Advertisement

ފިޔަވަޅުތަކަށް ބެލުމެއް ނެތި މެލޭޝިއާގެ ސަރުކާރާ ދެކޮޅަށް ނިކުމެއްޖެ

1 އޮގަސްޓު 2021 - 04:59 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މެލޭޝިއާ ރައްޔިތުން ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަނީ.-- ފޮޓޯ: އޭއެފްޕީ


ފިޔަވަޅުތަކަށް ބެލުމެއް ނެތި މެލޭޝިއާގެ ސަރުކާރާ ދެކޮޅަށް ނިކުމެއްޖެ

1 އޮގަސްޓު 2021 - 04:59 0

ކުއަލަ ލަމްޕޫރް، މެލޭޝިއާ (ޖުލައި 31) - ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެއްވެ އުޅުން މަނާކޮށްފައި ވަނިކޮށް، ކަޅު ހެދުމުގައި ތިބި އެތައް ސަތޭކަ ބަޔަކު މެލޭޝިއާގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށްފި އެވެ.

މުޒާހަރާގެ ބައިވެރިން ތިބީ މާސްކު އަޅައިގެން ގައިދުރުކަން ގާއިމްކޮށްގެންނެވެ. އެ މީހުން ވަނީ ކަޅު ދިދަ އާއި ސަރުކާރު ފެއިލްވެފައިވާ ކަމަށް ބުނާ ބެނާތަކާއި ޕޯސްޓަރުތައް ގެންގުޅެފަ އެވެ.

މިއީ މި ފަހުން މެލޭޝިއާގައި ބޭއްވި އެންމެ ބޮޑު މުޒާހަރާ އެވެ. ކޮވިޑުގެ ފިޔަވަޅުތަކާ ހިލާފު ނުވުމަށާއި ބަލި ޖެހިދާނެ ކަމުގެ ބިރަށް މުޒާހަރާގައި ބައިވެރިވާން މީހުން ޖެހިލުންވެ އެވެ.

އެކަމަކު ލޮކްޑައުން ކޮށްގެން ވެސް ކޮވިޑް ކޮންޓްރޯލް ނުކުރެވޭތީ ސަރުކާރު ދެކެ އާއްމުން ތިބީ ރުޅި އައިސްފަ އެވެ. އޭގެ އިތުރުން ބޮޑުވަޒީރު މުހްޔިއްދީން ޔާސީން ވެރިކަމުގައި ހުންނެވުމަށް ކުރާ މަސައްކަތާ މެދު ވެސް އާއްމުން ހިތްހަމަނުޖެހެ އެވެ.

"އަޅުގަނޑުމެން ނިކުމެ މި ތިބީ މި ބަލިމަޑުކަމުގެ ހުރިހާ ވޭނެއް އުފުލަން ޖެހޭއިރު، ސަރުކާރުން ސިޔާސީ ކުޅިވަރުތަކައިގެން އުޅޭތީ،" މުޒާހަރާގެ ބައިވެރިއަކު އޭއެފްޕީއަށް ބުންޏެވެ.

"ސަރުކާރުން އެ ދަނީ އިގްތިސާދު އިނދަ ޖައްސަމުން އަދި ޑިމޮކްރަސީ ހަލާކު ކުރަމުން".

އިތުރު މީހަކު ބުނެފައި ވަނީ ޔާސީންއަކީ ބޮޑުވަޒީރުކަން ކުރެއްވޭ ވަރުގެ ގާބިލްކަން ހުރި ބޭފުޅެއް ނޫން ކަމަށާއި ވަގުތުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ.

މުޒާހަރާ ކުރި ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ތިއްބެވެ. މުޒާހަރާގެ ބައިވެރިން މައިދާނަކަށް ވަންނަން މަސައްކަތް ކުރުމުން އެކަމަށް ފުލުހުން ހުރަސް އެޅި އެވެ. އެހެންވެ، ސުލްހަވެރިކަމާ އެކު މުޒާހަރާ ނިންމާލީ އެވެ.

މުޒާހަރާ ރޭވި ފަރާތުން ބުނީ 1000 މީހުން ބައިވެރިވި ކަމަށެވެ. ނަމަވެސް ފުލުހުން ބުނީ އެ ތަނުގައި ތިބީ 400 މީހުން ކަމަށެވެ.

މެލޭޝިއާގެ ނޫސްތަކަށް ފުލުހުން ބުނީ ކޮވިޑްގެ ފިޔަވަޅުތަކާ ހިލާފަށް އެއްވުމުން މުޒާހަރާގެ ބައިވެރިން ހާޒިރުކޮށް ސުވާލު ކުރާނެ ކަމަށެވެ.

ބޮޑުވަޒީރު މުހްޔިއްދީން ޔާސީންގެ ކޯލިޝަނާ ގުޅޭ ގޮތުން މީގެ ކުރިން ވެސް ތަފާތު އެކި އަޑުތައް އަރާފައި ވާއިރު، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ އިންތިހާބަކާ ނުލަ އެވެ.

ބައެއް ޕާޓީތަކުން ސަރުކާރަށް ކުރި ތާއީދު އަނބުރާ ގެންދިޔުމުން ޔާސީނަށް މަގާމު ގެއްލުމާ ވަނީ ގާތްވެފަ އެވެ.

ކޮވިޑާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ކަމަށް ބުނެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، މެލޭޝިއާގެ މަޖިލީހުގެ ޖަލްސާތައް އެތައް ދުވަހެއް ވަންދެން މެދުކަނޑާލާފައި އޮތުމަށް ފަހު މި ހަފުތާގައި ވަނީ އަލުން ފަށައިފަ އެވެ. އެއާއެކު ޔާސީން ވަނީ އިސްތިއުފާ ދޭން ޕްރެޝަރު ބޮޑުވެފަ އެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލީ ޔާސީނަށް ވެރިކަމުގައި ހުރެވޭނެ ގޮތެއް ވޭތޯ ބެލުމަށެވެ. އޭގެ އިތުރުން ރަސްގެފާނު ސުލްތާން އަބްދުﷲ ސުލްތާން އަހްމަދު ޝާހްގެ ފާޑުކިޔުއްވުން ވެސް ވަނީ އަމާޒުވެފަ އެވެ.

ހަ މަސް ދުވަހަށް އިއުލާނު ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ފަހު ދުވަހަކީ އާދީއްތަ ދުވަހެވެ. ނަމަވެސް އޭގެ ފަހުން ވެސް މުޅި މެލޭޝިއާ އޮންނާނީ ލޮކްޑައުންކޮށްފަ އެވެ.

މެލޭޝިއާއިން މިހާތަނަށް ކޮވިޑުގެ 1.1 މިލިއަން ކޭސް ފެނިފައި ވާއިރު 8،800 އަށް ވުރެ ގިނަ މީހުން މަރުވެފައި ވެ އެވެ.