Advertisement

ގާތުން ދިނުމުގެ ހަފުތާ ފެށުނު އިރު ރާއްޖޭގެ މައިންނަށް ފުރުސަތު ހަނިވުމުގެ ކަންބޮޑުވުންތަކެއް

1 އޮގަސްޓު 2021 - 13:26 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ރާއްޖޭގެ އަންހެނަކު އޭނާގެ ތުއްތު ދަރިފުޅާ އެކު: ރާއްޖޭގެ 36 ޕަސެންޓު ކުދިންނަކީ ފުރަތަމަ ހަ މަހު ހަމައެކަނި ގާތުންލިބޭ ކުދިންނެއް ނޫން -- ފޮޓޯ: ޔުނިސެފް


ގާތުން ދިނުމުގެ ހަފުތާ ފެށުނު އިރު ރާއްޖޭގެ މައިންނަށް ފުރުސަތު ހަނިވުމުގެ ކަންބޮޑުވުންތަކެއް

1 އޮގަސްޓު 2021 - 13:26 0

ދުނިޔޭގެ ގާތުންދިނުމުގެ ހަފުތާ މިއަދު ފެށުނު އިރު ރާއްޖޭގައި ކުދިންނަށް ބުއް ދިނުމަށް މައިންނަށް ދަތިތަކެއް ހުރި ކަމަށް ކުޑަކުދިންނާ ބެހޭ ހާއްސަ ޑޮކްޓަރު އަބްދުﷲ ނިޔާފް ވިދާޅުވެއްޖެ އެވެ.

ގިނަ ބައެއްގެ މަގްބޫލްކަން ހޯދާފައިވާ ޑޮކްޓަރު އަދި އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު ޑރ. ނިޔާފް "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކުއްޖާގެ ހަޔާތުގެ ފުރަތަމަ ހަ މަސް ދުވަހު ހަމައެކަނި ގާތުންދިނުން ވަރަށް މުހިންމުވި ނަމަވެސް މަސައްކަތުގެ މާހައުލާއި އާންމު ތަންތަނުގައި އެ ދަރިފުޅަށް ބުއް ދެވޭނެ މަގު ފަހިވެފައި ނެތް ކަމަށެވެ.

"ބުއްދިނުމަށް މަގުފަހިވާ ފަދަ މާހައުލެއް މަސައްކަތުގެ ދާއިރާގަ އާއި އާންމު ތަންތަނުގައި ވެސް ހުންނަންޖެހޭ. މިސާލަކަށް ދަރިފުޅު ގޮވައިގެން ވިޔަފާރިއެއް ކޮށްލަން ނިކުމެ އުޅެނިކޮށް ދަރިފުޅު ބަނޑުހައިވެއްޖެއްޔާ ކިހިނެއް ހަދާނީ. ގެއަށް އަންނަންޖެހޭނީ. ކީއްވެހޭ ނެތީ ބުއްދެވޭނެ ކަހަލަ ތަންކޮޅެއް،" ޑރ. ނިޔާފް ސުވާލު އުފެއްދެވި އެވެ.

މެޓާނިޓީ ލީވް ނުލިބޭ އަންހެނުން ނުވަތަ ތަފާތު ސަބަބުތަކާހުރެ ދަރިފުޅުގެ ފުރަތަމަ ހަ މަސް ދުވަހު ވެސް މަސައްކަތަށް ނިކުންނަންޖެހޭ އަންހެނުންނަށް ވެސް އޮފީހުގައި ތިބެގެން ބުއް ދެވޭނެ އިންތިޒާމެއް ހަމަޖެހިފައި އޮތުން މުހިންމު ކަމަށް ޑރ. ނިޔާފް ވިދާޅުވި އެވެ.

"ބައެއް މީހުންނަށް މެޓާނިޓީ ލިބުނު ނަމަވެސް އެ ދުވަސްކޮޅު މި ލިބެނީ ބޭސިކް ސެލަރީ އެކަނި. އިނާޔަތެއް ނުލިބޭ. އެކަމަކު ލިބޭ އިނާޔަތަށް ބަލައިގެން ހަރަދުތައް ހަމަޖައްސާ ނަމަ މަސައްކަތަށް އެބަ ނިކުންނަންޖެހޭ. އަދި ބައެއް މީހުންނަކީ ކެރިއާ ކޮންޝަސް މީހުން. އެމީހުން ބޭނުންވޭ ނިކުންނަން. އެހެންވިއްޔާ ބުއްދޭން ބޭނުންވާ މީހާއަށް އޮފީސް މާހައުލުގައި އެކަން ފަހިވާންޖެހޭ،" އޭނާ ވިދާޅުވި އެވެ.

