Advertisement

އ.ދ ގޮނޑިއަށް ކުރި ކެމްޕެއިން: ހަރަދުވީ ތިން މިލިއަން ރުފިޔާ

29 ޖުލައި 2021 - 10:17 1

އަމަން ހަލީމް

އަމަން ހަލީމް

ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު: ޝާހިދު އދ. ގެ އާންމު މަޖިލިހުގެ ރިޔާސަތު ބަލަހައްޓަވާނީ އަހަރު ދުވަހަށް. -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު


އ.ދ ގޮނޑިއަށް ކުރި ކެމްޕެއިން: ހަރަދުވީ ތިން މިލިއަން ރުފިޔާ

29 ޖުލައި 2021 - 10:17 1

އދ. ގެ އާންމު މަޖިލިހުގެ ރައީސްކަމަށް ކެމްޕެއިންކުރުމަށް ދައުލަތުން ބަޖެޓުގައި ހިމެނި ތިން މިލިއަން ރުފިޔާއަށް ވުރެ އިތުރަށް އެއްވެސް ހަރަދެއް ނުހިނގާކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލިހުގެ ރިޔާސަތަށް ޝާހިދު ހޮވިވަޑައިގެންނެވީ، މިދިޔަ ޖޫން މަހު ނެގި ވޯޓުގައި އދ. ގެ މެމްބަރު 193 ގައުމުގެ ތެރެއިން 143 ގައުމުގެ ތާއީދާ އެކުގަ އެވެ.

އެކަމަކު މިއީ ދައުލަތުގެ ފައިސާއިން ބޮޑެތި ހަރަދުތަކެއް ކޮށްގެން ކުރި ކަމެއް ތުހުމަތުކޮށް ސަރުކާރަށް ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ހާއްސަކޮށް ބަލިމަޑުކަމެއްގެ ތެރޭގައި ގައުމުގެ އިގުތިސޯދު ހީނަރުވެފައިވާ ދަނޑިވަޅެއްގައި މިއީ ކުރި ބޭކާރު ހޭދަތަކެއް ކަމަށް އެ މީހުން އަންނަނީ ބުނަމުންނެވެ.

މި ވާހަކަތަކަށް ރައްދު ދެއްވާ، "އަދަދު"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ، މިކަމަށްޓަކައި މިދިޔަ އަހަރު ދައުލަތުގެ ބަޖެޓުގައި ކަނޑައެޅި ތިން މިލިއަން ރުފިޔާ ވެސް އެއްކޮށް ހުސްނުވާ ކަމަށެވެ. އަދި މިއީ ކޮންމެހެން ބޮޑެތި ހަރަދުތަކެއް ކޮށްގެން ލިބުނު މަގާމެއް ނޫން ކަމަށާއި، މިއީ ހަރުދަނާ ހާރިޖީ ސިޔާސަތާއި ގައުމުތަކާ އެކު ބާއްވާ ގުޅުންތަކުގެ ސަބަބުން ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ބޮޑެތި ހަރަދުތަކެއް ކުރިޔަސް، އދ. ގެ މެމްބަރު ގައުމުތަކުގެ ވޯޓު ކަށަވަރު ނުވާ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުން ޝާހިދު ފާހަގަކުރެއްވީ ރާއްޖެއިން އެންމެ ފަހުން އދ. ގެ ސަލާމަތީ މަޖިލިހުގެ ގޮނޑިއަށް ވާދަކުރަން ހިންގި ކެމްޕެއިނެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2018 ވަނަ އަހަރު ރާއްޖެއިން އދ. ގެ ސެކިއުރިޓީ ކައުންސިލްގެ އޭޝިއާ ސަރަހައްދުގެ ގޮނޑިއަށް ވާދަކޮށް ނާކާމިޔާބުވީ އިންޑޮނީޝިއާއާ ވާދަކޮށްގެންނެވެ. އެ ފަހަރު ރާއްޖެއަށް ލިބުނީ އެންމެ 46 ވޯޓެވެ. އެ ކެމްޕެއިނަށް 21 މިލިއަން ރުފިޔާ ހަރަދު ކުރި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

އެކަމަށް އިޝާރާތްކުރައްވައި ޝާހިދު ވިދާޅުވީ، އޭރު ރާއްޖެއަށް ގޮނޑި ނުލިބުނީ ކޮންމެހެން ހަރަދުތަކެއް ނުކުރާތީ ނޫން ކަމަށެވެ. އޭގެ ބަދަލުގައި މައްސަލައަކަށް ވީ އޭރު ދިވެހި ސަރުކާރުން ގެންގުޅުނު ހާރިޖީ ސިޔާސަތު ކަމަށް ވިދާޅުވި އެވެ. އަދި ހާރިޖީ މައިދާނުގައި ކާމިޔާބީއަށް ބޮޑެތި ހަރަދުތަކަށް ވުރެ މުހިންމީ ދޭދޭ ގައުމުތަކާއި ޖަމިއްޔާ، ޖަމާއަތްތަކާ ބާއްވާ ގުޅުން ކަމަށް ވިދާޅުވި އެވެ.

ޝާހިދު ޔޫއެންޖީއޭގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވާނީ އަންނަ ސެޕްޓެމްބަރު މަހުގަ އެވެ. އަދި އަހަރު ދުވަސް އެ މަގާމުގައި ހުންނަވާނެ އެވެ.