Advertisement

ކެންސަރާ ހަނގުރާމަ ކުރުމުގައި ފަސް އަހަރު: ހިދުމަތް ކުރިއަކަށް ނޭރި!

31 ޖުލައި 2021 - 08:55 2

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ކެންސަރު ބަލި މީހަކަށް ކީމޯ ތެރަޕީ ދެނީ.


ކެންސަރާ ހަނގުރާމަ ކުރުމުގައި ފަސް އަހަރު: ހިދުމަތް ކުރިއަކަށް ނޭރި!

31 ޖުލައި 2021 - 08:55 2

އެއީ 2016 ވަނަ އަހަރުގެ މޭ މަހުގެ ދުވަހެކެވެ. ފާތުމަތު އަހުމަދު، 48، ގެ ހާލު ކުއްލިއަކަށް ގޯސްވީ މާ ގަދަޔަށް ހޮޑުލެވެން ފެށީމަ އެވެ. އެމެޖެންސީގައި ޅ. ނައިފަރުން މާލެ އައިސް، އެތައް މަސައްކަތަކަށް ފަހު ހެދި ސީޓީ ސްކޭނާއެކު އޭނާއަށް ޖެހުނީ ވަގުތުން ފުރައިގެން އިންޑިއާއަށް ދާށެވެ. އެ ތަނުގައި ހެދި އޮޕަރޭޝަނަކުން ނެގީ އޯވަރީ އެވެ. ކެންސަރުކަން އެނގުނީ 14 ދުވަސް ފަހުންނެވެ.

އޭގެ ފަސް އަހަރު ފަހެވެ. ފާތުން އަށް އަދިވެސް އޮތީ ކެންސަރުގެ ދިގު ހަނގުރާމަ އެވެ. އެކަމަކު އުފުލަން ޖެހިފައިވާ ތަކުލީފު އެތައް ގުނައެއް އިތުރެވެ. އެއް ސަބަބަކީ ރާއްޖޭން ލިބެން ހުރި ފަރުވާއަށް މާ ބޮޑު ކުރިއެރުމެއް އައިސްފައި ނުވުމެވެ. އަނެއް ސަބަބަކީ ކޮވިޑުގެ ބަލިމަޑުކަމާ ހެދި އެކި ގޮތްގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކެވެ.

"މިހާރު ނޭނގޭ ބުނާކަށް ވެސް. އެންމެ ފުރަތަމަ ޖެހުނީ 2016 ގައި އޯވަރީ ކެންސަރު. އޯވަރީ މި ހުރީ ރިމޫވްކޮށްފައި. ދެން 2016 ގައި ކީމޯ ނިންމާލާފައި އޭގެ ފަހުން 2018 ގައި އަނެއްކާ އާސަންދައިގެ ދަށުން ކޮޗިންއަށް ފޮނުވީ. ލިވާއަށް ކަމަށް އޭރު ބުނެފައި އިނީ. ލިވާގައި [ކެންސަރު] ހުރި ކަމަށް ބުނެފައި މިކޮޅުން [މާލެއިން] ފަރުވާ ފެށީ،" ފާތުންގެ ވާހަކަ ފެށި އެވެ.

ފާތުންގެ ކީމޯ ފަރުވާ ދެ ވަނަ ފަހަރަށް ފެށީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހުޅުމާލެ ހޮސްޕިޓަލުންނެވެ. ނަމަވެސް 2020 ވަނަ އަހަރު ދުނިޔެއަށް ލައްވާލި ކޮވިޑު ރޯގާ އާއެކު ފާތުންނަށް ދޭން ޖެހޭ ކީމޯ ހުޅުމާލެ ހޮސްޕިޓަލުން ހުސްވީ އެވެ. އެއާއެކު ޖެހުނީ ކީމޯ ބޭސްތަކެއް ކާށެވެ.

"ކޮވިޑާ ހެދި އަޅުގަނޑުމެންނަށް ވަރަށް ދަތި. ފުރަތަމަ ކަމަކީ ކީމޯ ނެތިގެން ނުދެވުން. އަނެއް ކަމަކީ ބޭސް ދިނީމަ އެ ބޭހުން އަޅުގަނޑަށް އެއްވެސް ފައިދާއެއް ނުކުރުން. އެއް ފަހަރު ބޭނުން ކުރި ބޭހުން ވަރަށް ގިނައިން ފާހާނައަށް ދާން ޖެހުނީ. ވަރަށް ގިނަ ފަހަރު. ގާތްގަނޑަކަށް 18 ފަހަރު،" ކެންސަރާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ކުޑަ މިންވަރެއް ހިއްސާ ކުރަމުން ފާތުން ބުންޏެވެ.

