Advertisement

ޔާމީންގެ ދިފާއު: ސިޔާމަށް 17 މިލިއަން ރުފިޔާ ދިނީ ޑޮލަރު ގަތުމަށް

1 އޮގަސްޓު 2021 - 12:31 2

ނާޒިމް ހަސަން

ނާޒިމް ހަސަން

ޔާމީން، ސަން ސިޔާމްއާއެކު: 17 މިލިއަން ރުފިޔާ ދިނީ ޑޮލަރު ގަތުމަށް ކަމަށް ހެކި ވަނީ ހުށަހަޅާފައި. --ފޮޓޯ: ރައީސް އޮފީސް


ޔާމީންގެ ދިފާއު: ސިޔާމަށް 17 މިލިއަން ރުފިޔާ ދިނީ ޑޮލަރު ގަތުމަށް

1 އޮގަސްޓު 2021 - 12:31 2

ސަން ކުންފުނީގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމަށް 17 މިލިއަން ރުފިޔާ ދިނީ ޑޮލަރު ގަތުމަށް ކަން ސާބިތުކޮށްދޭން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ ޝަރީއަތުގައި ހެކި ހުށަހަޅުއްވައިފި އެވެ.

ޔާމީންގެ ފަރާތްޕުޅުން އެކި ހެކިތައް ހުށަހެޅުއްވީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއިން ސަލާމަތްވުމަށެވެ. ޔާމީންގެ މައްޗަށް އެ ދައުވާ އުފުލީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މައްސަލައަކާ ގުޅިގެންނެވެ.

އެ ދައުވާގައި ބުނަނީ ނުފޫޒު ބޭނުންކުރައްވައިގެން ޔާމީން، މއ.ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ބޭނުން ކޮށްފައިވާ ކަމަށެވެ.

އެކަމަކު ދައުވާ އަށް ޔާމީންގެ ވަކީލް އާދަމް ޝަމީމް އިންކާރު ކުރައްވައި ދިފާއުގެ ގޮތުގައި ހެކި ހުށަހަޅުއްވައި ވިދާޅުވީ ސަން ސިޔާމްއާ 17.2 މިލިއަން ރުފިޔާ ހަވާލުކުރީ ބޭންކް ރޭޓުގައި 1،018،000 ޑޮލަރު ގަތުމަށްޓަކަ އެވެ.

ސިޔާސީ މަސައްކަތްތަކުގައި އެކުގައި އުޅުއްވި ސިޔާމްގެ ފަރާތުން އެ ފައިސާއާ ހަވާލުވެފައި ވަނީ ލަންކާގެ ރައްޔިތެއް ކަމަށްވާ މިސްޓަ ތަންގްރާޖް ކަމަށް ވަކީލް ވިދާޅުވި އެވެ. އެ މުއާމަލާތުގައި ޔާމީންގެ ފަރާތްޕުޅުން ހެކިންގެ ގޮތުގައި ތިއްބެވީ މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އާއި އިތުރު މީހެއް ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.

ދިފާއީ ހެކިންގެ ގޮތުގައި ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވީ އެ ދެ މީހުންނާއި ސަން ސިޔާމެވެ.

ޔާމީންގެ ވަކީލް، ޖަމީލު މިއަދު ކޯޓުން ނުކުންނަވަނީ: ހެކީގެ ގޮތުގައި ފަސް މީހެއްގެ ނަން ހުށަހެޅި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު


މީގެއިތުރުން ދިފާއީ ހެކީގެ ގޮތުގައި ކްރިކް ރިޒާ ވެސް ހުށަހެޅި އެވެ.

އޭނާ ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ޔާމީންގެ އެއްވެސް ދައުރެއް ނޯންނާނެކަން ސާބިތުކުރުމަށެވެ.

ޝަފަވީ ފަސް ހެކިންގެ އިތުރުން ކިތާބީ 25 ހެއްކެއް ވެސް ހެކީގެ ގޮތުގައި ޔާމީން ވަނީ ހުށަހަޅުއްވައިފަ އެވެ. އޭގެ ތެރޭގައި ފުއްގިރި މުއާމަލާތް ހިނގައިދިޔަ ގޮތުގެ ލިޔުންތަކާއި ޑޮލަރު ގަތުމުގެ މުއާމަލާތްތައް ހިމެނެ އެވެ.

އަދި ދައުލަތުން ހުށަހެޅި ބައެއް ހެކިން ނަފީކުރުމަށްޓަކައި ބައެއް ތަހުގީގު ބަޔާންތަކާއި ކޯޓު ހުކުމްތައް ވެސް ހުށަހެޅި އެވެ. ޔާމީން މިހާރު ދިރިއުޅުއްވާ ގެކޮޅު ކަމަށްވާ ހ. ދޫވެއްސަކީ ސައްހަ މުއާމަލާތްތަކުން ހޯދާފައިވާ ތަނެއްކަން ސާބިތުކުރަން ވެސް ކިތާބީ ހެކި ހުށަހަޅާފައިވެ އެވެ.