ވޯލްޑް ބޭންކުގެ ހިސާބުތަކަށް ބަލާއިރު ރާއްޖޭގެ މަސައްކަތް ކުރާ އާބާދީގެ 20 ޕަސަންޓަކީ އަންހެނުންނެވެ. ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން 2019 ވަނަ އަހަރު އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ސިވިލް ސާވަންޓުންގެ ތެރެއިން 63 ޕަސެންޓަކީ އަންހެނުންނެވެ. އެއީ 16،079 މީހުންނެވެ.

ސްޓެޓިސްޓިކްސް ބިއުރޯގެ 2016 ވަނަ އަހަރުގެ ހިސާބުތަކަށް ބަލާއިރު ދަރިން ހޯދުމާ ހަމައަށް މަސައްކަތުގެ މާހައުލުގައި އަންހެނުން ވަރަށް ހީވާގި އެވެ. މަސައްކަތުގެ މާހައުލުގައި އަންހެނުންގެ ދައުރު އިތުރު ވަނީ އާއިލާއަށް އަޅައިލުމާއެކު މަސައްކަތަށް ނިކުމެވޭނަ ފަދަ ނިޒާމުތައް އިތުރުވެގެން ކަމަށް ބުނެފައިވެ އެވެ.

ދަރިފުޅު ވިހައިގެން ފުރަތަމަ ހަ މަސް ދުވަހު ހަމައެކަނި ގާތުން ދިނުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ވެސް ޑރ. ނިޔާފް ވާހަކަ ދެއްކެވި އެވެ. އެގޮތުން ކޮންމެހެން މަޖުބޫރުވެގެން މެނުވީ ފޯމިއުލާ ފަދަ ކިރު އިހްތިޔާރުނުކޮށް އަބަދު ވެސް ގާތުންދިނުމަށް އިސްކަންދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންސާނަކު ވިހާއިރު ދުވަސްފުރާފަ ވިހެއި ނަމަވެސް ދުވަސް ނުފުރާ ވިހެއި ނަމަވެސް އެ މީހެއްގެ ގައިން އުފައްދާ ކިރަކީ އޭނަގެ ދަރިފުޅަށް ހާއްސަކޮށް ލެއްވި އެއްޗެއް. ދުވަސް ނުފުރާ މީހަކު ވިހައިފިއްޔާ އެމީހާ އުފައްދާ ކިރު އެއީ ދުވަސް ނުފުރާ ކުދިންނަށް ދެވޭ ކަހަލަ ކިރެއް. އެހެރީ ތޮބީއީގޮތުން އޮންނަ ގޮތް. އޭގެން ވެސް އެނގޭ މިކަން ދަރިފުޅަށް އެންމެ މޮޅުވާނީ،" އޭނާ ކިޔައިދެއްވި އެވެ.

މައިމީހާ އުފައްދާ ކިރުގެ އަޖައިބުތައް ވެސް ޑޮކްޓަރު ހިއްސާ ކުރެއްވި އެވެ.

"އަދި ދަރިފުޅު ބޮޑުވެގެން އަންނަ އިރު މައިމީހާ އުފައްދާ ކިރު އެބަ ބަދަލުވޭ ދަރިފުޅު ބޭނުންވާ ތަކެތި ލިބޭ ގޮތަށް. އެގޮތަށް ނުވާނެއެއް ނޫންތޯ ފޯމިއުލާގައެއް. އަދި އަލަށް ދަރިފުޅު ވިހައިގެން ފުރަތަމަކޮޅު އަންނަ ކިރުގައި ހުންނާނެ މަންމައަށް އޭނާގެ އުމުރު ދުވަހު ޖެހިފައި ހުރި ހުރިހާ ބައްޔަކާ ދެކޮޅަށް އޭނާގެ ހަށިގަނޑުގައި ދިފާއީ ބާރެއް އުފައްދާފަ ހުރި ނަމަ އެ އުފެއްދި ބާރެއްގެ މިންވަރެއް ބުއްކޮޅު ތެރެއިން ބޭބީއަށް ލިބޭނެ،" ޑރ. ނިޔާފް ވިދާޅުވި އެވެ.

ޔުނައިޓެޑް ނޭޝަންސް ޗިލްރެންސް އެމަޖެންސީ ފަންޑް (ޔުނިސެފް) އިން 2016 ވަނަ އަހަރު ބުނެފައިވާ ގޮތުގައި ރާއްޖޭގައި ވިހާ ކުދިންގެ ތެރެއިން ފުރަތަމަ ހަ މަސް ދުވަހު ހަމައެކަނި މައިމީހާ ގާތުންދެނީ 64 ޕަސެންޓު ކުދިންނަށެވެ. މާނައަކީ 36 ކުދިންނަށް ބޮޑުވަނީ އެ ކުއްޖާއަށް އެންމެ ފައިދާ ލިބޭ މައިމީހާ ކިރާ ނުލައި ނުވަތަ މައިމީހާގެ ކިރު ނޫން އެހެން ތަކެތި ވެސް ބޭނުންކޮށްގެނެވެ.