Advertisement

އެކުޅިވަރު އަނބުރާ ހަވާލުކޮށް، ބަދަލުގައި އެސްޓީއޯއިން ބިމެއް ތަރައްގީކުރަނީ

1 އޮގަސްޓު 2021 - 11:22 1

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ނ. އެކުޅިވަރު: އެ ރަށް އަނބުރާ ދިނުމަށްފަހު ބަދަލުގައި އެހެން ބިމެއް ތަރައްގީކުރަން އެސްޓީއޯއިން ދަނީ މަސައްކަތް ކުރަމުން.


އެކުޅިވަރު އަނބުރާ ހަވާލުކޮށް، ބަދަލުގައި އެސްޓީއޯއިން ބިމެއް ތަރައްގީކުރަނީ

1 އޮގަސްޓު 2021 - 11:22 1

ރިސޯޓް ތަރައްގީ ކުރަން، ސަރުކާރުގެ މައި ކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އަށް ދީފައިވާ ފަޅު ރަށެއް ކަމަށްވާ ނ. އެކުޅިވަރު އަނބުރާ ޓޫރިޒަމް މިނިސްޓްރީއާ ހަވާލުކޮށް، އޭގެ ބަދަލުގައި އެހެން ބިމެއް ތަރައްގީ ކުރަމުން އަންނަކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

އެކުޅިވަރަކީ ފުވައްމުލައް އެއާޕޯޓު ތަރައްގީ ކުރުމުން، އޭގެ ބަދަލުގައި ސަރުކާރުން އެސްޓީއޯއަށް 2017 ވަނަ އަހަރުގެ ތެރޭގައި ދިން ރަށެކެވެ.

ނަމަވެސް، އޭގެ ފަހުން އެ ރަށް ތަރައްގީކުރަން އެއްވެސް މަސައްކަތެއް ފެށިފައިނުވާއިރު، އެ ރަށް ވިއްކާލުމަށް ކުރި މަސައްކަތް ވެސް ވަނީ ނާކާމިޔާބުވެފަ އެވެ.

އެގޮތުން، އެންމެ ފަހުން އެރަށް ވިއްކާލަން އެސްޓީއޯއިން އިއުލާނުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ.

"އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި އަމްރު ވިދާޅުވީ އެ ރަށަކީ ޓޫރިޒަމް ދާއިރާއަށް ވަނުމަށް އެސްޓީއޯއިން ހޯދި ރަށެއް ނޫން ކަމަށެވެ. އަދި 2018 ވަނަ އަހަރުގެ ފަހުކޮޅު ކުންފުނި ހިންގުމާ ހަވާލުވެވަޑައިގެންނެވިއިރު، ރަށް ތަރައްގީކުރަން ލިބޭ ދެ އަހަރު ދުވަހުގެ މުއްދަތު އޮތީ ގާތްގަނޑަކަށް ހަމަވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެއާއެކު އެ މުއްދަތު އިތުރުކުރަން ކުރި މަސައްކަތަށް ވެސް އެއްވެސް އަލިމަގެއް ފެނިފައިނުވާ ކަން އަމްރު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން ވިއްކާލަން ބެލިޔަސް، އެ ގަންނަ ފަރާތަކުން ބޭނުންވާނެ އަނެއްކާވެސް ދެ އަހަރު އެތަން ތަރައްގީ ކުރަން. ދެން ގާނޫނު އިންނަ ގޮތުން އިތުރަށް ދުވަސްތައް ނޯވޭ މާފުކޮށްދެވޭކަށް. އެކަމަކު އަޅުގަނޑުމެން މި ބުނާ ވާހަކައަކީ އެ ރަށަކީ ޕޭމަންޓެއްގެ ގޮތުގައި ދިން ރަށެކޭ. އެހެންވީމާ އިސްތިސްނާތަކެއް ލިބެންވާނެއޭ،" އޭނާ ވިދާޅުވި އެވެ.

އަމްރު ވިދާޅުވި ގޮތުގައި އެ ރަށް މިހާރު އެހެން ބަޔަކަށް ވިއްކާލިޔަސް، ކުރިން ދައްކަންޖެހޭ ބިމު ކުއްޔާއެކު، ކުންފުންޏަށް އިތުރު ގެއްލުންވާނެ ކަމަށެވެ. އެހެންކަމުން، އެ ރަށުގެ ބަދަލުގައި އެހެން ބިމެއް ހޯދައި، އެ ބިން ތަރައްގީކުރުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިގައިވާކަން އޭނާ ހާމަކުރެއްވި އެވެ. ނަމަވެސް، އެއީ ކޮން ބިމެއް ކަމެއް އަމްރު ވިދާޅެއްނުވެ އެވެ.

ހަމައެކަނި ވިދާޅުވީ އެ ބިމަކީ އެސްޓިއޯގެ އޮޕަރޭޝަން ހިންގަމުންދާ ބިމެއް ކަމަށެވެ.

"އެހެންވީމާ އެކުޅިވަރުން ގެއްލުމެއް ނުލިބި އަޅުގަނޑުމެންނަށް ސަލާމަތްވެވޭނެ. އެ ބިން ތަރައްގީކުރުމުގެ މަސައްކަތް ނިމުމުން، އެ ރަށް އަނބުރާ ޓޫރިޒަމް މިނިސްޓްރީއަށް ދެވޭނެ،" އަމްރު ވިދާޅުވި އެވެ.

އެކުޅިވަރުގައި ރިސޯޓެއް ހަދަން، ސަރުކާރުން އެންމެ ފުރަތަމަ އެ ރަށް ދީފައިވަނީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށެވެ.

އެ ރަށުގައި އެންމެ މަތީ ފެންވަރުގެ 90 ވިލާ އެޅުމަށް އެ ކުންފުނިން ނިންމައި 2015 ވަނަ އަހަރުގެ ތެރޭގައި މަސައްކަތް ކުރި އެވެ.

ނަމަވެސް، އެ މަސައްކަތް ކުރިއަށް ނުގޮސް، ޖެހިގެން އައި އަހަރު އެ ރަށް އެމްޓީޑީސީ އަތުން އަތުލައި، އޭގެ ފަހުން އެސްޓީއޯއާ ހަވާލުކުރި އެވެ.