Advertisement

ދޫވެހީގެ ސައްހަކަން ސާބިތުކޮށްދޭން ޔާމީން ހެކި ހުށަހަޅުއްވައިފި

1 އޮގަސްޓު 2021 - 14:42 0

ނާޒިމް ހަސަން

ނާޒިމް ހަސަން

ޔާމީން ދޫވެހީގައި: އެ ގެކޮޅު ހޯއްދެވީ ސައްހަ މުއާމަލާތެއްގެ ތެރެއިންކަން ސާބިތުކޮށްދޭން ހެކި ވަނީ ހުށަހަޅުއްވާފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު


ދޫވެހީގެ ސައްހަކަން ސާބިތުކޮށްދޭން ޔާމީން ހެކި ހުށަހަޅުއްވައިފި

1 އޮގަސްޓު 2021 - 14:42 0

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިހާރު ދިރިއުޅުއްވާ ހ. ދޫވެއްސަކީ ސައްހަ މުއާމަލާތްތަކެއް ތެރެއިން ބައްލަވައިގެންފައިވާ ގެކޮޅެއްކަން ސާބިތުކޮށްދިނުމަށް ޝަރީއަތަށް އެމަނިކުފާނުގެ މިއަދު ހެކި ހުށަހަޅުއްވައިފި އެވެ.

މާލޭގައި ބިމުގެ އަގު އެންމެ ބޮޑު ސަރަހައްދުން ގޯއްޗެއް ނަންގަވައި 17 ބުރިއަށް އަމިއްލަ ގެކޮޅު އިމާރާތް ކުރައްވަން ފެއްޓެވުމުން ޔާމީނަށް ފާޑުކިއުންތަކެއް އޮތީ އަމާޒުވެފަ އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އެމަނިކުފާނަށް އަމާޒުކުރި ތުހުމަތުތަކުގެ ތެރޭގައި އެ އިމާރާތް ވެސް ހިމަނައި އެތަން ހަދަނީ ދައުލަތުގެ ފައިސާ އިން ކަމުގެ ތުހުމަތު އެޅުވި އެވެ.

ދޫވެހީގެ ސައްހަކަން ކަށަވަރުކުރަން ޔާމީން މިއަދު ހެކި ހުށަހެޅުއްވީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއާ ގުޅިގެންނެވެ.

ބޮޑު ދެ ދައުވާއިން ސަލާމަތްވުމަށް ދޫވެހީގެ ސައްހަކަން ކަށަވަރު ކުރުމުގެ ހެކި ހިމަނައިގެން ދިފާއީ ހެކިންގެ ގޮތުގައި ފަސް ޝަފަވީ ހެކިން ހިމެނޭ ގޮތަށް ޖުމްލަ 30 ހެއްކެއް އެމަނިކުފާނު މިއަދު ހުށަހެޅުއްވި އެވެ.

އޭގެ ތެރޭގައި ކިތާބީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ހ. ދޫވެހީގެ ރަޖިސްޓްރީ ހިމެނެ އެވެ. އެއީ އެ ގެކޮޅަކީ އެމަނިކުފާނު ސައްހަ މުއާމަލާތްތަކެއްގެ ތެރެއިން ހޯއްދެވި ގެކޮޅެއްކަން ސާބިތުކުރުމަށެވެ.

ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު އަދި ވެރިިކަމުގައި ހުންނެވިއިރު ވެސް ދިރިއުޅުއްވީ ގ. ދޫވެހީގަ އެވެ. ނަމަވެސް، އެ ގެ އާއި ހ. ނޫފަރު ސިވިލް ކޯޓު މެދުވެރިކޮށް ލާޖައްސެވި އެވެ.

ޔާމީންގެ ގެކޮޅު: އެތަން 17 ބުރިއަށް އިމާރާތްކުރަން ފެށުމުން ވަނީ ފާޑުކިއުންތަކެއް އަމާޒުވެފައި. --ފޮޓޯ/ އަދަދު


އޭގެފަހުން ނޫފަރު ހުރި ބިމުގައި ދޫވެހީގެ ނަމުގައި އިމާރާތެއް އެޅުމުގެ މަސައްކަތް ޔާމީން ފެއްޓެވި އެވެ. ވެރިކަން ބަދަލުވުމާ އެކު، އެ އިމާރާތުގެ ތިން ފްލޯއެއް ނިންމުމަށް ފަހު އެ ގެކޮޅަށް ޔާމީންގެ ދެކަނބަލުން ދިރިއުޅުން ބަދަލު ކުރެއްވި އެވެ.

ޔާމީން މިހާރު ވެސް ދިރިއުޅުއްވަނީ އެ އިމާރާތުގަ އެވެ. އެކަމަކު ބޮޑުބައެއް އަދި އޮތީ ނުނިމި އެވެ.

މުއާމަލާތުގެ ސައްހަކަން ސާބިތުކުރުމަށްޓަކައި ޔާމީންގެ ފަރާތުން ފުއްގިރި މައްސަލާގައި ދިފާއީ ހެކި ހުށަހަޅާފައިވީ ނަމަވެސް، މި މައްސަލާގައި ދައުލަތުން އެ ގެ ނެގުމާ ގުޅޭ ގޮތުން ނުވަތަ އެ ގެއާ ގުޅޭ ކަމެއް ދައުވާގައި ފާހަގަކޮށްފައެއް ނުވެ އެވެ.

ދައުވާގައި ދައުލަތުން އެދިފައިވަނީ ފުއްގިރި މައްސަލާގައި ހިޔާނާތްވެފައިވާ ކަމަށް ބުނާ 1،117،000 ޑޮލަރު ޔާމީންގެ އަތުން ހޯދުމަށެވެ.

ނަމަވެސް، މަނީ ލޯންޑްރިންގެ މައްސަލަތަކުގައި ގެދޮރާއި މުދާ ފަދަ ތަކެތި ދައުލަތަށް ނެގިދާނެ އެވެ.

ޔާމީންގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ކުރިން ހުންނެވި، ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާންގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާގައި އޭނާގެ އެޕާޓްމެންޓް ދައުލަތަށް ނެގުމަށް އެދިފައިވެ އެވެ.

ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިންގެ ކުށް ސާބިތުވެފައިވާ ޔާމީނަށް އެ މައްސަލާގައި ފަސް މިލިއަން ޑޮލަރު ޖޫރިމަނާގެ ގޮތުގައި ދައްކަން ވެސް ޖެހިފައިވެ އެވެ. މައްސަލާގެ އިސްތިއުނާފު ސުޕްރީމް ކޯޓުގައި އޮތް އިރު، މިހާތަނަށް ޔާމީން އެ ފައިސާ ދައްކާފައެއް ނުވެ އެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތުވާ އިތުރު މައްސަލައެއްގައި ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް މިހާރު ވެސް ވަނީ ފޮނުވާފަ އެވެ. އެއީ، ވ. އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލައެކެވެ.