Advertisement

އާއްމު ދިރިއުޅުމަށް ރުޖޫއަވާން ވެކްސިން ފުރިހަމަކުރުމުގައި ބައިވެރިވާން ރައީސްގެ އިލްތިމާސެއް

31 ޖުލައި 2021 - 11:19 0

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު

އިސްލާމީ މަރުކަޒުގައި ވެކްސިން ޖަހަން މިއަދު ބަޔަކު ކިޔޫގައި: ވެކްސިން ޕްރޮގްރާމް މެދުކެނޑުމަށް ފަހު މިއަދު އަލުން ވަނީ ފަށާފައި. -- ފޮޓޯ/ އަދަދު


އާއްމު ދިރިއުޅުމަށް ރުޖޫއަވާން ވެކްސިން ފުރިހަމަކުރުމުގައި ބައިވެރިވާން ރައީސްގެ އިލްތިމާސެއް

31 ޖުލައި 2021 - 11:19 0

ކޮވިޑުގައި ތާށިވެ އާއްމު ދިރިއުޅުން ހުއްޓިފައި ތިބުމުން އަރައިގަތުމުގެ އަމާޒުގައި މިއަދު އަލުން ފެށި ވެކްސިން ޕްރޮގްރާމްގައި ބައިވެރިވެ އެންމެން ވެސް ދެ ޑޯޒު ފުރިހަމަކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިލްތިމާސްކުރައްވައިފި އެވެ.

ރާއްޖޭގައި ކޮވިޑް-19 ވެކްސިން ޕްރޮގްރާމް މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ފެށީ ހަ މަސް ދުވަހުގެ ތެރޭގައި އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދީ ނިންމުމަށެވެ. އެކަމަކު މުޅި ދުނިޔެއަށް ކުރިމަތިވި ވެކްސިންގެ ދަތިކަން ރާއްޖެއަށް ވެސް ކުރިމަތިވެ, އެ ޕްރޮގްރާމް މެދުކެނޑުނީ އެވެ.

ވެކްސިން ހޯދަން ސަރުކާރުން ކުރި މަސައްކަތުން މިހާރު ވަނީ ވެކްސިން ޖެހޭ އާބާދީގެ މިހާތަނަށް ނުޖަހާ ތިބި އެންމެންނަށް ދެ ޑޯޒު ފުރިހަމަކުރެވޭ ވަރަށް ވެކްސިން ހޯދައިފަ އެވެ. ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އާބާދީގެ 90 ޕަސެންޓަށް ވުރެން ބޮޑު ބަޔަކަށް ވެކްސިން ޖެހުމަށް މިއަދު ވަނީ މާލޭގެ ހަ ސެންޓަރެއްގައި ވެކްސިން ދޭން ފަށައިފަ އެވެ.

ރަށްރަށުގައި ވެސް ވަނީ ވެކްސިނޭޝަން ޕްރޮގްރާމް ފަށައިފަ އެވެ.

ރައީސް ސޯލިހް ކުރެއްވި ޓުވީޓެއްގައި، ވެކްސިން ޖެހުމަށް ބާރު އަޅުއްވައި ވިޔަފާރިތައް ކުރިއަށް ގެންގޮސް އާއިލާ އާއި ރަހުމަތްތެރިންނާ އެކު ކުރީގެ އާއްމު ހާލަތަށް ރޫޖޫއަވެވެން އޮތް ހަމައެކަނި މަގަކީ ވެކްސިން ފުރިހަމަކުރުން ކަން ހަނދާންކޮށްދެއްވާފައިވެ އެވެ. ވެކްސިން ޖަހަން ޖެހެނީ އާއިލާ އާއި މުޅި މުޖުތަމައު މިކަމުން އަރައިގަތުމަށް އެހީވެދޭން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

ރާއްޖެ މި ހިމެނެނީ ކުރު މުއްދަތެއްގެ ތެރޭގައި މުޅި އާބާދީއަށް ބޭނުންވާ މިންވަރަށް ވެކްސިން ކަށަވަރުވި ގައުމުތަކުގެ ތެރޭގަ އެވެ.

ވެކްސިން އެޕޮއިންޓްމަންޓް އެޗްޕީއޭގެ ވެބްސައިޓުން

ވެކްސިން ފުރިހަމަނުކޮށް ތިބި މީހުންނަށް ހާއްސަކޮށް މިހާރު ވަނީ އެޕޮއިންޓްމަންޓް ދޫކުރަން ފަށައިފަ އެވެ. ހަ ސެންޓަރެއްގައި ވެކްސިން ޖަހައިދޭ އިރު, އެޗްޕީއޭގެ ވެބްސައިޓު މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދެ އެވެ.

ވެކްސިން ޖަހަން ނިންމާފައިވަނީ ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒާއި އާޓް ގެލަރީ އާއި ދަމަނަވެއްޓާއި ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން ވިލިމާލެ ޔޫތު ސެންޓަރެވެ. ހެނދުނު ހައަކުން ހަވީރު ހަތަރަކަށް ވެކްސިން ޖަހައިދެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން ހާމަ ކުރި ވެކްސިންގެ މައުލޫމާތަށް ބަލާއިރު މިމަހު 28 ގެ ނިޔަލަށް ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 321،594 މީހުންނެވެ. އޭގެތެރެއިން 263،067 މީހުން ވަނީ ދެ ޑޯޒް ފުރިހަމަ ކޮށްފަ އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ފެށީ އިންޑިއާއިން ހަދިޔާކުރި 200،000 ޑޯޒުންނެވެ. ޗައިނާއިން ވެސް 200،000 ޑޯޒާއި ހެޔޮއެދޭ އެހެން ފަރާތްތަކުން ވެސް ވެކްސިން ލިބުނެވެ.

އޭގެ އިތުރަށް ރާއްޖެ އިން ވަނީ ޖުމްލަ 1،000،000 ޑޯޒަށް ފައިސާ ދައްކައިފަ އެވެ. އޭގެ ތެރޭގައި ސިންގަޕޫރުގެ އެސްޓްރާޒެނެކާ އަށް 700،000 ޑޯޒާއި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓަށް 300،000 ޑޯޒު ހިމެނެ އެވެ. މީގެތެރެއިން ރާއްޖެ އަށް ލިބުނީ އެސްޓްރާޒެނެކާ ވެކްސިނެވެ.