Advertisement

އެމްޑީޕީގެ ގަރާރަށް އަމަލުކޮށްފި ނަމަ އުފެދޭނީ ބިރުވެރި ހާލަތެއް: އަދުރޭ

28 ޖުލައި 2021 - 12:00 0

ފަޒީނާ އަހުމަދު

ފަޒީނާ އަހުމަދު

ިއިދިކޮޅު ކޯލިޝަންގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުންތަކެއް ޕީޕީއެމްގެ އޮފީސް ކައިރީގައި މަޑުކޮށްލައްވައިގެން: އެމްޑީޕީން ފާސްކުރި ގަރާރުގައި ބުނާ ވަރުގެ ކަމެއް ކުރަން ކުއްލި ނުރައްކާ އިއުލާންކުރަން ޖެހޭ ކަމަަކަށް އިދިކޮޅުން ނުދެކޭ. -- ފޮޓޯ/ އަދަދު


އެމްޑީޕީގެ ގަރާރަށް އަމަލުކޮށްފި ނަމަ އުފެދޭނީ ބިރުވެރި ހާލަތެއް: އަދުރޭ

28 ޖުލައި 2021 - 12:00 0

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްގެން ޓެރަރިސްޓުން ހައްޔަރުކުރުމުގެ ފުރުސަތުދޭން ގޮވާލައި ސަރުކާރު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީން ގަރާރެއް ފާސްކޮށްފައި އޮތަސް އެފަދަ ހާލަތެއް ނެތް ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

ޕީޕީއެމް، ޕީއެންސީ ކޯލިޝަންގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله (އަދުރޭ) "އަދަދު"އަށް ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު ގައުމުގައި އިއުލާންކޮށްގެން އެމްޑީޕީން ކުރަން ބޭނުންވާ ކަމެއް ސާފެއް ނޫން ކަމަށެވެ. ޓެރަރިސްޓުން ހައްޔަރުކުރުމުގެ ގަރާރެއް ފާސްކުރީ ކަމަށް ބުނާއިރު އެ މާނަކުރަނީ ކޮން ބަޔަކަށް ކަމެއް ސާފުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓެރަރިސްޓުންނަކީ ނުވަތަ ހަރުކަށި ފިކުރުގެ މީހުންނަކީ ކޮން ބައެއް ކަމެއް ކަނޑައަޅައިފައެއް ނެތް. ދެން ކޮން ބައެއްތޯ ހައްޔަރުކުރަން ބޭނުންވެގެން މިއުޅެނީ," ގަރާރަށް ފާޑުވިދާޅުވެ އަދުރޭ ސުވާލު އުފެއްދެވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއި ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލާގެ ތަފްސީލް އާއްމުކުރަން ބޭއްވި ނިއުސް ކޮންފަރެންސްގައި ފުލުހުން ވަނީ، އެ ހަމަލާ ރާވައި ދެ ފަހަރަކަށް ބޮން ގޮއްވާލަން އުޅެ ނާކާމިޔާބުވުމުން ތިން ވަނަ ފަހަރަށް އެކަން ކުރީ ހައްދުފަހަނައެޅި ފިކުރުގެ ސެލްއަކުން ކަމަށް ބުނެފަ އެވެ. އެ މީހުންގެ ތެރޭގައި ހައްދުފަހަނައެޅި ފިކުރުގެ ގިނަ ބަޔަކު ތިބި ކަން ވެސް އާއްމުކުރި އެވެ.

ފުލުހުންގެ ތަފްސީލްތަކަށް ފަހު އެމްޑީޕީގެ ރައީސް ނަޝީދު ބައިވެރިވެވަޑައިގަތް ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ޓެރަރިސްޓުން ހައްޔަރުކުރަން ގޮވާލައި ގަރާރެއް ހުށަހަޅުއްވައިފަ އެވެ. ފުލުހުންނަށް އެ ފުރުސަތު ތަނަވަސްކޮށްދޭން ގޮވާލި ގަރާރު ގައުމީ މަޖިލީހުގެ މަދު މެމްބަރުންތަކެއް ބައިވެރިވެވަޑައިގަތް ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ.

މިއީ, އަމަލުކުރަން ޖެހޭ ގަރާރެއް ކަމަށް އެމްޑީޕީގެ ލީޑަޝިޕުން ދެކެވަޑައިގަތް ނަމަވެސް ސަރުކާރު މިހާތަނަށް އޮތީ އެއްޗެއް ނުބުނެ ހިމޭނުންނެވެ.

