Advertisement

އެމެރިކާގައި ވެކްސިން ފުރިހަމަ ކުރި މީހުންނަށް ވެސް އަލުން މާސްކު އަޅަން ޖެހިއްޖެ

28 ޖުލައި 2021 - 09:32 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މާސްކު އަޅަން އަލުން ޖެހިފައި ވަނީ ބައެއް ހިސާބުތަކުގައި ކޮވިޑް ކޭސްތައް އިތުރުވާން ފެށުމުން.-- ފޮޓޯ: ގެޓީ އިމޭޖަޒް


އެމެރިކާގައި ވެކްސިން ފުރިހަމަ ކުރި މީހުންނަށް ވެސް އަލުން މާސްކު އަޅަން ޖެހިއްޖެ

28 ޖުލައި 2021 - 09:32 0

ވޮޝިންޓަން، އެމެރިކާ (ޖުލައި 28) - އެމެރިކާގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާ ސަރަހައްދުތަކުގައި އުޅޭ ވެކްސިން ފުރިހަމަކޮށްފައިވާ މީހުން އަލުން މާސްކު އަޅަން އަންގައިފި އެވެ.

މީގެ ކުރިން އަންގާފައި ވަނީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުން އިމާރާތްތަކުގެ ތެރޭގައި އުޅޭއިރު މާސްކު އަޅަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް އެ ނިންމުން ބަދަލު ކުރަން ޖެހުނީ ޑެލްޓާ ވޭރިއެންޓުގެ ސަބަބުން ކޭސްތައް އިތުރުވަމުން ދާތީ އެވެ.

ރައީސް ޖޯ ބައިޑެން ވިދާޅުވި ގޮތުގައި އެ ނިންމުމުން އަންގައިދެނީ ވެކްސިން ޖެހުމުގައި އެމެރިކާގެ މަސައްކަތް "ރަނގަޅު ކުރަން ޖެހޭ" ކަމެވެ. ފެޑެރަލް ސަރުކާރުގެ ދެ މިލިއަން މުވައްޒަފުންނަށް ވެކްސިން ޖެހުން މަޖުބޫރު ކުރުމާ މެދު ވިސްނަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ސެންޓާޒް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ޑިރެކްޓަރު ރޮޝެލް ވެލެންސްކީ ވިދާޅުވީ ޑެލްޓާ ވޭރިއެންޓުގެ ސަބަބުން ބަލި ފެތުރުން އިތުރުވެ ހަލުވިވެފައިވާ ކަމަށް ތަފާސްހިސާބުން ދައްކާ ކަމަށެވެ. އޭނާ ވިދާޅުވީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ވެސް މާސްކު އަޅަން ޖެހެނީ އެހެންވެ ކަމަށެވެ.

ވޮޝިންޓަނުގައި ވެސް ކޭސްތައް އިތުރުވާން ފަށާފައި ވާތީ ވައިޓް ހައުސްގެ ތެރޭގައި އުޅޭއިރު ހުރިހާ މުވައްޒަފުން މާސްކު އަޅަން އަލުން ވަނީ އަންގާފަ އެވެ.

ސީޑީސީގެ އެންމެ ފަހުގެ ތަފާސްހިސާބަށް ބަލާއިރު، އެމެރިކާގެ 3،200 އަށް ވުރެ ކައުންޓީގެ ތެރެއިން 63 ޕަސެންޓަށް ވަނީ ކޭސް އިތުރުވުމުގެ މައްސަލަ ދިމާވެފަ އެވެ.

އެގޮތުން އެއް ހަފްތާގެ ތެރޭގައި ކޮންމެ ދުވަހަކު 100،000 މީހުންގެ ތެރެއިން 50 އާއި 100 އާ ދެމެދުގެ އަދަދަކަށް ޕޮޒިޓިވް ކޭސް އެ ކައުންޓީތަކުން ދަނީ ފެންނަމުންނެވެ.

ބައިޑެން ވިދާޅުވީ އާބާދީ އެއްކޮށް ވެކްސިން ޖެހުމުގައި ހުރި ހުރަސްތައް ނައްތާލުމަށް އަޅާނެ އާ ފިޔަވަޅުތަކެއް ބުރާސްފަތި ދުވަހު އިއުލާނު ކުރައްވާނެ ކަމަށެވެ.