Advertisement

ސައިކަލްގައި ބޮން ހަރުކުރި ކަމަށް ތުހުމަތުވާ ހައިޝަމަށް ދައުވާކޮށްދޭން އެދިއްޖެ

29 ޖުލައި 2021 - 15:43 0

ނާޒިމް ހަސަން

ނާޒިމް ހަސަން

އަލީ ހައިޝަމް: އޭނާގެ މައްޗަށް ދައުވާކޮށްދޭން ވަނީ އެދިފައި --


ސައިކަލްގައި ބޮން ހަރުކުރި ކަމަށް ތުހުމަތުވާ ހައިޝަމަށް ދައުވާކޮށްދޭން އެދިއްޖެ

29 ޖުލައި 2021 - 15:43 0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބާރުގަދަ ބޮމެއް ގޮއްވާލި މައްސަލައިގައި އިތުރު މީހަކަށް ދައުވާކޮށްދޭން އެދި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފުލުހުން ފޮނުވައިފި އެވެ.

ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވި ގޮތުގައި ތަހުގީގު ނިންމައި ދައުވާކޮށްދޭން އިތުރު މީހެއްގެ މައްސަލަ ފޮނުވާފައިވާ ކަމަށާއި އެ މައްސަލާގައި އަންނަ ހަފުތާގެ ކުރީކޮޅު ދައުވާ ކުރެވޭނެ ކަމަށެވެ.

"މިހާރު މި އިންތިޒާރު ކުރަނީ ބައެއް ފޮރެންސިކް ރިޕޯޓްތައް ފުލުހުންގެ ފަރާތުން ލިބެންދެން،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް "އަދަދު"އަށް ވިދާޅުވި ގޮތުގައި ތަހުގީގު ނިންމައި، ފުލުހުން ފޮނުވާފައިވަނީ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ އަލީ ހައިޝަމްގެ މައްސަލަ އެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ބޮން ގޮއްވާލި ސައިކަލްގައި އެ ބޮން ހަރުކުރުމުގައި އަމަލީ ގޮތުން މަސައްކަތް ކުރި ކަމެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އަލީ ހައިޝަމް ސައިކަލުގައި ބޮން ހަރުކުރީ ހުޅުމާލޭ 106 ނަމްބަރު ފްލެޓްގެ ކައިރީގައި ސައިކަލް ބަހައްޓައިގެން މޭ މަހުގެ ތިން ވަނަ ދުވަހުގެ ރޭ އެވެ.

އަލީ ހައިޝަމް މިހާރު ހުރީ 30 ދުވަހުގެ ބަންދެއްގަ އެވެ.

މީގެކުރިން ހަމަލާއާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައި ވެ އެވެ. އެއީ، އަހުމަދު އަދުހަމް، 25، އާއި މުޖާޒް އަހްމަދު 21، އާއި ތަހުމީން އަހްމަދު، 32 އަދި އަހުމަދު ފާތިހު، 23، އެވެ.

އެމީހުންގެ މައްޗަށް އަދި ދައުވާ އުފުލާފައިނުވާއިރު ހަތަރު މީހުން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ނަޝީދަށް އަމާޒުކޮށްދިން ހަމަލާއާ ގުޅިގެން ޖުމްލަ 10 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ދައުވާކުރަން ފޮނުވާފައިވާ ފަސް މީހުންގެ އިތުރުން ތިބީ މ. ކުދެހިގޭ، އިސްހާގާއި ގއ. ވިލިނގިލީ، ހުދުރުމާގޭ، ފަހުމީ އަލީ އާއި އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމާއި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް އަދި ހއ. މޮޅަދޫ، ބަހާރުގޭ އަބްދުﷲ އަލިމަނިކެވެ.

މީގެތެރެއިން އިސްހާގާއި ތަސްލީމަކީ ހަމަލާގައި އެންމެ އިސް ދައުރެއް އަދާކުރި ކަމަށް ތުހުމަތުވާ ދެ މީހުންނެވެ. އަދި އަބްދުﷲ އަލިމަނިކަކީ ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމަށް އިސްކޮށް ހަރަކާތްތެރިވާ މީހެއް ކަމަށާއި އަދުހަމް ފިލުވުމާއި ހެކި ނައްތާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތުވާ މީހެކެވެ.