Advertisement

އޭއެފްސީ ކަޕަށް ދަގަނޑޭ އީގަލްސް އަށް

27 ޖުލައި 2021 - 19:13 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ދަގަނޑޭ ގައުމީ ޓީމުގެ ޕްރެކްޓިހުގައި.


އޭއެފްސީ ކަޕަށް ދަގަނޑޭ އީގަލްސް އަށް

27 ޖުލައި 2021 - 19:13 0

ކްލަބް ވެލެންސިއާ އަށް މިދިޔަ ސީޒަނުގައި ކުޅުނު ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ)، ރާއްޖޭގެ ސީޒަން ފެށުމުގެ ކުރިން އަންނަ މަހު ބާއްވާ އޭއެފްސީ ކަޕުގައި ކުޅުމަށް ކްލަބް އީގަލްސް ޕްރެކްޓިހާ ގުޅިއްޖެ އެވެ.

ދަގަނޑޭ ވަނީ މިއަދު ހަވީރު އީގަލްސްގެ ޕްރެކްޓިހުގައި ބައިވެރިވެފަ އެވެ.

މިއީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އީގަލްސްގެ ޖާޒީގައި ފެނުނު ފުރަތަމަ ފަހަރެވެ. އީގަލްސްގެ މެޗުތަކުގައި ކުޅެފިނަމަ އެ ޓީމު ވެގެންދާނީ ދަގަނޑޭ ކުޅޭނެ ރާއްޖޭގެ ހަތް ވަނަ ކްލަބަށެވެ. ކުރިން ކުޅުނު ކްލަބްތަކަކީ ވެލެންސިއާގެ އިތުރުން ނިއު ރޭޑިއަންޓް، ވީބީ އައްޑޫ އެފްސީ، މާޒިޔާ، ޓީސީ ސްޕޯޓްސް އަދި ގްރީންސްޓްރީޓްސް އެވެ. ރާއްޖޭން ބޭރުގައި ދަގަނޑޭ ވަނީ ބުރުނާއީގެ ޑީޕީއެމްއެމް އާއި މެލޭޝިއާގެ ޕީޑީއާރްއެމް އަށް ކުޅެފަ އެވެ.

ދަގަނޑޭގެ އިތުރުން ވެލެންސިއާގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) ވެސް ވަރަށް އަވަހަށް އީގަލްސްއާ ގުޅޭނެ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. މީގެ އިތުރުން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ގެ މުހައްމަދު އާރިފް (ބަކާ) އާއި އިސްމާއިލް އީސާ ވެސް ވަނީ އީގަލްސްއާ ގުޅިފަ އެވެ.

އޭއެފްސީ ކަޕަށް ފަހު، ރާއްޖޭގެ ފުޓްބޯޅަ މޫސުމް ފަށަންވާއިރަށް މި ކުޅުންތެރިން ދާއިމީ ކޮންޓްރެކްޓެއްގެ ދަށުން އެހެން ކްލަބްތަކާ ގުޅުމުގެ ފުރުސަތު އޮންނާނެ އެވެ.

އީގަލްސް އިން ވަނީ އެ ޓީމަށް ކުޅެމުން އައި ލުބްނާން ކީޕަރު މުހައްމަދު ތޯހާގެ ކޮންޓްރެކްޓް އާ ކޮށްފަ އެެވެ. އެކަމަކު، އެ ޓީމުން ވަނީ މިސްރުގެ ފޯވާޑް މުހައްމަދު އޮސާމާ ވަނީ ދޫކޮށްލައިފަ އެވެ. އީގަލްސްގެ ކޯޗަކީ މުހައްމަދު ޝާޒްލީ (ޝާޒް) އެވެ.

އޭއެފްސީ ކަޕުގެ ޕްލޭއޮފުގައި އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީގެ މެޗު އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހު މާލޭގަ އެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ދެކުނު އޭޝިއާ ގްރޫޕުގެ ފަހު ޖާގަ ލިބޭނެ އެވެ. އެ ގްރޫޕްގައި މި ވަގުތު އޮތީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ، ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އަދި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް އޮންނާނީ އަންނަ މަހުގެ 18، 21 އަދި 24 ވަނަ ދުވަހު މާލޭގަ އެވެ.

ޕްލޭއޮފާ ހަމައަށް އީގަލްސް ދަތުރުކުރީ ކޮލިފައިން ފުރަތަމަ މެޗުގައި 2-0 އިން ބޫޓާންގެ ތިމްޕޫ ސިޓީ ބަލިކޮށްގެންނެވެ. ކޮލިފައިން ދެ ވަނަ މެޗުގައި އީގަލްސް ކުޅެން ޖެހުނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ އެވެ. އޭއެފްސީން ތަކުރާރުކޮށް ދިން އެކި ފުރުސަތުތަކުގައި އަބަހާނީ އަށް މެޗު ކުޅެވޭނެ ގޮތެއް ނުވުމުން އެންމެ ފަހުން އޭއެފްސީން އެ ޓީމު ވަކިކޮށް އީގަލްސް އަށް ޕްލޭއޮފްގެ ޖާގަ ދިނީ އެވެ.

އޭއެފްސީ ކަޕަށް ތައްޔާރުވުމުގެ ގޮތުން ބެންގަލޫރުން ވެސް ވަނީ ކޭމްޕް ޖަހައި ޕްރެކްޓިސް ފަށައިފަ އެވެ. އަދި މާޒިޔާ އިން ވަނީ އެފްއޭއެމުން ދިން ފުރުސަތެއްގައި ސައުދީ އަރަބިއްޔާގައި ކޭމްޕް ޖަހައިފަ އެވެ.