"ދެ މަސް ކޮށްފައި މި ކޮޅަށް [މާލެއަށް] އައީމަ ބޭސް ބަދަލުކޮށްލީ. ދެން އޭގެ ހަ މަސް ދުވަހުގެ ބޭސް ކެއީ. އަޅުގަނޑުގެ ހަށިގަނޑު ތެރޭގައި އުނދަގޫތަކެއް ވާތީވެ ގުޅަން ހުޅުމާލެ ހޮސްޕިޓަލަށް. ދެން ޑޮކްޓަރާ ވާހަކަ ދެއްކީމަ ވިދާޅުވީ މައްސަލައެއް ނޫނޭ، ހަމަ ބޭސް ބޭނުން ކުރަމުން ދާށޭ."

އެކަމަކު ހަ މަސް ވަންދެން ބޭނުން ކުރި ބޭހުން އެއްވެސް ފައިދާއެއް ނުކުރި އެވެ. ފާތުންނަށް އިތުރު އުނދަގޫތައް ވާން ފެށުމުން ދެއްކީ އޮންލައިންކޮށް އައިޖީއެމްއެޗަށެވެ. ޑޮކްޓަރު ލަފާ ދިނީ އަވަހަށް މާލެ އައުމަށެވެ. މާލޭގައި ހެދި ސީޓީ ސްކޭނުން ފެނުނީ އެކި ދިމަދިމާލަށް ކެންސަރު ފެތުރިފައި ހުރި ކަމެވެ. އެއާއެކު ފާތުންނަށް ޖެހިފައި ވަނީ ކީމޯ ތެރަޕީގެ ވޭންހުރި ވަށްބުރު އަލުން ބަލުން ފަށާށެވެ.

"އަޅުގަނޑު އެދުނީ އައިިޖީއެމްއެޗުން ކީމޯ ނަގަން. އެއީ ކޮންމެ ދުވަހަކު މާލޭގައި ހުރެފައި ހުޅުމާލެއަށް ދިޔުމަކި ތަކުލީފަކަށް ވާތީވެ އަދި އައިޖީއެމްއެޗުގައި ޑޮކްޓަރު ވެސް ހުރީމަ... ދެން ފުރަތަމަ ކީމޯ ދީފައި އެލާޖިކެއް އައިސްގެން ދެ ވަނަ ކީމޯ ނުދެވިގެން މި އުޅެނީ އަދިވެސް،" ފާތުން ބުންޏެވެ.

އޭގެ އިތުރުން ގިނަ ދުވަސްތަކެއް ވަންދެން ކީމޯ ފަރުވާ ނެގުމުގެ ސަބަބުން ފާތުންގެ ނާރުތަކަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށް، ހިމަވެފަ އެވެ. އެކަން ހައްލު ކުރުމަށް ޖެހުނީ ނާރުގެ އޮޕަރޭޝަނެއް ކުރާށެވެ. އެއަށްފަހު އަނެއްކާ ވެސް ކީމޯ ތެރަޕީގެ ހަ ބުރު ފުރިހަމަ ކުރަން ޖެހޭނެ އެވެ.

ތަކުލީފު ބޮޑު، ހިދުމަތަކަށް ކުރިއެރުމެއް ނާދޭ

"އަޅުގަނޑު ބުނާނީ މިހެން އޮންލައިންކޮށް ދެއްކުމާ ސީދާ ގޮސް ދެއްކުމާ އަޅުގަނޑުމެންނަށް ވަރަށް ތަފާތޭ. ވަރަށް އުނދަގޫ ކޮވިޑުގެ މި ހާލަތުގައި އަޅުގަނޑަށް މި ދިމާވި ކަންތައްތައް. މިހާރު މި ހުރީ ހަ މަސް ދުވަހަށް މި ކޮޅުގައި މާލޭގައި މަޑު ކުރަން ޖެހިފައި،" ކޮވިޑުގެ ހާލަތާ ހެދި ފާތުންނަށް ދިމާވެފައިވާ އުނދަގޫތައް ހިއްސާ ކުރަމުން ބުންޏެވެ.