ޔާމީންއާ ދެކޮޅަށް 86 ހެކި، ސިޔާމާއި އަދީބު ހިމެނޭ

ފުއްގިރި މައްސަލައިގައި ޔާމީނަށް ކުރާ ދެ ދައުވާ ސާބިތުކުރުމަށް ދައުލަތް ތަމްސީލުކުރާ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ ގިނަ ހެކިތަކެއް ހުށަހަޅައިފަ އެވެ. އެގޮތުން ޝަފަވީ އަދި ކިތާބީ ހެކި ހިމެނޭ ގޮތަށް ޖުމްލަ 86 ހެއްކެއް ހުށަހެޅި އެވެ.

އޭގެ ތެރޭގައި ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ކުށަށް އިއުތިރާފުވެ ޖަލު ހުކުމެއްގައި ތިއްބެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހިމެނެ އެވެ.

އޭގެއިތުރުން މީދޫ ދާއިރާގެ މެންބަރު އަދި ސަން ކުންފުނީގެ ވެރިޔާ އަހުމަދު ސިޔާމާއި އޭނާއާ ގާތް ގުޅުމެއް އޮންނަ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ މައުރޫފުގެ އިތުރުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)ގެ ނަން ވެސް ހެކީގެ ގޮތުގައި ހުށަހަޅާފައިވެ އެވެ. ބޮންޑޭ އޭރު މަސައްކަތްކޮށްފައިވަނީ ފުއްގިރިއަށް އިންވެސްޓަރުން ހޯދުމުގެ މަސައްކަތުގަ އެވެ.

ޔާމީން އަދި އޭނާއާ ދެކޮޅަށް ހެކިންގެ ގޮތުގައި ހުށަހަޅާފައިވަނީ އަދީބާއި ސިޔާމް: ކުރިން ސިޔާސީ ގޮތުން އެކުގައި ތިއްބެވި ބޭފުޅުންތަކެއް


އެ ބޭފުޅުންގެ އިތުރުން އެހެން ފަސް މީހެއްގެ ނަމާއި ތަހުގީގީ ރިޕޯޓްތައް ތައްޔާރުކުރި ފުލުހުންގެ އޮފިސަރުން ޝަފަވީ ހެކީގެ ގޮތުގައި ދައުލަތުން ހުށަހެޅި އެވެ. ކިތާބީ ހެކިންގެ ގޮތުގައި ފުއްގިރި މުއާމަލާތްތަކާ ގުޅޭ ގޮތުން ރައީސް އޮފީހާ ދެމެދު ބަދަލުކޮށްފައިވާ ސިޓީތަކާއި އެމްއެމްޕީއާރުސީ އާއި މިނިސްޓްރީން ފޮނުވާފައިވާ ސިޓީތައް ވެސް ހިމެނެ އެވެ.

އޭގެއިތުރުން ޔާމީންގެ ބޭންކް އެކައުންޓްތަކުގެ ބައެއް މައުލޫމާތުތަކާއި އެމަނިކުފާނުގެ ޓެކްސް ބަޔާންތަކާއި މާލީ ބަޔާންތައް ވެސް ހެކީގެ ގޮތުގައި ހުށަހެޅި އެވެ.

ބައެއް ލިޔުންތައް ހޯދަން ޔާމީން ބޭނުންފުޅުވޭ

ޔާމީންގެ ފަރާތުން ހެކީގެ ގޮތުގައި ހުށަހެޅުމަށްޓަކައި ދައުލަތުގެ ބައެއް ލިޔުންތައް ހޯދުމަށް އެދި ކޯޓަށް ވަނީ ސިޓީއެއް ފޮނުވާފަ އެވެ. އެއީ، ފުއްގިރި މުއާމަލާތްތަކާ ގުޅޭ ބައެއް ސިޓީތަކާއި ލިޔުންތަކެވެ. އަދި ފުލުހުންގެ ތަހުގީގީ ބައެއް ލިޔުންތަކެވެ.

އެ ލިޔުންތައް ދޭން ދައުލަތުން އިއުތިރާޒުކުރި އެވެ. މީގެކުރިން ވެސް އެ ލިއުންތައް ދޭން ދައުލަތުން އިއުތިރާޒުކޮށްފައިވާނެ ކަމަށާއި އަދި މި މަރުހަލާގައި އެގޮތަށް ލިޔުންތަކަށް އެދިގެން ޝަރީއަތް ލަސްކުރުމަށް ފުރުސަތު ދެވިގެންވާނެ މަރުހަލާއެއް ނޫން ކަމަށް ވަކީލް އައިޝަތު މުހައްމަދު ވިދާޅުވި އެވެ.

