Advertisement

ކެރެޓުގެ އަގު ރަނަށްވެ، ބާޒާރުން ހުސްވެއްޖެ

29 ޖުލައި 2021 - 13:46 0

އަމަން ހަލީމް

އަމަން ހަލީމް

ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިއެއްގައި ވިއްކަން ހުރި ކެރެޓާއި ލުނބޯ: ކެރެޓުގެ އަގުތައް އުފުލިގެން އުޅެނީ ހޯލްސޭލަރުން އަގުބޮޑުކޮށް ވިއްކާތީ. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


ކެރެޓުގެ އަގު ރަނަށްވެ، ބާޒާރުން ހުސްވެއްޖެ

29 ޖުލައި 2021 - 13:46 0

ފާއިތުވި ހަފުތާއިން ފެށިގެން ކެރެޓު ލިބުން ދަތިވެ، ބާޒާރުގައި ކެރެޓުގެ އަގުތައް އިންތިހާއަށް އުފުލިއްޖެ އެވެ.

ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ މަދު ގޮޅިތަކަކުން ކެރެޓު ވިއްކަމުންދާއިރު، ގިނަ ތަންތަނުގައި މިއަދު ކެރެޓު ލިބެން ނެތެވެ.

އަދި ކެރެޓު ވިއްކާ މަދު ތަންތަނުން ވެސް ހުރީ ކިލޯއެއްގެ އަގު އާންމުކޮށް ބާޒާރުން ލިބޭ އަގަށް ވުރެ މާ މަތީގަ އެވެ.

ލޯކަލް މާރުކޭޓުގައި ކެރެޓު ވިއްކަން ޖަހާފައި ހުރި އަގުތަކަށް ބަލާއިރު، ގިނަ ތަންތަނުން ކެރެޓް ވިއްކަން ހުރީ 80ރ. އާއި 140ރ. އާ ދޭތެރޭގަ އެވެ.

އެތަނުން ވާހަކަ ދެއްވި ބައެއް ވިޔަފާރިވެރިން ބުނި ގޮތުގައި ކެރެޓުގެ އަގުތައް ބޮޑުކުރަން ޖެހުނީ އިމްޕޯޓަރުންނާއި ހޯލްސޭލަރުން ކެރެޓް ކިލޯއެއް ވިއްކާ އަގު މަތިކުރީމަ އެވެ.

ހޯލްސޭލް ފިހާރައެއްގައި ކެރެޓު ވިއްކަން ހުރި އަގު -- ފޮޓޯ:އަދަދު


އަދި، ކުރިން ބާޒާރުގައި 20ރ. އާއި 40ރ. އާ ދޭތެރޭގެ އަގަކަށް ކެރެޓު ކިލޯއެއް ވިއްކި ނަމަވެސް، މިހާރު އިމްޕޯޓަރުން ވެސް ކެރެޓު ވިއްކަމުން އަންނަނީ 60ރ. އަށެވެ. އަދި އިމްޕޯޓަރުން އަތުން މުދާ ގަނެގެން ބާޒާރުމަތީގެ ގިނަ ހޯލްސޭލް ފިހާރަތަކުން ވެސް ވިއްކަމުން އަންނަނީ މި އަގުތަކަށް ވުރެ މަތިންނެވެ.

ކެރެޓުގެ އަގުތައް އުފުލުމާއި ގުޅިގެން ރާއްޖެއަށް މޭވާ އާއި ތަރުކާރީ އިމްޕޯޓް ކުރާ ވިޔަފާރިވެރިއެއްގެ ބަހެއް ހޯދަން "އަދަދު"ން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.

މިފަހަކަށް އައިސް ބާޒާރުގައި ބައެއް ކަހަލަ މުދާ ލިބުމުގެ ތާށިކަން ދޭތެރެދޭތެރެއިން އަންނަ ކަމަށް މާރުކޭޓު ގޮޅިތައް ހިންގާ ވިޔަފާރިތަކުން ފާހަގަކުރި އެވެ. އޭގެ ތެރޭގައި ގޭބިސީތަކުގައި އާންމުކޮށް ބޭނުންކުރާ ބައެއް ތަރުކާރީ އާއި ކުކުޅި ބިސް ހިމެނޭކަމަށް ބުންޏެވެ.