒަށް ގޮވައި ގެނެސް، ދަރިފުޅު ލައްވައި ލަވައެއް ކިޔުއްވި އެވެ. ޝަކީލާ އަކީ އިންނަމާދޫގައި މޮޅަށް ބެރު ޖަހަން ދަންނަ އަންހެން ވެރިންގެ ތެރެއިން އެކަމަށް އެންމެ ދުވަސްވީ، ފަރިތަ އެކަކެވެ. ލަވަ ކިޔުމަށް ވުރެ އޭނާ މޮޅީ ބެރު ޖެހުމަށެވެ. އެކަމަކު އޭނާގެ މާމަ ދަރިފުޅު ޔޫމީ އުފަންވީ ވެސް ލަވަކިޔުމުގެ ހުނަރާ އެކުގަ އެވެ.

ޔޫމީ އަކީ، މިދިޔަ ހަފްތާ ތެރޭގައި ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯ އެއްގައި ބޮޑުބެރަށް ލަވައެއް ކިޔަނިކޮށް ފެންނަން ކުޑަ އަންހެންކުއްޖާ އެވެ. އޭނާ އަކީ އިންނަމާދޫ އަށް އުފަން، މިހާރު މާލޭގައި ދިރިއުޅެމުން އަންނަ ކުއްޖެކެވެ. ޔޫމީ އިންނަމާދޫ އަށް ދިޔައީ ބޮޑު އީދަށެވެ. ވައިރަލް ވެގެން އުޅޭ ވީޑިއޯގައި އެ ފެންނަނީ މާމަގެ އެދުމަށް ފުރަތަމަ ފަހަރަށް ބޮޑު ބެރަށް ޔޫމީ ކީ ލަވަ އެވެ. އެއީ ފުރަތަމަ ލަވަ ކިޔުމުން، ކުޅި ބަލަން ތިބި މީހުންގެ ތަރުހީބު ބޮޑުވެ، ދެވަނަ ފަހަރަށް އެ ލަވަ ކިޔަމުން ދަނިކޮށް މީހަކު ނަގާފައި ޕޯސްޓު ކުރި ވީޑިއޯ އެކެވެ.

"ޔޫމީ އަށް ކިރިޔާ ވާހަކަ ދެކެވެން ފެށި އިރު ވެސް ރައިމްސް އެއްޗެހި ވެސް ވަރަށް ރީތިކޮށް ކިޔާނެ. އަބަދު ހުންނާނީ ކޮންމެވެސް ރާގެއް އަޅުވާލައިގެން ގޭތެރޭގައި ކުޅެން އުޅުނަސް. ދެން ވަރަށް ބޭނުންވާނެ ގުރުއާން މުބާރާތް، މަދަހަ މުބާރާތް އެއްޗެހީގަ ބައިވެރި ވާން. އެހެންވެ މި ދިޔަ އަހަރު ޕްރައިވެޓް ޗެނަލަކުން ހިންގި މަދަހަ މުބާރާތެއްގައި ވެސް ޔޫމީ ބައިވެރިކުރުވިން." ޔޫމީގެ މަންމަ ފާތުމަތު ޝަޒީލާ ބުންޏެވެ.

ޔޫމީގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލްވެގެން މީހުންގެ ކޯލްތައް ލިބެން ފެށުމުން ޝަޒީލާ އަށް ފުރަތަމަ ލިބުނީ ހާސް ކަމެކެވެ.

"ޔޫމީ އަކީ އެގޮތަށް ލަވަ ކިޔައި އުޅޭ ކުއްޖަކަށް ނުވެފައި، އެ ވީޑިއޯ ގައި ލޯބީގެ ލަވައެއް ކިޔާތަން ފެންނާތީ މީހުން ނެގެޓިވް ކޮށް ޖަޖްކޮށްފާނެ އޭ ހީވެފައި ހާސްވީ. އެހެންވެ ޕޭޖްތަކަށް ރިކުއެސްޓު ވެސް ކުރިން ވީޑިއޯ ނަގައިދިނުމަށް،" ޝަޒީލާ ބުންޏެވެ.

އެ ވީޑިއޯގައި ޔޫމީ ކިޔާފައިވަނީ ޑަކްރެއިން ގެ ކޮމެޑީ ފިލްމު، "މާމުއި" ގެ ލަވަ، "އަރައިގެން އައި އިރާއޭ" އެވެ.

ޝަޒީލާ ބުނީ އެ ވީޑިއޯ އަށް ލިބުނު ލޯތްބާއި ތައުރީފުން ލިބިފައި ހުރި ނުތަނަވަސްކަން ފިލައި، ހިތްހަމަޖެހިފައި ހުރިކަމަށެވެ.

ޔޫމީ ވަނީ "ނެކްސްޓް" ޓީވީ އިން ރޯދަމަހު ގެނެސްދިން މަދަހަ މުބާރާތުގައި އުމުރުފުރައިން އެއް ވަނަ ހޯދާފަ އެވެ.

ޝަޒީލާ ބުނީ، ޔޫމީގެ ފަރާތުން ފާހަގަ ވަނީ ލަވަ ކިޔުމުގެ ހުނަރު އެކަނި ނޫން ކަމަށެވެ. މަދަހަ އާއި ޅެން ކަހަލަ އެއްޗެހި ކިޔާ އިރު ވެސް، އޭގައި ހުންނަ ލަފްޒުތަކާ އެއްގޮތަށް މޫނާއި ހަށިގަނޑަށް ގެންނަން ޖެހޭ ހަރަކާތްތައް އެހާ ކުޑައިރު ވެސް އަމިއްލަ އަށް ގެންނަން އެނގޭ ކަމަށް ވެސް ބުންޏެވެ.

"ޔޫމީގެ ދޮންތި ވަރަށް ލަދުރަކި ވާނެ. އެކަމަކު ޔޫމީ އަކީ ވަރަށް ކޮންފިޑެންޓް ކުއްޖެއް. މީހަކު ބުނެލާ އިރަށް އުފަލުން މަދަހަ އެއްޗެހި ވެސް ކިޔައިދޭނެ،"

ޝަޒީލާ ބުނީ، އެންމެ ކުޑަ އިރުން ފެށީގެން ޔޫމީގެ ހުނަރު ފާހަގަކޮށް އެކަމަށް މުޅި އާއިލާ އިން ވެސް ހިތްވަރު ދޭތީ އަމިއްލަ އަށް ކަންކަން ކުރަން އިސްނަގާ ކުއްޖެއްގެ ގޮތުގައި ޔޫމީ ފާހަގަކުރެވޭ ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ އެންމެން ވެސް އެހާ ލޯބިކޮށްގެން ހިތްވަރުދީގެން އުޅޭތީ ހެން، ޔޫމީ ޖެހިލުމެއް ނުވާނެ މީހުން ގިނަޔަސް، އޯޑިއަންސް ބޮޑަސް، ގުރުއާން، މަދަހަ، ލަވަ ވެސް ވަރަށް އަވަހަށް ދަސްވެސް ކޮށްލާނެ،" ޝަޒީލާ ބުންޏެވެ.