ނަމަވެސް، ޔާމީންގެ ވަކީލް މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވި ގޮތުގައި، ދައުވާއާ ޖަވާބުދާރީވުމަށް އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ލިބިދިނުމަކީ ގާނޫނު އަސާސީން ލިބިދޭ ހައްގެކެވެ. އެހެންކަމުން ދައުވާ ގުޅޭ ފުއްގިރި މުއާމަލާތާ ގުޅޭ ލިޔުންތައް އެ ފަރާތަށް ލިބުމަކީ ޖަވާބުދާރީވުމަށް ކޮންމެހެން ވެސް މުހިންމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ.

މައްސަލަ ބައްލަވާ ގާޒީ، ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ވިދާޅުވި ގޮތުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އެފަދަ ލިޔުންތައް ހޯދުމަށް އަމުރެއް ހޯދުމަށް އެދުމުގެ ވަކި އުސޫލެއް އެބަ އޮތެވެ. އެއީ ވަކި ފޯމެޓެއްގައި އޮތް ފޯމެއް ހުށަހެޅުން ކަމަށާއި ސިޓީއަކީ އެފަދަ އެއްޗެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ފޯމްގައި، ހޯދަން ބޭނުންވާ ލިޔުންތައް އެނގޭ ގޮތަށް ހުށަހެޅުމަށް ގާޒީ އެންގެވި އެވެ. އަދި، އެ ލިޔުންތަކަކީ ޔާމީނަށް ފޯރުކޮށްދޭން ޖެހޭ ލިޔުންތަކެއް ކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭނެ ނަމަ، އެ ތަކެތި ފޯރުކޮށްދިނުމަށް ދައުލަތުގެ މައްޗަށް އަމުރު ނެރެދެއްވާނެ ކަމަށް ވެސް ގާޒީ ޝަކީލް ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުން ނިންމާލާފައިވަނީ އިބްތިދާއީ އަޑުއެހުންތަކުގެ އަނެއް މަރުހަލާއަށް ދިޔުމަށްޓަކައި ޝަރީއަތުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުމަށް 10 ދުވަހުގެ ފުރުސަތެއް ދެ ފަރާތަށް ވެސް ދިނުމަށްފަހު އެވެ. ދައުލަތުން އަދި ޔާމީންގެ ފަރާތުން ވެސް ވަނީ ޝަރީއަތުގެ ކުރިން ހުށަހެޅުންތަކެއް ހުށަހަޅަން ބޭނުންވާ ކަމަށް ބުނެފަ އެވެ.

ޔާމީން މީގެކުރިން ފުލުހަށް ހާޒިރުކުރި ދުވަހެއްގައި: ފުއްގިރި މައްސަލާގައި ބޮޑު ދެ ދައުވާއެއް ކުރާއިރު އިތުރު މައްސަލައެއް އޮތީ ޕީޖީގައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު


ޔާމީންގެ އިތުރުން މި މައްސަލާގައި ރިޒާއަށާއި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކުންފުންޏާއި ސަން އިންވެސްޓްމަންޓް ކުންފުންޏަށް ވެސް ވަނީ ދައުވާ ކޮށްފަ އެވެ. ރިޒާގެ މައްޗަށް ކޮށްފައިވަނީ ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިން ކުށުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ.

ރިސޯޓެއް ގޮތަށް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލައެއްގައި ވެސް އެމަނިކުފާނުގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެ އެވެ.

އެމްއެމްޕީއާރުސީން ވަގަށް ނެގި އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަކަށް ޖަމާވި މައްސަލައެއްގައި ފަސް އަހަރުގެ ހުކުމެއް މިހާރު ވެސް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް އާރަށާ ގުޅިގެން ކުރާ ތުހުމަތަކީ ރިޝްވަތު ނެންގެވުމާއި ކަޅު ފައިސާ ދޮވުމުގެ ކުށެވެ.

އާރަށް މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ޕީޖީ ދައުވާ އުފުލައިފި ނަމަ އެ މައްސަލަ ވާނީ އޭނާގެ މައްޗަށް އުފުލާ ހަ ވަނަ ޖިނާއީ ދައުވާއަށެވެ.

ޔާމީން މިހާރު ގޭ ބަންދުގައި ހުންނެވިއިރު އެ ގޮތަށް ބަދަލު ކުރީ ޖަލުގައި ކޮވިޑް ފެތުރޭތީ ކަމަށް ކެރެކްޝަނުން ބުނެފައިވެ އެވެ. ނަމަވެސް، މިހާރު ޖަލުގައި ކޮވިޑް ފެތުރުން ހުއްޓުވައި އާންމު ހާލަތަށް ވަނީ ގެނެސްފަ އެވެ.