އޭގެ އިތުރުން އޮންލައިންކޮށް ދައްކާއިރު ވެސް ޑޮކްޓަރާ ސީދާ ވާހަކަ ނުދެއްކޭތީ ފާތުން ހިތްހަމަނުޖެހުން ފާޅުކުރި އެވެ. ރަށުގައި ހުންނައިރު މައްސަލައެއް ދިމާވެއްޖެ ނަމަ ޑޮކްޓަރަށް ގުޅާލެވޭނެ ގޮތެއް ނޯންނަ ކަމަށް އޭނާ ބުންޏެވެ. ކެންސަރު ބަލީގައި ފަސް އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައި ވާއިރު، ހިދުމަތުގެ ފެންވަރަށް މާ ބޮޑު ކުރިއެރުމެއް ނާންނަ ކަމަށް ފާތުން ފާހަގަކުރި އެވެ.

"އަޅުގަނޑުމެންނަށް ހުޅުމާލެއިން ޑޮކްޓަރަށް ދައްކާ ކީމޯ ދިން އިރު ވެސް ނުފެނޭ ޑޮކްޓަރެއް. މަހަކު އެއް ފަހަރު މި އަންނަނީ ޑޮކްޓަރު، ދެން އަޅުގަނޑުމެން މި ޖެހެނީ ރަށުން އެ ޑޮކްޓަރު އަންނަ ދުވަހަކަށް އައިސް ދައްކަން... މަހަކު އެއް ފަހަރު ޑޮކްޓަރެއް އަންނައިރު ޑޮކްޓަރު މި ހުންނަނީ ބަދަލުވެފައި. އަޅުގަނޑުމެންނަށް ނުދެއްކޭ ދައްކަން ޖެހޭ ޑޮކްޓަރަކަށް ވެސް ކޮންމެ ފަހަރަކު. ކޮންމެ ފަހަރަކު އާ ޑޮކްޓަރަކު އައީމަ ހުރިހާ އެއްޗެހިތަކެއް ފަށައިގެން ނިމެންދެން ކިޔައިދޭން ޖެހެނީ،" ކެންސަރު ބައްޔަށް ރާއްޖެއިން ލިބޭ ހިދުމަތާ ގުޅޭ ގޮތުން އޭނާ ބުންޏެވެ.

އެކަމަކު މިހާރު ފާތުން ދައްކަމުން ދަނީ އައިޖީއެމްއެޗުގެ ޑރ. އަމްރު އަށެވެ. އައިޖީއެމްއެޗުން ކީމޯ ހަދަމުން، ސީދާ ޑޮކްޓަރާ ބައްދަލުވެ ފަރުވާ ކުރިއަށް ދާތީ އޭނާ ހިތްހަމަޖެހެ އެވެ. އެކަމަކު ފާތުންގެ ކަންބޮޑުވުމަކީ އައިޖީއެމްއެޗުގައި ވެސް އެންމެ ޑޮކްޓަރަކު ހުރުމެވެ.

"އިތުރު ޑޮކްޓަރަކު އަންނަ ނަމަ، އަމްރު އަށް ވެސް ވާހަކަދައްކާ މަޝްވަރާ ކުރެވޭނެ. މިހާރު ވާ ގޮތަކީ ބޭރުގެ ޑޮކްޓަރުންނަށް ގުޅައިގެން ކުރިއަށް ދާން ޖެހެނީ."

އޭގެ އިތުރުން ކަރަންޓީނު ވާން ޖެހޭތީ އަވަސް އަވަހަށް ރަށަށް ނުދެވުމަކީ ވެސް މިހާރު ދިމާވާ މައްސަލައެއް ކަމަށް ދެ ކުދިންގެ މަންމަ ބުންޏެވެ.

