Advertisement

އޮލިމްޕިކްސް: ސާއިދު އަށް ހީޓްގެ ހަތަރު ވަނަ

31 ޖުލައި 2021 - 09:03 1

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު.-- ފޮޓޯ: ސާއިދު/އިންސްޓަގްރާމް


އޮލިމްޕިކްސް: ސާއިދު އަށް ހީޓްގެ ހަތަރު ވަނަ

31 ޖުލައި 2021 - 09:03 1

ޓޯކިޔޯ އޮލިމްޕިކްސްގެ 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ހީޓުގެ ހަތަރު ވަނަ އަށް ގޮސް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އަށް ފުރަތަމަ ބުރުގެ ފުރުސަތު ނުލިބި މި ފަހަރުގެ ގޭމްސް ނިންމާލަން ޖެހިއްޖެ އެވެ.

މިއަދު ހެނދުނު ކުރިއަށްދިޔަ 100 މީޓަރުގެ ޕްރިލިމިނަރީ ފުރަތަމަ ހީޓުގައި ސާއިދުގެ ޓައިމިން އަކީ 10.70 ސިކުންތެވެ. ފުރަތަމަ ލޭނުގައި ދުވި ސާއިދު ފަށައިގެން ރަނގަޅު ހިސާބެއްގައި އޮތް ނަމަވެސް ފަހުން އޭނާ އަށް ލީޑުނުހިފެހެއްޓި ހަތަރު ވަނައިގައި ނިންމާލަން ޖެހުނީ އެވެ.

މި ހީޓުގެ އެއް ވަނަ އަށް ދިޔައީ ޒިމްބާބްވޭގެ މަކޫސާ އެންގޯނީ އެވެ. އޭނާ ރޭސް ނިންމީ 10.32 ސިކުންތުންނެވެ. ދެ ވަނަ އަށް ދިޔައީ ޓޯގޯގެ ފަބްރީސް ޑަބްލާ އެވެ. އޭނާގެ ޓައިމިން އަކީ 10.57 އެވެ. ތިން ވަނަ އަށް ދިޔައީ ނިކަރާގުއާގެ އުމުރުން 18 އަހަރުގެ ދުވުންތެރިޔާ އެލިއަތު ރޮމޭރޯ އެވެ. އޭނާ ރޭސް ނިންމީ 10.62 އިންނެވެ.

ޓޯކިޔޯ އޮލިމްޕިކްސްގައި މިއަދު ރާއްޖޭގެ ސާއިދު (ކ.1) ހީޓުގައި ދުވަނީ.-- ފޮޓޯ: އޭއެފްޕީ


މިއީ ސާއިދުގެ ދެ ވަނަ އޮލިމްޕިކްސް އެވެ. ސާއިދު އެންމެ ފުރަތަމަ 2016 ވަނަ އަހަރު ބްރެޒިލްގެ ރިއޯގައި ކުރިއަށްދިޔަ އޮލިމްޕިކްސްގައި ވާދަކުރިއިރު، ޕްރިލިމިނަރީ ހީޓުގެ އެއް ވަނައިގެ ގޮތުގައި ފުރަތަމަ ބުރުން ފުރުސަތު ހޯދި އެވެ. ސާއިދު، އެ ހީޓުގެ އެއްް ވަނަ ހޯދީ 10.43 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭނާ އަކީ އޮލިމްޕިކްސްގެ، ބުރެއްގެ އެއް ވަނަ ހޯދި ރާއްޖޭގެ ފުރަތަމަ ކުޅިވަރު ކުޅުންތެރިޔާ އެވެ. ފުރަތަމަ ބުރުގެ ފަސް ވަނަ ހީޓުގައި ވާދަކޮށް ސާއިދު އަށް ވަނަ އަށް ދިޔައިރު އޭނާ ރޭސް ނިންމީ 10.47 ސިކުންތުންނެވެ.

ސާއިދު، 29، އަކީ ރާއްޖޭގެ އެންމެ ކާމިޔާބު ކުޅިވަރު އެތުލީޓެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 2015 ވަނަ އަހަރުގެ މުބާރާތުގައި 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި ރާއްޖެ އަށް ބައިނަލްއަގްވާމީ ގޭމްސްއަކުން ފުރަތަމަ ރަން މެޑަލް ހޯދައިދިނީ ސާއިދު އެވެ. އަދި އެ ގޭމްސްގެ 200 މީޓަރު ދުވުމުން ރިހި މެޑަލް ވެސް ހޯދި އެވެ.

އެ އަހަރަށް ފަހު 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ރަން ނުލިބުނަސް ސާއިދު ވަނީ 100 މީޓަރާއި 200 މީޓަރު ރިހި މެޑަލް ހޯދައި އެ ގޭމްސްގައި އެހާތަނަށް އެތުލެޓިކްސް އިން ވެސް އަދި އެހެން އިންޑިވިޖުއަލް ކުޅިވަރަކުން ވެސް ލިބުނު އެންމެ ބޮޑު ކާމިޔާބީ ހޯދައިފަ އެވެ. އަދި 2019 ވަނަ އަހަރުގެ އައިއޯއައިޖީގެ 200 މިޓަރުން ރިހި މެޑަލް ހޯދައި ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރުން ރަން މެޑަލް އަދި 200 މިޓަރުން ލޯ މެޑަލް ހޯދި އެވެ. އޭގެ އިތުރުން ވެސް އޭނާ ވަނީ އިންޑިއަން ގްރޯން ޕްރީ އާއި މެލޭޝިއަން އޯޕަން އިން ރަން މެޑަލް ހޯދައިފަ އެވެ.