Advertisement

އުރީދޫ އަތޮޅު ދުވުމުގައި ބައިވެރިވުމަށް އިތުރު ފުރުސަތެއް

29 ޖުލައި 2021 - 22:35 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

އުރީދޫން 2018 ވަނަ އަހަރު ހުޅުމާލޭގައި ބޭއްވި ކަލާ ރަން. -ފޮޓޯ: ރައީސް އޮފީސް


އުރީދޫ އަތޮޅު ދުވުމުގައި ބައިވެރިވުމަށް އިތުރު ފުރުސަތެއް

29 ޖުލައި 2021 - 22:35 0

އުރީދޫ އަތޮޅު ދުވުމުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އުރީދޫ އަތޮޅު ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު އިއްޔެ ހަމަވި ނަމަވެސް، ގިނަ ފަރާތްތަކަކުން އެދުމާއެކު ރެޖިސްޓާވުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް އިތުރުކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެގޮތުން، އާ ސުންގަނޑިއާ ހަމައަށް އެކަމަށް ހާއްސަކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ބައިވެރިވެވޭނެ ކަމަށް އުރީދޫން ބުންޏެވެ.

އަދި ރެޖިސްޓްރީވެފައިވާ ދުވުންތެރިން ފޭސްބުކް، ޓްވިޓާ އަދި އިންސްޓަގްރާމްގައި ހޮނިހިރު ދުވަހުގެ މެންދަމު 12:00 ކުރިން ވާޗުއަލް ބިބް ޝެއާކޮށްގެން އަތޮޅު ދުވުމުގެ ޓީޝާޓެއް ހޯދުމުގެ ފުރުސަތުވެސް އުރީދޫން ވަނީ ހުޅުވާލައިފަ އެވެ.

މިއަހަރުގެ ދުވުމުގައި ފަސް ކިލޯމީޓަރުގެ އިތުރުން، އަލަށް ތައާރަފް ކުރެވުނު 10 ކިލޯމީޓަރުގެ ކެޓެގަރީގައިވެސް ބައިވެރިވެ ވެ އެވެ.

ދެ ކެޓެގަރީގައި ބައިވެރިވުމަށް ބޭނުންވާ ދުވުންތެރިން ދެކެޓެގަރީއަށް ވަކިން ރެޖިސްޓާވެ މުޅިއަކު 15 ކިލޯމީޓަރު ފުރިހަމަކުރަންޖެހެ އެވެ.

ފަސް އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށްވެސް ބައިވެރިވެވޭ މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް، 1 އޯގަސްޓް އާއި 7 އޯގަސްޓް އާއި ދެމެދުގެ ކޮންމެ ވަގުތެއްގައިވެސް ދުވުން ފުރިހަމަކުރެވޭނެ އެވެ.

ރެޖިސްޓްރޭޝަން ފުރިހަމަ ކުރުމުން ޑިޖިޓަލް ބިބް އަދި ކޮންފަމޭޝަން މެސެޖެއް ލިބޭއިރު، ރެޖިސްޓާ ކޮށްފައިވާ ދުވުންތެރިން، ދުވުން ސްޓްރާވާ އެޕް، ގާމިން ކަނެކްޓް، ރަންޓާސްޓިކް، ނައިކް ރަން ކްލަބް ނުވަތަ ރަންކީޕާ އެޕްލިކޭޝަން މެދުވެރިކޮށް ޓްރެކްކޮށް، ނިންމާފައިވާ ރަން ރޫޓްގެ ސްކީންޝޮޓް، ކޮންފަމޭޝަން މެސެޖާއެކު ލިބުނު ލިންކަށް އަޕްލޯޑް ކުރުމުން ޑިޖިޓަލް މެޑަލެއް ލިބޭނެކަމަށް އުރީދޫން ވަނީ ބުނެފަ އެވެ.

ފިޒިކަލް މެޑަލް ބޭނުންވާ ފަރާތްތަކަށް ކުޑަ އަގަކާއެކު މޫލީ މެދުވެރިކޮށް އަޕްގްރޭޑްކޮށްލުމުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރިނަމަވެސް ހިލޭ ޑެލިވާ ކޮށްދޭނެ އެވެ.

އުރީދޫ އަތޮޅު ދުވުމަކީ އެކަނިވިޔަސް އަދި އާއިލާއާއި ރައްޓެހިންނާއެކުގައިވެސް، ގައިދުރުކަމާއިއެކު ބައިވެރިވެ މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ އިވެންޓެކެވެ.

މުޅި ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ބައިވެރިވުމަށް ހުޅުވާލެވިފައިވާ މި ދުވުމަށް ޝައުގުވެރިވާ އެންމެހާ ފަރާތްތަކުން ބައިވެރިވުމަށް އުރީދޫން އެދިފައި ވެ އެވެ.