Advertisement

ދިރާސީ އާ އަހަރު ފެށެން ނުވަ ދުވަސް، ކިޔަވައިދޭނެ ގޮތެއް އަދި ނުނިންމާ

1 އޮގަސްޓު 2021 - 11:39 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ދަރިވަރަކު ބެލެނިވެރިއަކާ އެކު: ކިޔެވުން ފަށަން މަދު ދުވަސްކޮޅަކަށް ވެފައިވީ ނަމަވެސް ކިޔަވައިދޭނެ ގޮތެއް އަދި ނުނިންމާ. -- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު


ދިރާސީ އާ އަހަރު ފެށެން ނުވަ ދުވަސް، ކިޔަވައިދޭނެ ގޮތެއް އަދި ނުނިންމާ

1 އޮގަސްޓު 2021 - 11:39 0

ދިރާސީ އާ އަހަރުގެ ކިޔެވުން މި މަހުގެ 10 ގައި ފެށުމަށް ނިންމާފައިވާ ނަމަވެސް ކިޔަވައިދޭނެ ގޮތެއް މިހާތަނަށް ނިންމާފައި ނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ކޮވިޑާ ގުޅިގެން އެކަޑަމިކް ކަލަންޑަރަށް ބޮޑެތި ބަދަލުތަކެއް މިދިޔަ އަހަރު ގެނަ އެވެ. އެންމެ ބޮޑު އެއް ބަދަލަކީ ދިރާސީީ އަހަރު މިދިޔަ އަހަރުގެ ފަހުކޮޅަށް ނުނިންމައި، މި އަހަރުގެ ޖޫންއާ ހިސާބަށް އިތުރުކުރުމެވެ. އެއާއެކު، ދެން ކޮންމެ އަހަރެއްގެ ވެސް ބޮޑު ޗުއްޓީ އަހަރުގެ މެދުން ފަށާ ގޮތަށް ހަމަޖެއްސުމެވެ.

މާލޭގެ ސްކޫލްތަކުގައި ކޮވިޑާ ހެދި ދަރިވަރުން މިދިޔަ އަހަރާއި މި އަހަރު ވެސް ކިޔަވަން ޖެހުނީ އޮންލައިންކޮށެވެ. އެކަމަކު، ކޮވިޑު ނުފެތުރޭ ރަށްތަކުގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދިޔައީ ސްކޫލްތަކަށް ގޮސްގެންނެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝަރުމާ ނަސީރު "އަދަދު" އަށް ވިދާޅުވީ ކޮވިޑް ޕެންޑެމިކާ އެކު މިހާރު އޮތީ ކޮންމެ ވަގުތެއްގައި ވެސް ބަދަލުވެދާނެ ހާލަތަކަށް ވާތީ މިވަގުތު ސީދާ ގޮތެއް ނިންމުމެއް ނިންމަން ދަތި ކަމަށެވެ.

މިނިސްޓްރީން ވަނީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ޓީޗަރުން ވެކްސިން ޖެހުމަށް ސްކޫލުތަކަށް އަންގާފަ އެވެ.

ބެލެނިވެރިންގެ ކަންބޮޑުވުން!

ކިޔަވައިދޭނެ ގޮތެއް މިނިސްޓްރީން ނިންމާފައި ނުވާތީ ބައެއް ބެލެނިވެރިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން އާ އަހަރަކަށް ކިޔެވުން ފަށާއިރު އަލަށް ސްކޫލުތަކަށް ވައްދާ ކުދިންނާއި މިހާރު ސްކޫލުތަކުގައި ކިޔަވަމުންދާ ކުދިން ކިޔެވުމަށް ބޭނުުންވާ ތަކެތި ހަމަކުރަން ޖެހޭނެކަން ފާހަގަކޮށް އޭނާ ވަނީ ގޮތެއް ނުނިންމާތީ ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ.

ބެލެނިވެރިންގެ އަނެއް ކަންބޮޑުވުމަކީ މި އަހަރު ވެސް އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދަން ޖެހިދާނެތީ އޮތް ކަންބޮޑުވުމެވެ. މިދިޔަ އަހަރު ގޭގައި އޮންލައިންކޮށް ކިޔަވަން ޖެހުން ދަރިވަރުންނާއި ބެލެނިވެރިންނަށް އުނދަގޫ ތަޖުރިބާއެއް ކުރަން ޖެހުނެވެ. ދަރިވަރުންގެ އިތުރު ހަރަކާތްތައް މިދިޔަ އަހަރާއި މި އަހަރު އޮތީ ހުއްޓިފަ އެވެ.

މާލޭގައި ކޮވިޑް ފެތުރޭ މިވަރު މަދުވެފައިވީ ނަމަވެސް ކޮވިޑާ ގުޅިގެން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް، ބޮޑު އީދަށް ދިން ލުޔާއެކު އަތޮޅުތެރޭގައި ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ އިތުރު ވަމުންނެވެ. ކޮވިޑް ފެތުރި މިހާތަނަށް 12 ރަށެއް މޮނިޓަރިންގައި އެބަ އޮތެވެ.