ކެންސަރުގެ ތަފާސްހިސާބު

  • ޑަބްލިއުއެޗްއޯގެ އިންޓަނޭޝަނަލް އެޖެންސީ ފޯ ކެންސާ ރިސާޗްގެ ރާއްޖެއާ ގުޅޭ ގޮތުން ހެދި 2020 ވަނަ އަހަރުގެ ފެކްޓްޝީޓުގައިވާ ގޮތުން މިދިޔަ އަހަރު މުޅިން އަލަށް 496 މީހަކަށް ކެންސަރު ޖެހުނު، 264 މީހަކު މަރުވި، ފަސް އަހަރަށް ދިގުދެމިގެން ގޮސްފައިވާ 1190 ކޭސް ފާހަގަވި.
  • ޑަބްލިއުއެޗްއޯގެ ރާއްޖޭގެ ކަންޓްރީ ޕްރޮފައިލްގައިވާ ގޮތުން ކެންސަރަށް މަގުފަހިވާ ސަބަބުތަކުގެ ތެރެއިން 22.5 ޕަސެންޓަކީ ދުންފަތާ ގުޅިފައިވާ ސަބަބުތައް.
  • އެޗްޕީއޭއިން 2019 ވަނަ އަހަރު ހެދި ދިރާސާއިން ދެއްކީ އެންމެ ގިނައިން ފެންނަނީ އަނގަ، ގޮހޮރު، އުރަމަތި، ތައިރޮއިޑް އަދި ލޭގެ ކެންސަރު ކަމަށް.
  • މިދިޔަ އަހަރު މުޅިން އަލަށް 496 މީހުންނަށް ކެންސަރު ޖެހުނު.--


ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް އަދި ނުފެށޭ

އިންޑިއާގެ އެހީގައި ކެންސަރަށް ހާއްސަ ހޮސްޕިޓަލެއް ރާއްޖޭގައި އެޅުމަށް ވަނީ ނިންމާފަ އެވެ. ކުރިން އެ ހޮސްޕިޓަލް ހުޅުމާލޭގައި އަޅަން ނިންމި ނަމަވެސް ފަހުން ބުނެފައި ވަނީ އެ ތަން ގާއިމް ކުރާނީ ލ. ގަމުގައި ކަމަށެވެ. ފާތުން ގަބޫލު ކުރާ ގޮތުގައި ގަމުގައި ހޮސްޕިޓަލް އެޅުމުން އޭނާ ފަދަ މީހުންނަށް ލިބޭނެ ލުޔަށް ވުރެ އުފުލަން ޖެހޭ ބުރަ ބޮޑު ވާނެ އެވެ.

"އަޅުގަނޑުމެންނަކީ އުތުރުގައި ތިބި ޅ. އަތޮޅުގެ މީހުން. އަޅުގަނޑުމެންނަކަށް ފަސޭހައެއް ނޫން ލ. އަތޮޅަށް ދާކަށެއް. މާލެ ވެސް މާ ފަސޭހަ ވާނެ އެ ތަނަށް ދިޔުމަށް ވުރެ. މިހާރު އަޅުގަނޑުމެންގެ އަތޮޅުގައި ވެސް ކީމޯ ފަށައިފި. ޅ. ނައިފަރުގައި ވެސް ކީމޯ ފަށައިފި. އެކަމަކު އެތަނުގައި ވެސް މި ހުންނަނީ ހަމައެކަނި ކީމޯ ދެވޭ ގޮތަށް. ކެންސާ ޓެސްޓު ހެދޭކަށެއް ނޯވޭ. އެ ފަސޭހަ އޮތް ނަމަވެސް، ކޮންމެ މަހަކު އެއް ފަހަރު މާލެ ނައިސް ވީސް،" އޭނާ ބުންޏެވެ.

"އަޅުގަނޑުމެންނަށް އެ ތަނަށް ގޮސް ކެންސަރު ޓެސްޓު ހަދައިގެން ނަތީޖާ ލިބުނީމަ ހިތްހަމަޖެހިގެން ތިބެވޭނެ. އެކަމަކު ދެން ކޮންމެ މަހަކު ނާދެވުނީމަ ތިން މަހުން އެއް މަހު މާލެ މި އަންނަނީ. އެހެންވީމަ، ލ. އަތޮޅަށް ދިޔުމަށް ވުރެ އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ އަތޮޅުގައި މިހާރު ކީމޯ ފަށައިގެން އުޅޭ ތަނެއްގައި އެ ކަންތައް ކުރެވިއްޖެޔާ ފަސޭހަ ވާނެ ކަން ނޭނގެ."

