Advertisement

ވިލިމާލެ މީހުންނަށް ހާއްސަ ޕާކިން ޒޯނެއް މާލޭގައި ހަދައިފި

30 ޖުލައި 2021 - 07:13 1

ކާރުބާރުބޮޑު މާލޭގެ މަގެއް: ވެހިކަލްތައް ގިނަވެ ޕާކު ކުރާނެ ޖާގަ މާލޭގައި ހޯދުމަކީ ދަތި ކަމެއް -- ފޮޓޯ: ހުސެއިން ވަހީދު


ވިލިމާލެ މީހުންނަށް ހާއްސަ ޕާކިން ޒޯނެއް މާލޭގައި ހަދައިފި

30 ޖުލައި 2021 - 07:13 1

ވިލިމާލޭ ރައްޔިތުންނަށް ހާއްސަކޮށް މާލޭ ސުނާމީ ބިނާ ކުރިމަތިން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ހާއްސަ ޕާކިން ޒޯނެއް މާލޭ ސިޓީ ކައުންސިލުން ހަދައިފި އެވެ.

އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސުނާމީ ބިނާ ކުރިމަތިން ބޮޑުތަކުރުފާނު މަގުގެ ބައެއް ނަގައި ހެދި އެ ޕާކިން ޒޯނުގައި 20 އުޅަނދަށް ޕާކު ކުރެވޭނެ ކަމަށެވެ.

އެ ޕާކިން ޒޯނުގެ 15 ޖާގަ ދޫކުރާނީ ވިލިމާލޭ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނަށެވެ. އަދި ބާކީ ފަސް ޖާގަ ދެނީ ވިލިމާލޭގައި ދިރިއުޅޭ މީހުންނަށެވެ.

ސިޓީ ކައުންސިލުން ވަނީ މި ފަހުން މާފަންނު ބޮޑުގެއާއި ބިއްލޫރިޖެހިގޭގެ އިތުރުން ބައެއް އެހެން ތަންތަނުގައި ވެސް ޕާކިން ޒޯން ހަދައިފަ އެވެ. އަދި މީގެ ކުރިން މާލެއިން ޕާކު ކުރުމަށް 450 ޖާގަ ކުއްޔަށް ދޫކުރާނެ ކަމަށް ވެސް ވަނީ އިއުލާންކޮށްފަ އެވެ.

މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ކުއްޔަށް ދޫކުރަނީ 320 ކާރުގެ ޖާގަ އާއި 80 ވޭން ޕާކު ކުރާނެ ޖާގަ އާއި 50 ޕިކަޕުގެ ޖާގަ ކަމަށެވެ.

ޕާކިން ޒޯނުތަކެއް ހެދުމުގެ އިތުރުން މީޓަރު ޕާކިން ސިސްޓަމްތަކެއް ވެސް މާލޭގައި ބަހައްޓާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ. އަދި ބަހައްޓާނީ ޒަމާނެއް ފެތޭ މާލެއަށް އެކަށޭނެ ސިސްޓަމްތަކެއް ކަމަށް ވެސް ކައުންސިލުން ބުނެފައިވެ އެވެ.

އެއް ކިލޯމީޓަރުގެ ކުޑަ މާލޭގައި 70،000 ވެހިކަލް ދުއްވާ ކަމަށް އދ. ގެ ތިމާވެއްޓާ ބެހޭ ޕްރޮގްރާމުން 2019 ވަނަ އަހަރު ބުނެފައިވެ އެވެ. އެއީ މާލޭގައި ދިރިއުޅޭ ދިވެހިރާއްޖޭގެ އާބާދީގެ 150،000 މީހުން ތެރެއިން ކޮންމެ ދެ މީހަކަށް އުޅަނދެކެވެ.

މާލޭގައި ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ކުރިން ދިން ނަމަވެސް މިހާރު އެ ހިދުމަތެއް ނުދެ އެވެ. ދައުލަތުގެ ކުންފުންޏެއް ކަމަށްވާ އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ބަސް ދަތުރައް ހުއްޓާލިއިރު އެ ހިދުމަތް ބޭނުން ކުރަމުންދިޔަ ގިނަ ބަޔަކު ތިއްބެވެ.