Advertisement

ހައްގުތައް ގެއްލޭތީ އެމެރިކާގެ އިންޒާރު އިންޑިއާއަށް

28 ޖުލައި 2021 - 15:30 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން އިންޑިއާއަށް ކުރައްވާ ދަތުރުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ


ހައްގުތައް ގެއްލޭތީ އެމެރިކާގެ އިންޒާރު އިންޑިއާއަށް

28 ޖުލައި 2021 - 15:30 0

ނިއު ދިއްލީ، އިންޑިއާ (ޖުލައި 28) - އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުގައި، އެ ގައުމުގެ ޑިމޮކްރެސީ އާއި އިންސާނީ ހައްގުތަކުގެ ހާލަތު ފަހަތަށް ޖެހެމުން ދާތީ އިންޒާރު ދެއްވައިފި އެވެ.

ހައްގުތަކަށް މަސައްކަތް ކުރާ ގްރޫޕުތަކުން ބުނާ ގޮތުގައި ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ވެރިކަމުގައި ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގައި އިދިކޮޅު ހިޔާލު ފާޅުކުރުމަށް އޮތް ފުރުސަތު ހަނިވެ، ހަމަލާތައް ދަނީ ހުއްޓުމެއް ނެތި އަމާޒުވަމުންނެވެ.

އިންޑިއާ އަށް މިއަދު ވަޑައިގެންނެވުމަށް ފަހު ބްލިންކެން އެންމެ ފުރަތަމަ ވެސް ބައްދަލުކުރެއްވީ ސިވިލް ސޮސައިޓީ ޖަމިއްޔާތަކާ އެވެ. އޭނާ ވިދާޅުވީ އިންޑިއާ އާއި އެމެރިކާ ގުޅިފައި ވަނީ ގާނޫނުގެ ވެރިކަން ނެގެހެއްޓުމާއި ދީނީ މިނިވަންކަން ފަދަ "އެއްގޮތް ސިފަތަކުން" ކަމަށެވެ.

"ދެ ގައުމުގެ ޑިމޮކްރަސީއަކީ ވެސް އަދިވެސް އުފެދެމުން ތަރައްގީވަމުން އަންނަ ޑިމޮކްރަސީ... ކުރިން ވެސް އަޅުގަނޑު ފާހަގަކުރި ފަދައިން، ބައެއް ފަހަރު އުނދަގޫ މަރުހަލާތައް ތަހައްމަލު ކުރަން ޖެހޭނެ. ބައެއް ފަހަރު ވަރަށް މުޑުދާރު ވެސް ވާނެ. އެކަމަކު ޑިމޮކްރަސީގެ ބާރަކީ އެ ހުރިހާ ކަމަކުން ދަސްކުރުން،" ބްލިންކެން ވިދާޅުވި އެވެ.

"ޑިމޮކްރަސީ އާއި ބައިނަލްއަގްވާމީ ގޮތުން ލިބިދޭ ހައްގުތައް ނުރައްކަލަށް ހުށަހެޅެމުންދާ ދަނޑިވަޅެއްގައި މި ދައްކަނީ ޑިމޮކްރަސީއެއް ފަހަތަށް ދަމުންދާ ވާހަކަ. ދުނިޔޭގެ އެންމެ ކުރީ ސަފުގައިވާ އަޅުގަނޑުމެން ދެ ގައުމުގެ ޑިމޮކްރަސީ އެކުގައި މަސައްކަތް ކުރުން މުހިއްމު."

ފާޑުކިޔާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި މޯދީގެ ވެރިކަމުގައި "ސެޑިޝަން" ގާނޫނުތައް ބޭނުންކޮށްގެން އެކްޓިވިސްޓުންނާއި، ނޫސްވެރިންނާއި، ދަރިވަރުންނަށް ދަނީ ހަމަލާތައް އަމާޒު ކުރަމުންނެވެ.

މި މަހު ކުރީކޮޅު ޝަރީއަތް ފެށޭނެ ދުވަހެއްގެ އިންތިޒާރުގައި ޖަލުގައި ނުވަ މަސް ހޭދަކުރި އުމުރުން 84 އަހަރުގެ އެކްޓިވިސްޓަކު އިންޑިއާގައި މަރުވި އެވެ. އެ މައްސަލާގައި އދ. އިން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

އޭގެ އިތުރުން އިންޑިއާގެ 170 މިލިއަން މުސްލިމް ރައްޔިތުންނާ ދެކޮޅަށް ތަފާތު ކުރުންތައް ގެންގުޅޭ ގާނޫނުތަކާއި ގަވާއިދުތައް ވެސް މިހާރު ދަނީ ތަންފީޒު ކުރަމުންނެވެ.

ނަމަވެސް ސަރުކާރުން ބުނަނީ ހުރިހާ ދީނެއްގެ މީހުންނަށް ވެސް ހައްގުތައް ލިބެނީ ހަމަހަމައަށް ކަމަށާއި އެކްޓިވިސްޓުންނާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރާ ކަމަށެވެ.

ބްލިންކެންގެ ދަތުރުގައި މިއަދު ފޮރިން މިނިސްޓަރު ސުބްރަމާނިޔަމް ޖޭޝަންކަރްއާ ބައްދަލުކުރައްވާނެ އެވެ. ދެ ގައުމުން މަޝްވަރާ ކުރާނެ ކަމަށް ބެލެވެނީ އަފްގާނިސްތާނުގައި ތާލިބާނުން ކުރި ހޯދަމުންދާ މައްސަލަ އާއި ޗައިނާގެ މައްސަލަ އެވެ.