Advertisement

ޓީސީގެ ތަރި އައްޒާމް ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

1 އޮގަސްޓު 2021 - 11:34 1

ޓީސީގެ ޕްރެކްޓިހެއްގެ ތެރެއިން އައްޒާމް ބޯޅަ ހިފައިގެން.


ޓީސީގެ ތަރި އައްޒާމް ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

1 އޮގަސްޓު 2021 - 11:34 1

ޓީސީ ސްޕޯޓްސް ކްލަބްގެ ކެޕްޓަން ބޭންޑް އަޅައިގެން މިދިޔަ ސީޒަނުގައި ކުޅުނު ހުނަރުވެރި ކުޅުންތެރިޔާ މުހައްމަދު އައްޒާމް ޕްރޮފެޝަނަލްކޮށް ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ.

އުމުރުން 31 އަހަރުގެ އައްޒާމް ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައިވަނީ ނ. ކެނދިކުޅުދޫގައި މިނިވަން ދުވަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ފުޓްސަލް މުބާރާތް ނިމުމުގެ ރަސްމިއްޔާތުގެ ތެރެއިންނެވެ. އައްޒާމަކީ ރަށު ފެންވަރާއި ގައުމީ ފެންވަރުގައި ފުޓްބޯޅަ އާއި ފުޓްސަލްގައި ފާހަގަކުރެވޭ އެތައް ކާމިޔާބެއް ހޯދާފައިވާ ކުޅުންތެރިއެކެވެ.

އައްޒާމް ބުނީ އޭނާގެ ކެރިއަރުގައި މިހާރު ހުރި ހިސާބަށް އާދެވުނީތީ ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ.

"ޝުކުރު އަދާކުރަން ޖެހޭ ލިސްޓް ވަރަށް ބޮޑު. އެންމެ ފުރަތަމަ ކެނދިކުޅުދޫ ރައްޔިތުންނަށް. ދެން އަޅުގަނޑުގެ ސަޕޯޓަރުންނަށް. ދެން ހާއްސަކޮށް އަޅުގަނޑުގެ އާއިލާ އަށް. މަންމަ އާއި ބައްޕަ އަށް. ތެންކް ޔޫ ހުރިހާ އެންމެންނަށް ވެސް،" އައްޒާމް ބުންޏެވެ.

ޕްރޮފެޝަނަލްކޮށް ކުޅުން ހުއްޓާލިކަން ކަށަވަރުކޮށްދިނުމަށް ފަހު، އައްޒާމް މިއަދު، "އަދަދު" އަށް ބުނީ ފުޓްބޯޅަ އާއި ފުޓްސަލް ރަސްމީ މުބާރާތަކުން ދެން ނުފެންނާނެ ކަމަށެވެ.

ބީޖީ ސްޕޯޓްސް ކްލަބުން ފުރަތަަމަ ޑިވިޝަނުގައި ފެނިގެންދިޔަ އައްޒާމް ބޮޑަށް ވިދާލީ ޓީސީއާ ގުޅުނު ފަހުންނެވެ. ޓީސީގައި އޭނާ ވަނީ ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އޭނާ ވަނީ ޓީސީއާ އެކު 2017 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އަދި 2018 ވަނަ އަހަރު ޓީސީން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، އޭނާ ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އަދި އެ ޓީމުން އޭއެފްސީ ކަޕްގައި ވާދަކުރިއިރު، ވެސް ޓީމުގައި ހިމެނުނެވެ.

މިދިޔަ ސީޒަނުގައި ނިސްބަތުން ޒުވާން ޓީމެއް ޓީސީގައި އޮތްއިރު، އެ ޓީމު ލީޑުކުރުމުގައި އައްޒާމް ވަނީ ތަފާތު ދައްކައިފަ އެވެ. ޓީސީން ލީގުގައި ކުޅުނު 14 މެޗުގައި ވެސް އޭނާ ވަނީ ކުޅެފަ އެވެ. ލީގުގެ ފުރަތަމަ ބުރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އައްޒާމް ވަނީ ހަ ގޯލު ޖެހުމުގެ އިތުރުން އެއް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ގައުމީ ޓީމުން ވެސް ގިނަ ފަހަރުތަކެއްގެ މަތިން ފުރުސަތު ހޯދި އައްޒާމް ރަސްމީ މެޗެއްގައި ގައުމީ ޓީމަށް ކުޅުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އޭނާ އެންމެ ފުރަތަމަ ގައުމީ ޓީމަށް ކުޅުނީ 2017 ވަނަ އަހަރު އޮކްޓޫބަރު މަހު އޭޝިއަން ކަޕް ކޮލިފައިންގައި އޮމާނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގަ އެވެ. އޭގެ ފަހުން ވެސް ގައުމީ ސްކޮޑުގައި އެކި ފަހަރު މަތިން ހިމެނުނު ނަމަވެސް ގިނަ ފަހަރު އަނިޔާގެ ސަބަބުން ކުޅުމުގެ ފުރުސަތު ނުލިބި ދިޔައީ އެވެ.

ފުރަތަަމަ ޑިވިޝަންގެ ފުޓްބޯޅައިގެ އިތުރުން ދެން އައްޒާމް ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، އޭނާ ވަނީ ނ. އަތޮޅަށް ހާއްސަކޮށްގެން ބާއްވާ ޝިޔާމް މައުރޫފް ސޮކަ ކަޕް ޗެމްޕިއަންކަމާއި ސަރުކާރު އަދި އަމިއްލަ އޮފީސްތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.