Advertisement

ފުވައްމުލަކުން ކަރަންޓާއި ފެން ކެނޑި ދަތިތަކަކާ ކުރިމަތިވެއްޖެ

2 އޮގަސްޓު 2021 - 10:50 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ޏ. ފުވައްމުލައް: ފޯމަރު ގެންނަނީ އައްޑޫން އިން ކަމަށް ކައުންސިލުން ބުނޭ--- ފޮޓޯ/ ޕްލެޖިކް ޑައިވާސް ފުވައްމުލަށް


ފުވައްމުލަކުން ކަރަންޓާއި ފެން ކެނޑި ދަތިތަކަކާ ކުރިމަތިވެއްޖެ

2 އޮގަސްޓު 2021 - 10:50 0

ފުވައްމުލަކު ސިޓީގެ ބޮޑު ބަޔަކުން ކަރަންޓާއި ފެނުގެ ހިދުމަތް ރޭ މެދުކެނޑި ރައްޔިތުންނަށް ދަތިތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

އާބާދީގައި 10,000 އަށް ވުރެން ގިނަ މީހުން ހިމެނޭ ސިޓީގެ 80 ޕަސެންޓް ގެތަކުގައި ކަރަންޓާއި ފެނެއް ނެތެވެ. ބައެއް ގެތަކަށް ކަރަންޓާއި ފެން ދޫކުރަމުން އަންނަނީ ލޯ ވޮލްޓޭޖުގަ އެވެ.

ފުވައްމުލަކުގެ މޭޔަރު އިސްމާއިލް ރަފީގު "އަދަދު" އަށް ވިދާޅުވީ އެ ސިޓީގައި ފެނާއި ކަރަންޓް ކެނޑުނީ ފެނަކައިން ކަރަންޓުގެ ހިދުމަތް ދޭން ބޭނުންކުރާ ހައި ވޯލްޓޭޖު މައި ޓްރާންސްފޯމަރަށް ދިމާވި މައްސަލައަކުން ކަަމަށެވެ.

"ވަގުތީ ގޮތުން, ދެ ގަޑިއިރެއްހާއިރު ތެރޭ ފެން ލިބޭވަރުކުރަން އަޅުގަނޑުމެން މަސައްކަތް މި ކުރަނީ. ކަރަންޓު ލިބޭނެ ކަމަށް ފެނަކައިން ބުނަނީ ގާތްގަނޑަކަށް 24 ގަޑިއިރަށްވުރެ ގިނަ ވަގުތު ނަގާނެ ކަމަށް," ކަމަށް ރަފީގު ވިދާޅުވި އެވެ.

އެހާ ގިނަ ވަގުތު ނަގަނީ, އޭނާ ވިދާޅުވި ގޮތުގައި, ފޯމަރު ލޭންޑިން ކްރާފްޓެއްގައި އައްޑޫން ގެންނަން ޖެހޭތީ އެވެ. އަދި ފުވައްމުލަކު ބަނދަރުން އިންޖީނުގެއާ ހަމައަށް ފޯމަރު ގެންދަން ޖެހޭނީ ވެސް ކެރޭނެއްގެ އެހީގައި ކަމަށް ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ ރަށުގެ ބޮޑު އާބާދީއަކުން ކަރަންޓާއި ފެން ކެނޑުމާ ގުޅިގެން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އެކަން ހައްލު ކުރުމަށް ވަގުތު ނެގުމަކީ ވެސް އެ ގެއްލުން އިތުރަށް ބޮޑުވާނެ ކަމެއް ކަމަށެވެ.

"ބޮޑަށް ގެއްލުން ލިބޭނީ ފިހާރަތަކަށް. އައިސްއަލަމާރިތަކާ އެއްޗިސް ޖައްސާފަ ހުންނާނެތީ. އެ ތަކެތި ހަލާކުވާނެ. އާންމުންނަށް ވެސް ވަރަށް ބޮޑު ގެެއްލުމަކަށްވާނެ. އޮފީސްތައް ވެސް މިއަދު ބަންދު," ރަފީގު ވިދާޅުވި އެވެ.

ފުވައްމުލަކުގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމުގެ ޔަގީންކަން ފެނަކައިން ވަނީ ދީފަ އެވެ. އެ ކުންފުނިން ބުނީ ހިދުމަތް އަލުން ފަށަން 24 ގަޑިއިރު ނަގާނެ ކަމަށެވެ.