Advertisement

ވޭރިއެންޓުތަކުގެ ނުރައްކަލާ ހެދި މާބަނޑު މީހުން ވެކްސިން ޖަހަން ޔޫކޭގައި ބާރު އަޅަނީ

1 އޮގަސްޓު 2021 - 11:16 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ފައިޒާގެ ކޮވިޑް ވެކްސިން.-- ފޮޓޯ: ރޮއިޓާޒް


ވޭރިއެންޓުތަކުގެ ނުރައްކަލާ ހެދި މާބަނޑު މީހުން ވެކްސިން ޖަހަން ޔޫކޭގައި ބާރު އަޅަނީ

1 އޮގަސްޓު 2021 - 11:16 0

ލަންޑަން، އިނގިރޭސި ވިލާތް (ޖުލައި 31) - ޑެލްޓާ ވޭރިއެންޓުން މާ ބަނޑު މީހުންނަށް ދިމާވާ ކޮވިޑް ބަލީގެ އަލާމާތްތައް ސީރިއަސްވާ ކަމަށް ދިރާސާއަކުން ދައްކާފައި ވާތީ، ގިނަ މާބަނޑު މީހުން ކޮވިޑާ ދެކޮޅަށް ވެކްސިން ޖަހަން އިނގިރޭސި ކަމާ ބެހޭ އިދާރާތަކުން ބާރު އަޅަމުން އެބަ ދެ އެވެ.

އިންގްލޭންޑްގެ ޗީފް މިޑްވައިފެރީ އޮފިސަރު، ޖެކެލިން ޑަންކްލިން ބެންޓް، ހުކުރު ދުވަހު ޑޮކްޓަރުންނާއި ފޫޅުމައިންނަށް ފޮނުވި ސިޓީއެއްގައި އަންގަވާފައި ވަނީ މާބަނޑު މީހުން ކޮވިޑް ވެކްސިން ޖެހުމަށް ބާރު އެޅުމަށެވެ. އެއީ ބަލިވެގެން ހޮސްޕިޓަލްގައި އެޑްމިޓު ކުރަން ޖެހޭ މާބަނޑު މީހުން އިތުރުވާތީ އެވެ.

އޭނާ ވިދާޅުވީ "މާބަނޑު އަންހެންނުން ގޮވާލަނީ އަމިއްލަ ހަށިގަނޑާއި ދަރިފުޅު ރައްކާތެރި ކުރަން" ކަމަށެވެ.

ރޯޔަލް ކޮލެޖް އޮފް އޮބްސްޓެޓްރިޝަންސް އެންޑް ގައިނިކޮލޮޖިސްޓްސް އަދި ރޯޔަލް ކޮލެޖް އޮފް މިޑްވައިވްސްއިން ވެސް ވަނީ މާބަނޑު މީހުން ވެކްސިން ޖަހަން ލަފާ ދީފަ އެވެ.

ޕަބްލިކް ހެލްތު އިންގްލޭންޑް އޮފީހުން ބުނީ މާބަނޑު މީހުން ފައިޒާ ނުވަތަ މޮޑާނާ ވެކްސިން ޖަހަން ލަފާދޭ ކަމަށެވެ. އެމެރިކާގައި 130،000 އަށް ވުރެ ގިނަ މާބަނޑު މީހުންނަށް އެ ދެ ވެކްސިން ދީފައި ވެ އެވެ.

ޔޫކޭ އޮބްސްޓެޓްރިކް ސަވައިލަންސް ސިސްޓަމުން ޖުލައި 25 ގައި ޝާއިއުކުރި ދިރާސާއެއްގައިވާ ގޮތުން މޭ މަހު ޑެލްޓާ ވޭރިއެންޓު ހަލުވިކަމާއެކު ފެތުރުނު ފަހުން ކޮވިޑް ޖެހި ބަލިވެގެން އެޑްމިޓު ކުރަން ޖެހުނު މާބަނޑު މީހުން އަދަދު އިތުރުވި ކަމަށެވެ.

ޔުނިވާސިޓީ އޮކްސްފޯޑުން ކުރި ދިރާސާގައި ބުނީ ޑެލްޓާ ވޭރިއެންޓު ސަބަބުން އެޑްމިޓު ކުރާ މާބަނޑު މީހުންނަށް ނިއުމޯނިއާގެ ފުރުސަތު ބޮޑުވާ ކަމަށާއި، އެޑްމިޓު ކުރާ މީހުންގެ ތިންބައި ކޮށްފައި އެއްބައި މީހުންނަށް އޮކްސިޖަން ގުޅަން ޖެހޭ ކަމަށެވެ.

