Advertisement

ކޮވިޑުގެ ހަގީގަތް ހޯދަން ކުރާ ތަހުގީގަށް އެމެރިކާގެ އެއްބާރުލުން ލިބޭނެ: ބްލިންކެން

29 ޖުލައި 2021 - 11:58 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން.-- ފޮޓޯ: އޭއެފްޕީ


ކޮވިޑުގެ ހަގީގަތް ހޯދަން ކުރާ ތަހުގީގަށް އެމެރިކާގެ އެއްބާރުލުން ލިބޭނެ: ބްލިންކެން

29 ޖުލައި 2021 - 11:58 0

ކުވެއިތު ސިޓީ، ކުވެއިތު (ޖުލައި 29) - ކޮވިޑް ބަލި ފަތުރާ މުޅިން އާ ބާވަތެއްގެ ކޮރޯނާވައިރަސް އުފެދުނު ގޮތް ދެނެގަންނަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ޗައިނާގައި ހިންގާ ތަހުގީގަށް އެމެރިކާގެ އެއްބާރުލުން ލިބޭނެ ކަމަށް އެ ގައުމުން ބުނެފި އެވެ.

އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން ބުދަ ދުވަހު ވަނީ ކުވެއިތުގައި ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް އަދަނޮމްއާ ބައްދަލުކުރައްވާފަ އެވެ. ބްލިންކެން ވިދާޅުވީ އެމެރިކާގެ އެއްބާރުލުން ލިބޭނެ ކަމަށާއި މި ބަލިމަޑުކަމުން ފިލާވަޅު ލިބޭނީ ހޯދާ ބަލައިގެން ކަމަށެވެ.

"ކޮވިޑް-19 ގެ ހަގީގަތް ހޯދަން އިތުރު ދިރާސާތައް ކުރަން ޑަބްލިއުއެޗްއޯއިން ރާވާފައި ވާތީ އެމެރިކާގެ އެއްބާރުލުން އެކަމަށް ލިބޭނެ. އެއީ ޗައިނާގައި ހިންގާ ދިރާސާތަކަށް ވެސް. މިއީ މި ބަލިމަޑުކަމުން ފިލާވަޅު ލިބިގަނެ، ކުރިމަގުގައި އައިސްދާނެ ބަލިމަޑުކަމެއް ހުއްޓުވަން މުހިއްމު ކަމެއް،" ބްލިންކެން ވިދާޅުވި އެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ނެޑް ޕްރައިސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ތަހުގީގުގެ ކުރިއަށް އޮތް މަރުހަލާ އަވަސް ކުރުމުގެ މުހިއްމުކަން ބްލިންކެން ފާހަގަކުރެއްވި ކަމަށާއި ތަހުގީގަކީ އަވަސް ދުވެލީގައި، ހެކިތަކުގެ މައްޗަށް ބިނާކޮށް، ދެފުށްފެންނަ، ތަޖުރިބާކާރުންގެ އިސްނެގުމުގެ މަތިން ނުފޫޒެއް ނެތި ނިންމާ ތަހުގީގަކަށް ވާން ޖެހޭނެ ކަމަށެވެ.

"ދުނިޔެއަށް ދިމާވެފައިވާ ކަންބޮޑުވުން ހުރި މި މައްސަލާގައި ބައިނަލްއަގްވާމީ މުޖުތަމައު އެކުގައި މަސައްކަތް ކުރުމުގެ މުހިއްމުކަން ފާހަގަކުރެއްވި،" ބަޔާނުގައި ވެ އެވެ.

ޗައިނާގެ ވޫހާން ސިޓީއިން 2019 ވަނަ އަހަރުގެ ފަހުކޮޅު ފެނުނު ކޮވިޑް ބަލީގައި މުޅި ދުނިޔެއިން މިހާތަނަށް ހަތަރު މިލިއަނަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު، އެ ވައިރަސް ރަނގަޅަށް ދެނެގަންނަން ފުރިހަމައަށް ތަހުގީގެއް ކުރަން ޑަބްލިއުއެޗްއޯއަށް ދަނީ ޕްރެޝަރު ބޮޑުވަމުންނެވެ.

މިދިޔަ ޖެނުއަރީ މަހު ޑަބްލިއުއެޗްއޯއިން ވަނީ މިނިވަން، ބައިނަލްއަގްވާމީ މެމްބަރުން ހިމެނޭ ތަޖުރިބާކާރުންގެ ޓީމެއް ވޫހާންއަށް ފޮނުވާފަ އެވެ. ވައިރަސް ފެނުނުތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން ޗައިނާއަށް ދިޔަ އެ ޓީމުން މަސައްކަތް ކުރީ ޗައިނާގެ ތަޖުރިބާކާރުންގެ ޓީމަކާ އެކު އެވެ.

ކޮވިޑް ފަތުރާ ވައިރަސް ދުނިޔެއަށް ފެތުރުނީ ވޫހާންގެ ލެބަކުން ލީކުވެގެން ކަމަށް ދެކެވޭ ވާހަކައަށް ލިބޭ ސަމާލުކަން ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. ނަމަވެސް އެއީ އެއްވެސް ހަގީގަތެއް ނެތް ކޮންސްޕިރެސީ ތިއަރީއެއް ކަމަށް ޗައިނާ ސަރުކާރުން ބުނެ އެވެ.

ޖެނުއަރީ މަހު ޑަބްލިއުއެޗްއޯ އާއި ޗައިނާއިން ހިންގި ތަހުގީގުގައި ބުނީ ވައިރަސް ފެތުރުނީ ލެބަކުން ލީކުވެގެން ކަމަށް ބެލުމުގެ ފުރުސަތު ކުޑަ ކަމަށެވެ. އެ ތަހުގީގަށް އިޝާރާތްކޮށް ޗައިނާއިން ވެސް ބުނަމުން ދަނީ އެއީ ދިމާވުން ނާދިރު ކަމެއް ކަމަށެވެ.

ނަމަވެސް މި ޖުލައި މަހުގެ ކުރީކޮޅު ޑަބްލިއުއެޗްއޯއިން ބުނީ އެ ތަހުގީގުގެ ދެ ވަނަ މަރުހަލާ ފަށަން ޖެހޭ ކަމަށެވެ. އެ މަރުހަލާގައި ކުރަން ޖެހޭ ކަންކަމުގެ ތެރޭގައި ހިމެނެނީ ޗައިނާގެ ލެބުތައް އޮޑިޓް ކުރުމެވެ. އެގޮތަށް ޑަބްލިއުއެޗްއޯއިން އިއުލާނު ކުރިއިރު، އެމެރިކާއިން ދަނީ ވޫހާންގައި ހުންނަ ބަޔޯޓެކް ލެބެއް ރަނގަޅަށް ބަލަން ބާރު އަޅަމުންނެވެ.

ޗައިނާއިން ބުނީ ޑަބްލިއުއެޗްއޯގެ ހުށަހެޅުމަކީ އެ ގައުމަށް "އިހްތިރާމް ކުޑަ" އަދި "ސައިންސްގެ ހޯދުންތަކަށް ނުބަލައި" ހުށަހެޅި ހުށަހެޅުމެއް ކަމަށެވެ.