އަދުރޭ ދެކެވަޑައިގަންނަވާ ގޮތުގައި އެ ގަރާރަށް އަމަލުކުރަން ސަރުކާރުން ނިންމައިފި ނަމަ ގައުމުގައި އުފެދޭނީ ބިރުވެރި ހާލަތެކެވެ.

އޭނާ ވިދާޅުވީ މެއި ހަ ވަނަ ދުވަހު ގައުމުގައި ބޮމެއް ގޮއްވާލުމަކީ ވަގުތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އެކަމުގައި ބައިވެރިވި މީހުން ހޯދަން ޖެހޭ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެފަދަ ޓެރަރިސްޓު ހަމަލާތަކާ ދެކޮޅަށް ވަގުތުން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އެކަމަކު އެ ހަމަލާގައި ހިމެނޭ އެންމެ އިސް ފަރާތްތައް ހިމެނޭ ގޮތުން ގިނަ ބަޔަކު ހައްޔަރުކޮށް ތަހުގީގަށް ކުރިއެރުން ލިބިފައިވާ ކަމަށް ފުލުހުން ބުނެފައި ވަނިކޮށް ކުއްލި ނުރައްކާ އިއުލާންކުރަނީ ކޮން ބަޔަކު ހައްޔަރުކުރަންތޯ އަދުރޭ ސުވާލު އުފެއްދެވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހައްޔަރުކުރަން މިއުޅެނީ ކޮން ފިކުރެއްތޯ ވެސް ސާފެއް ނުވެ އެވެ.

"އަޅުގަނޑު މި ދަންނަވަނީ ހަރުކަށި ފިކުރު މި ގައުމުގައި ނެތެކޭ ނޫން. އެކަމަކު ސާފު ނުވަނީ ހައްޔަރުކުރަން މި ބޭނުންވެގެން އުޅެނީ ކޮން ބައެއްކަން. ކިހިނެއްވީމަތޯ, ތުނބުޅި ތަންކޮޅެއް ދިގުވީމަތޯ ނޫނީ ލައިގެން ހުންނަ ހެދުމުންތޯ ނިންމާނީ އެއީ ހައްޔަރުކުރަން ބޭނުންވެގެން އުޅޭ ފިކުރުގެ މީހެއް ކަން." އަދުރޭ ވިދާޅުވި އެވެ.

އޭނާ ތުހުމަތު ކުރައްވާ ގޮތުގައި ސަރުކާރުން އެ ގަރާރާ މެދު މާބޮޑު އަޅާލުމެއް ނުބަހައްޓަނީ އެއީ ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މަޝްވަރާގެ މަތިން ހިނގާ ކަމަކަށް ވާތީ އެވެ.

ކޯޅުން އޮތް ކަމަށް ދައްކައިގެން ދެ ބޭފުޅުން ބޭނުންވަނީ ވެރިކަން ފޭލްވެފައި އޮތް ކަން ފޮރުވަން ކަމަށް އަދުރޭ ވިދާޅުވި އެވެ.

"ސަރުކާރުން ނުވަތަ އެމްޑީޕީން ބޭނުންވާ ވަކި މިވެނި ބަޔަކީ ހަރުކަށި ފިކުރޭ ބުނެ ހިފައި ހައްޔަރުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން," އަދުރޭ ވިދާޅުވި އެވެ.

އޭނާ ގޮތުގައި އެގޮތަށް އެކަން ހިންގަން ވެއްޖެ ނަމަ އެއްވެސް ރައްޔިތަކަށް އޭނާ ހައްޔަރުނުކޮށްފާނެ ކަމުގެ ޔަގީން ކަމާއި ރައްކާތެރިކަން ގެއްލިގެންދާނެ އެވެ.

ރާއްޖޭގައި ގައުމީ ސަލާމަތަށް ނުރައްކާވާ ދަރަޖައަށް ހަރުކަށި ފިކުރު ފެތުރިފައި އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ހެދި އިންކުއަރީން ވެސް އޮތީ ހާމަވެފަ އެވެ. އެކަމާ ދެކޮޅަށް އަޅަން ޖެހޭ ފިޔަވަޅުތަކުގެ ލަފާ ސަރުކާރުގެ އެކި މުއައްސަސާތަކަށް ދީފައި އޮތަސް ތަންފީޒުކުރަން ފެށި ވާހަކައެއް އިއުލާންކޮށްފައެއް ނުވެ އެވެ.