"ކޮވިޑް ޖެހިގެން މާބަނޑު މީހުން އެޑްމިޓު ކުރަން ޖެހުން އިތުރުވުމާއި ޑެލްޓާ ވޭރިއެންޓާ ހެދި މާބަނޑު އަންހެނުންނަށް ކުރާ އަސަރު ބޮޑުވުމަކީ ކަންބޮޑުވުން ހުރި ކަމެއް،" ދިރާސާގެ ޗީފް އިންވެސްޓިގޭޓަރު މޭރިއެން ނައިޓް ވިދާޅުވި އެވެ.

އޭނާއަކީ އޮކްސްފޯޑް ޔުނިވާސިޓީގެ މެޓޭނަލް އެންޑް ޗައިލްޑް ޕޮޕިއުލޭޝަން ހެލްތާ ގުޅޭ ޕްރޮފެސަރެވެ.

ދިރާސާގައިވާ ގޮތުން ފެބްރުއަރީ މަހުން ފެށިގެން ކޮވިޑް ޖެހި އެޑްމިޓު ކުރި މާބަނޑު ކުރި 3،000 އަށް ވުރެ ގިނަ މީހުންގެ ތެރެއިން އެއްވެސް މީހަކު ވެކްސިން ފުރިހަމަކޮށްފައެއް ނުވެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ވެކްސިނާ ބެހޭ ޗީފް ކޭޓް އޯ ބްރަޔަން މިދިޔަ ހަފްތާގައި ވިދާޅުވީ މާބަނޑުވުމަކީ ކޮވިޑް ޖެހި ހާލު ސީރިއަސްވުމަށް މަގުފަހިވާ ސަބަބެއްގެ ގޮތުގައި ބެލެވޭ ކަމަށެވެ.

"މާބަނޑު މީހުންނަށް އޮތް ނުރައްކާ ބޮޑުވޭ. ވަކިން ހާއްސަކޮށް ވިހަން ކައިރިވާ ވަރަކަށް. އެއީ ބަނޑުގައި އޮތް ދަރިފުޅު ބޮޑުވާ ވަރަކަށް ފުއްޕާމޭގެ ކެޕޭސިޓީ ކުޑަވެ ނޭވާލާން އުނދަގޫވަމުން ދާނެތީ،" ސޯޝަލް މީޑިއާގައި ކުރިއަށް ގެންދިޔަ ސުވާލާއި ޖަވާބު ސެޝަނެއްގައި ކޭޓް ވިދާޅުވި އެވެ.

"ވެކްސިން ޖެހުމުގެ މުހިއްމު ކަމާ މެދު މާބަނޑު މީހުން ސީރިއަސްކޮށް ވިސްނަން ޖެހޭ."

މިދިޔަ އޭޕްރިލް މަހުން ފެށިގެން އިނގިރޭސި ވިލާތުގައި އަންނަނީ މާބަނޑު މީހުންނަށް ވެކްސިން ދެމުންނެވެ. ނަމަވެސް މިހާތަނަށް ވެކްސިން ޖެހީ މަދު އަދަދެއްގެ މާބަނޑު މީހުންނެވެ. އެއީ ވެކްސިނާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ފަތުރަމުން ދާތީ ކަމަށް ދިރާސާގައި ބުނެފައި ވެ އެވެ.

"ދިރާސާގެ ހޯދުންތަކުން އެނގުނު ގޮތުގައި މި ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމަށާއި މާބަނޑު އިރުގައި ވެކްސިން ޖެހުނަށް ބާރު އެޅުމުގެ ގޮތުން ކުރާ މަސައްކަތް ހަރުދަނާ ކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައި މަސައްކަތް ކުރަން ޖެހޭ،" ދިރާސާ ރިޕޯޓުގައި ވެ އެވެ.

ރޯޔަލް ކޮލެޖް އޮފް އޮބްސްޓެޓްރިޝަންސް އެންޑް ގައިނިކޮލޮޖިސްޓްސް އިން މިދިޔަ މޭ މަހު ހެދި ސާވޭއަކުން ދެއްކި ގޮތުގައި ވެކްސިން ޖަހަން ސިއްހީ އިދާރާތަކުން ގުޅި މާބަނޑު އަންހެނުންގެ ތެރެއިން 58 ޕަސެންޓު ވެކްސިން ޖަހަން ބޭނުމެއް ނުވި އެވެ. ގިނަ މީހުން ބުނެފައި ވަނީ ވެކްސިންގެ ރައްކާތެރިކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާ ކަމަށާއި ބަނޑުގައި އޮތް ދަރިފުޅަށް ގެއްލުމެއް ވެދާނެތީ ބިރު ގަންނަ ކަމަށެވެ.