Advertisement

ރާއްޖޭގެ އާބާދީގެ 27 ޕަސެންޓް މީހުން އެއްވެސް ޑޯޒެއް ނުޖަހާ

28 ޖުލައި 2021 - 16:22 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ވެކްސިން ކިޔުގައި ބަޔަކު މަޑުކޮށްގެން: މިފަހަރު ފަށާ ޕްރޮގްރާމުގެ ތެރެއިން ވީހާވެސް ގިނަ ފަރާތްތަކުން ވެކްސިން ފުރިހަމަކުރުމަށް އެޗްއީއޯސީން އެދޭ-- ފޮޓޯ: އަދަދު


ރާއްޖޭގެ އާބާދީގެ 27 ޕަސެންޓް މީހުން އެއްވެސް ޑޯޒެއް ނުޖަހާ

28 ޖުލައި 2021 - 16:22 0

ރާއްޖޭގައި ވެކްސިން ޖަހާ އުމުރުގެ 27 ޕަސެންޓް މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހައި ކަމަށް ހެލްތް އިމްޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީން) ހާމަކޮށްފި އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ފެށީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، އަމާޒަކީ އަންނަ މަހުގެ ނިޔަލަށް 90 ޕަސެންޓް މީހުންނަށް ވެކްސިން ޖަހައި ނިންމުން ކަމަށް ވިދާޅުވެފަ އެވެ.

ކޮވިޑްގެ އެންމެ ފަހުގެ ރާޅުގައި ދުވާލަކު ޕޮޒިޓިވް ރޭޓް ހާހަކަށް އަރައިގެން ދިޔައިރު ބަލީގައި ވަރަށް ގިނަ މީހުން މަރުވި އެވެ. ބަލީގައި މަރުވި މީހުންގެ ތެރެއިން 80 ޕަސެންޓް މީހުންނަކީ ވެކްސިން ނުޖަހާ ތިބި މީހުންނެވެ.

އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މި ދަނޑިވަޅަކީ ރާއްޖޭގައި ކޮވިޑް ކޮންޓްރޯލް ކުރެވިފައި އޮތް މި ވަގުތުގެ ބޭނުންހިފާ، ގިނަ ފަރާތްތަކުން ވެކްސިން ޖެހުން މުހިންމު ކަމަށެވެ.

އަދި މިއީ ކޮވިޑްގެ ބަލީގައި މީހުންނަށް ބޮޑުވަރު ވިޔަ ނުދިނުމަށާއި އެތައް ކަމަކުން ލުއި ފަސޭހަކަން ހޯދުމަށް ވެކްސިން ޖެހުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.

"ރާއްޖޭގެ އާބާދީގެ 27 އިންސައްތަ މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ. އެހެންކަމުން އަޅުގަނޑުމެން އެދެނީ މި ފަށާ ޕްރޮގްރާމުގެ ތެރެއިން ވީހާވެސް ގިނަ ފަރާތްތަކުން ވެކްސިން ފުރިހަމަކުރުމަށް." ނަޒްލާ ވިދާޅުވި އެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު އާބާދީގެ ނިސްބަތުން ރާއްޖޭގައި އެއް ޑޯޒް ޖަހާފައި ތިބި މީހުން އަދަދު ގިނަ ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވެކްސިން ޖަހަން މުހިންމުވާ އަނެއް ސަބަބެއް ކަމަށް ނަޒްލާ ވިދާޅުވީ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖަހައިފިނަމަ، މިހާތަށްވުރެ އިތުރު ލުއިތަކެއް ލިބިގެންދާނެ ކަމަށް ނަޒްލާ ވިދާޅުވި އެވެ.

ރާއްޖޭގެ ވެކްސިން ޕްރޮގްރާމް ފެށީ އިންޑިއާއިން ހަދިޔާކުރީ 200،000 ޑޯޒުންނެވެ. ޗައިނާއިން ވެސް 200،000 ޑޯޒާއި ހެޔޮއެދޭ އެހެން ފަރާތްތަކުން ވެސް ވެކްސިން ލިބުނެވެ. އޭގެ އިތުރަށް ރާއްޖެ އިން ވަނީ ޖުމްލަ 1،000،000 ޑޯޒަށް ފައިސާ ދައްކައިފަ އެވެ. އެއީ ސިންގަޕޫރުގެ އެސްޓްރާޒެނިކާ އަށް 700،000 ޑޯޒާއި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓަށް 300،000 ޑޯޒަށެވެ.