މާލެ ސަރަހައްދު ފިޔަވައި އެހެން ރަށެއްގައި ފުރަތަމަ ފަހަރަށް ކީމޯތެރަޕީގެ ހިދުމަތް ފެށީ ފާތުން ފާހަގަކުރި ގޮތަށް ޅ. އަތޮޅު ހޮސްޕިޓަލުގައި މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ނައިފަރުގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުން އިސްނަގައިގެން އެ ހިދުމަތް ފެށީ، ރިޕޯޓުތައް ބުނާ ގޮތުން، ކޮންމެ ތިން ހަފްތާއަކުން ކީމޯ ނަގަން ޖެހޭ އުމުރުން 70 އަހަރުގެ ކެންސަރަށް ފަރުވާ ހޯދާ ބަލި މީހެއްގެ އެދުމަކަށެވެ.

ޅ. އަތޮޅު ހޮސްޕިޓަލުގައި އެ ހިދުމަތް ފެށީ ހުޅުމާލޭ ހޮސްޕިޓަލާއި ރައީސް އޮފީހުގެ އެހީތެރިކަމާ އެކު އެވެ. އެގޮތުން ބޭނުންވާ އާލާތްތައް ހޯދައި، އޮންކޮލޮޖީގެ ހިދުމަތް ދިނުމަށް، އަށް އެނދުގެ ވަކި ޔުނިޓެއް ވެސް ގާއިމުކުރި އެވެ. ޅ. އަތޮޅުގައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކީމޯ ފަރުވާގެ ހިދުމަތް ފަށާފައި ވާއިރު، ލ. ގަމުގައި މި އަހަރު މަސައްކަތް ފަށާނެ ކަމަށް ބުނި ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް އަދިވެސް ނުފެށެ އެވެ.

ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ގަމުގައި ހޮސްޕިޓަލް އަޅަން ނިންމާފައި ވާތީ އެތަން ސުޕަވައިޒް ކުރުމަށް އިންޑިއާގެ ޓީމެއް މިދިޔަ މޭ މަހު ޒިޔާރަތް ކުރުމަށް ހަމަޖެހިފައި އޮތް ކަމަށެވެ. ނަމަވެސް އެ ދުވަސްވަރު ކޮވިޑުގެ ކޭސްތައް ރާއްޖޭގައި އިތުރުވުމާއެކު ދަތުރު ފަސްކުރީ އެވެ. އެއީ އެ ޓީމުން ގަމަށް ކުރަން ރޭވި ފުރަތަމަ ދަތުރެވެ.

މި އަހަރު އަމަލީ މަސައްކަތް ފަށާނެ ކަމަށް ބުނި ކެންސަރު ހޮސްޕިޓަލް އެޅުމަށް ބަޖެޓުގައި 98 މިލިއަން ރުފިޔާ ހިމެނި އެވެ. އިންޑިއާގެ އެހީގައި ކެންސަރު ހޮސްޕިޓަލެއް ރާއްޖޭގައި އަޅާނެކަން އިއުލާނު ކުރެއްވީ ޑިސެމްބަރު 2019 ގައި ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައި އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އެވެ. ކުރިން ހުޅުމާލޭގައި އަޅަން ނިންމި ވެސް، ދިވެހި ސަރުކާރުގެ އެދުމަށް، ފަހުން ނިންމީ އެ ތަން ލ. އަތޮޅުގައި އެޅުމަށެވެ.

ފާތުންގެ އުއްމީދަކީ ކެންސަރު ބަލީގެ މީހުންނަށް ރާއްޖެއިން ލިބެން ހުރި ފަރުވާގެ ފެންވަރު ރަނގަޅުވުމެވެ. ބަލި މީހާ އާއި ޑޮކްޓަރާ ސީދާ ވާހަކަ ދެކެވިގެން، ދިމާވާ މައްސަލަތަކުގައި އަވަހަށް އެޓެންޑު ކުރެވޭނެ ގޮތް ވުމެވެ. ކެންސަރަކީ ނަފްސާނީ ގޮތުން ބަލި މީހާ އާއި އާއިލާއަށް ފުން އަސަރުތަކެއް ގެނުވާ ބައްޔެކެވެ. ފިރިމީހާގެ އެހީތެރިކަމާއެކު މިއަދާ ހަމައަށް ހިތްވަރު ކުރަމުންދާ ފާތުން އެދެނީ މިހާރަށް ވުރެ ތަކުލީފު ކުޑަކޮށް މި ވޭންދެނިވި ބައްޔާ ހަނގުރާމަ ކުރެވޭނެ ގޮތްތަކެއް ރާއްޖޭގައި ގާއިމްވުމަށެވެ.