Advertisement

ކާފަ ދަރިންނަށް ހަދިޔާއަކަށް ބަނދެ ދިނީ ރިޔަލު ދޯންޏެއް

29 ޖުލައި 2021 - 10:38 3

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


ކާފަ ދަރިންނަށް ހަދިޔާއަކަށް ބަނދެ ދިނީ ރިޔަލު ދޯންޏެއް

29 ޖުލައި 2021 - 10:38 3

މ މުލައް، ނައިޓްރޯސް ހުސައިން މޫސާ، 63 އަށް ކާފަ ކިޔާ ހަތަރު އަންހެން ކުދިންނާއި ހަތަރު ފިރިހެން ކުދިން ތިބެ އެވެ. އެއީ އޭނާ އާއި އަންހެނުން ޖަމީލާ ގެ ހިތުގެ ހިތްހަމަޖެހުމާއި ދެލޮލުގެ ފިނިކަމެވެ. މަހަށް ގޮސްފައި ލިބޭ ހުސް ވަގުތު ތަކުގައި ކުދިންނަށް އެކި ޒާތުގެ ކުދި ހަދިޔާ ތައްޔާރުކުރުމަށް ހުސައިން މޫސާގެ ޝައުގު ބޮޑުވެ، މި ފަހުން އޭނާއަށް ލިބުނު ހުރިހާ ހުސް ވަގުތެއް ވަޑާން ކުރުމުގައި ހޭދަކުރީ ވެސް މި ލޯތްބެއްގެ ބާރުގަ އެވެ.

ތިން ވަރަކަށް މަސް ދުވަހު އުޅެގެން، ދުވަހަކު ވަޑާން ނުކުރާ ހުސައިނު އޭނާގެ ހަތަރު ފިރިހެން ކާފަ ދަރިންނަށް މިފަހަރު ހަދިޔާ އަށް ބަނދެ ދިނީ ހަ ފޫޓުގެ ކުޑަ ރިޔަލު ދޯންޏެކެވެ.

ހުސައިނުގެ ކާފަ ކުއްޖެއް އޭނާ އެކުދިންނަށް ބަން ދޯނީގައި ފަލި ޖަހަނީ


މި ވާހަކައެއް ހުސައިނުގެ ދަރިފުޅު ރިލުވާނު ޓުވިޓާގައި ހިއްސާކުރުމުން އެ ޓުވީޓެއް ފެނި އެއަށް ހިތް ދަމައިގަތް މީހުންގެ ތެރޭގައި އަހަރެން ހިމެނިގެން ކުރި ދެތިން ސުވާލަށް ހުސައިނު ދިން ކޮންމެ ޖަވާބެއްގައި އޭނާގެ ކާފަ ކުދިންނަށް އޮތް ލޯބި ހާމަކުރި އެވެ.

"އެކުދިން ވަރަށް އޮޅު ވާނެ އަޅުގަނޑުމެން ދެމަފިރިންނަށް. މާމަ އާއި ކާފަ ދެކެ ވަރަށް ލޯބި ވާނެ. އެހެންވީމަ އަޅުގަނޑު ވެސް ބަލަނީ ފަހަރެއް ފަހަރަކަށް އެކުދިން ބޮޑަށް އުފާކޮށްލެވޭތޯ. ކުދިންނަށް ހަދިޔާ ހެދުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާތީ ކުރާ ކަމެއް،" ހުސައިނު ބުންޏެވެ.

ހުސެއިނާއި އޭނާގެ އަންހެނުން ޖަމީލާ: ކާފަ މާމަ ދަރިންގެ ދެކެ ވަރަށް ލޯބިވޭ


ކާފަ ކިޔާ ހަތަރު އަންހެން ކުދިންނާއި ފިރިހެން ކުދިން ތިބޭ އިރު ކުދިންނަށް ދޭތެރެއަކުން ދޭ ކުދި ހަދިޔާތައް ހުސައިނު އަމިއްލަ އަށް ފަރުމާ ކުރެ އެވެ. ކުދިންނަށް އޭނާ ދެނީ ގިނަ ދުވަހު ބޭނުންކުރެވޭ، އެކުދިންނާއި ގުޅޭ ޝައުގުވެރި ހަދިޔާތަކެކެވެ.

