Advertisement

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފުރަތަމަ ފަހަރަށް ކޮވިޑުގެ ބަލި މީހަކު ނެތް!

29 ޖުލައި 2021 - 21:48 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ކޮވިޑު ބަލި މީހުންނަށް ފަރުވާދޭން ހުޅުމާލޭގައި ގާއިމުކުރި ކޮވިޑު ފެސިލިޓީ. -ފޮޓޯ: އެސްޓީއޯ


ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފުރަތަމަ ފަހަރަށް ކޮވިޑުގެ ބަލި މީހަކު ނެތް!

29 ޖުލައި 2021 - 21:48 0

މާލެ ސަރަހައްދުގައި ކޮވިޑު ބަލި މީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްގެން ގާއިމުކުރި ހުޅުމާލެ މެޑިކަލް ފެސިލިޓީ (އެޗްއެމްއެފް)ގައި ފުރަތަމަ ފަހަރަށް ފަރުވާދޭނެ އެއްވެސް ބަލި މީހަކު ނެތް ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފި އެވެ.

މާލޭގައި ކޮވިޑު ވަރަށް ބޮޑަށް ފެތުރި، ފަރުވާދޭންޖެހޭ މީހުންގެ އަދަދު އިތުރުވުމާއެކު ހުޅުމާލޭގައި އެ ކޮވިޑު ފެސިލިޓީ ގާއިމުކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.

އޭގެ ފަހުން، ކޮވިޑުގެ ހަތަރު ވަނަ ރާޅާއެކު ކޮވިޑުގެ ނަންބަރުތައް ރެކޯޑް އަދަދުތަކުން މައްޗަށް ގޮސް، ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެ، އެތަނަށް ވެސް ވަރަށް ބޮޑަށް ބާރުބޮޑުވި އެވެ.

އެއާއެކު ބަލި ފެތުރުން ކޮންޓްރޯލް ކުރަން މާލެ ސަރަހައްދުގައި އެޅި ހަރުކަށި ފިޔަވަޅުތަކާއެކު ކޮވިޑުގެ ކޭސްތައް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.

އޭރު އެޅި ފިޔަވަޅުތައް މިހާރު އެކީގައި އުވާލެވިފައިވާއިރު، ހާއްސަކޮށް މާލެ ސަރަހައްދުގައި ދުވާލެއްގެ މައްޗަށް ކޮވިޑުޖެހޭ މީހުންގެ އަދަދުތައް ވަނީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ.

އެގޮތުން، އިއްޔެގެ އިރުއޮއްސި 6:00 އާ ހަމައަށް މުޅި ރާއްޖޭން 141 ކޭސް ރިޕޯޓުކޮށްފައިވާއިރު، މާލޭން އެ ބަލި އަލަށް ޖެހިފައިވަނީ 22 މީހަކަށެވެ.

އެގޮތުން، މާލެ ސަރަހައްދުގައި އެޑްމިޓުކޮށްގެން މިއަދު ތިން މީހަކަށް ފަރުވާދެވެމުން ދިޔައިރު، އޭގެ ތެރެއިން އެޗްއެމްއެފްގައި އޮތް މީހާ މިރޭގެ ވަގުތެއްގައި ވަނީ ދޫކޮށްލައިފަ އެވެ.

ބާކީ ތިބި ދެ މީހުންނަށް ފަރުވާދެމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލުގަ އެވެ.

މިއީ އެޗްއެމްއެފް ގާއިމުކުރި ފަހުން އެތަނުގައި ފަރުވާދެމުންދާ އެއްވެސް ބަލި މީހަކު ނެތް ފުރަތަމަ ފަހަރު ކަމަށް އެޗްއީއޯސީން ވަނީ ޔަގީންކޮށްދީފަ އެވެ.

މާލޭ ސަރަހައްދުގެ އިތުރުން، އަތޮޅު ތެރޭގައި ވެސް ބަލި ފެތުރުން މިހާރު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވިފަ އެވެ.

އެގޮތުން، ކޮވިޑު ކޭސްތައް ފެނިގެން މޮނިޓަރިންއަށް ލެވިފައިވާ ރަށްތަކުގެ އަދަދު މިހާރު ވަނީ 13 އަށް ތިރިވެފަ އެވެ.

އެޗްއީއޯސީން އިތުރަށް ބުނި ގޮތުގައި އަތޮޅު ތެރޭގައި ވެސް އެޑްމިޓުކޮށްގެން މިވަގުތު ފަރުވާދެވެމުންދަނީ 10 މީހުންނަށް ކަމަށެވެ.

ރާއްޖޭގައި އިއްޔެ އާ ހަމައަށް ކޮވިޑު ޖެހުނު މީހުންގެ އަދަދު 77،000 ހުރަސްކޮށްފައިވާއިރު، އޭގެ ތެރެއިން 220 މީހަކު ވަނީ އެ ބަލީގެ ޝިކާރައަކަށްވެފަ އެވެ.

ވެކްސިން ލިބުން ދަތިވެ ވެކްސިން ޕްރޮގްރާމް މަޑުޖެހިފައި އޮތުމަށްފަހު ސިންގަޕޫރުގެ އެސްޓްރާޒެނިކާ އަށް ފައިސާ ދެއްކި 700,000 ޑޯޒުގެ ތެރެއިން ބޮޑު ބައެއް ލިބި، އެ ޕްރޮގްރާމް އަލުން ފަށަން ވަނީ ތައްޔާރުވެފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާ ގޮތުގައި އަމާޒަކީ އަންނަ މަހުގެ ނިޔަލަށް 90 ޕަސެންޓް މީހުންނަށް ވެކްސިން ޖަހައި ނިންމުމެވެ. އާބާދީގެ އެންމެންނަށް ޖެހޭ ވަރަށް ރާއްޖެ އަށް ވެކްސިން ކަށަވަރުވެފައި ވުމަކީ ނަސީބެއްގެ ގޮތުގައި ރައީސް ސިފަކުރެއްވި އެވެ.