ހުސައިނު އޭނާގެ އަންހެން ކާފަ ކުއްޖަކަށް ހަދައިދިން ހުނިގޮނޑިއަކާއި ތަގަރި އެއް


"އަންހެން ކުދިންނަށް އަޅުގަނޑު ދެނީ ރީތިވާ ސާމާނު އަޅާ ތަގަރި، ހުނިގޮނޑި، އުނދޯލި ކަހަލަ އެއްޗެހި. އެއީ އެކުދިންނަށް ބޭނުމެއް ހިފޭނީ ނޫނީ ގިނަ ދުވަހު ގެންގުޅެވޭނީ އެކަހަލަ އެއްޗެއް ދިނީމާ ކަން ގަބޫލުކުރެވޭތީ،" ހުސައިނު ބުންޏެވެ.

ހުސައިނު ބުނީ، ދޯންޏެއް ބަނުމުގެ ހިޔާލު އައީ ހަތަރު ފިރިހެން ކާފަ ކުދިން ތިބެފައި، މަސްވެރިކަމާއި މޫދާއި ދޯނި ފަހަރަށް އޭނާގެ ހިތުގައި ބޮޑު ލޯތްބެއް އޮތުމުން ކުދިންނަށް އެކުދިންގެ ކާފަ ކޮންމެ ދުވަހަކު ދޯނީގައި ކުރާ ތަޖުރިބާ ހޯދައިދޭންވެގެން ކަމަށެވެ.

ހުސައިނުގެ ކާފަ ކުއްޖަކު އޭނާ ހަދައިދިން ސިމެންތި ގަށާ ކިޓަކާ އެކު ކުޅެނީ


"ކުދިން މޫދަށް ދާ ދުވަސް ތަކުގައި އެ ކުދިންނަށް ގެންގުޅެލެވޭ ވަރުގެ ދޯންޏެއް އޮތީމަ ފަލި ޖަހަން ވެސް ދަސްވާނެ. އަނެއްކާ މިއީ ރިޔަލު ދޯންޏެއް. ދޯނި ގެންގުޅެން ވެސް އެކުދިންނަށް ދަސްވާނެ މީގައި އުޅޭ އިރު. އަނެއްކާ އެކުދިން ކުރާ މަޖަލުގައި ބައިވެރިވެލުމަކީ އަޅުގަނޑަށް ވެސް ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް،" ހުސައިނު ބުންޏެވެ.

ހަތަރު ކާފަ ދަރިންނަށް ހުސައިނު ބަނދެ ދިނީ ހަ ފޫޓުގެ ރިޔަލު ދޯންޏެކެވެ. ކަނދު ވަކަރުން ބަން އެ ދޯންޏަކީ ހުސައިނު އަލަށް ވެސް ކުރި އެކަހަލަ މަސައްކަތެވެ. އެކަމަކު ހީވެސް ނުކުރާހާ ފުރިހަމަޔަށް ދޯނި ނިންމާލެވުމުން ހުސައިނަށް ލިބުނީ އާ ހިއްވަރެކެވެ. ދޯނި ނިންމާފައި ދިނުމުން ކުދިންގެ ފަރާތުން ލިބުނު ލޯބިން އޭނާ ހުރީ ހިތް ފުރިގެންނެވެ.

"މިހާރު މި ވިސްނަނީ މި ދޯނި ވިއްކާލާފައި ހަތަރު ކުދިންނަށް އެކުގައި ދަތުރެެއް ކޮށްލެވޭ ވަރުގެ ދޯންޏެއް ބަންނަން. އޭގައި އިންޖީނު ވެސް ލާނަން އިރާދަކުރެއްވިއްޔާ. ކުދިން ތަންކޮޅެއް ބޮޑު ވިޔަސް އޭރުން ދޯނީގައި އެކުގައި ދަތުރެއް ކޮށްލަން އުނދަގުލެއް ނުވާނެ،" ހުސައިނު ބުންޏެވެ.