Advertisement

އޮތީ މޮނިކޮން އަމުރު، ޓެގެއް ނެތް، ތަންފީޒެއް ވެސް ނުވޭ!

28 ޖުލައި 2021 - 13:21 0

ނާޒިމް ހަސަން

ނާޒިމް ހަސަން

2016 ވަނަ އަހަރު މީހެއްގެ ފައިގާ ޓެގް އަޅުވާފައި: އަމުރު އޮތް ނަމަވެސް ތަންފީޒު ކުރަމަކުން ނުދޭ -


އޮތީ މޮނިކޮން އަމުރު، ޓެގެއް ނެތް، ތަންފީޒެއް ވެސް ނުވޭ!

28 ޖުލައި 2021 - 13:21 0

ޓެރަރިޒަމްގެ އަމަލުތަކާއި ހަރުކަށި ފިކުރު ފެތުރުމުގެ ތުހުމަތު މީހެއްގެ މައްޗަށް ކުރެވޭ ނަމަ، އެ މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރެ މޮނީޓާކުރުމުގެ ބާރު ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުން ލިބެ އެވެ. އެފަދަ އަމުރުތަކެއް ހައިކޯޓުން ނެރެފައިވެ އެވެ. ނަމަވެސް، އެ އަމުރުތައް ތަންފީޒެއް ނުކުރެވެ އެވެ.

މިވަގުތު ހައިކޯޓުން މޮނިކޮން އަމުރު ނެރެފައިވަނީ ސީދާ ކިތައް މީހުންގެ މައްޗަށް ކަމަށް ސާފެއް ނޫނެވެ. ނަމަވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި އެންމެ ފަހުން މޮނިކޮން އަމުރު ނެރެފައިވަނީ މިދިޔަ މެއި މަހު ހަތަރު މީހެއްގެ މައްޗަށެވެ.

ހޯމް މިނިސްޓަރު އެދިގެން ހައިކޯޓުން އެ ހަތަރު މީހުންގެ މައްޗަށް މޮނިކޮން އަމުރު ނެރެފައިވަނީ ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތުގަ އެވެ. އެ އަމުރުތައް ނެރުނީ މެއި ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ކުރިންނެވެ.

ހަރުކަށި ފިކުރުގެ އަށް މީހެއްގެ މައްޗަށް ވެސް މިދިޔަ އަހަރުގެ މެއި މަހު މޮނިކޮން އަމުރު ނެރެފައިވާއިރު، އެ މީހުން ބެލެހެއްޓުމަށް ފައިގައި ޓެގް އަޅުވާފައިވާ ކަމަށް ކަމާބެހޭ އިދާރާއިން ހާމަކޮށްފައިވެ އެވެ.

"އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައިކޯޓުން މޮނިކޮން އަމުރުތަކެއް ނެރެފައިވީ ނަމަވެސް، އެ އަމުރުގެ ދަށުން އެމީހުންގެ ފައިގައި ޓެގް އަޅުވާފައެއް ނުވެ އެވެ. އަދި، އަމުރު ތަންފީޒު ކުރުމަށް އެއްވެސް ކަމެއް ނުވެސް ކުރެ އެވެ.

މޮނިކޮން އަމުރު ނެރެފައިވާ މީހުންގެ ފައިގައި ޓެގް އަޅުވާފައި ނުވަނީ މިވަގުތު ފުލުހުންގެ އަތުގައި ޓެގް ނެތުމުން ކަމަށް އެނގިފައިވެ އެވެ. މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

އެނގިފައިވާ ގޮތުގައި ޓެގް ހޯދުމުގެ މަސައްކަތް ހޯމް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. ނަމަވެސް، އެ މަސައްކަތުން ނަތީޖާއެއް ނުލިބި ވަނީ ދިގުލައިގެން ގޮސްފަ އެވެ.

މޮނިކޮން އަމުރެއް މީހެއްގެ މައްޗަށް ނެރުމަށް އެކަށީގެންވާ ތުހުމަތެއް އޮންނަންޖެހޭ ކަމަށް ގާނޫނު ބުނެ އެވެ. އެގޮތުން ޓެރަރިޒަމްގެ ކުށެއް ކުރުމުގައި އަމަލީ ގޮތުން އެ މީހަކު ބައިވެރިވާ ކަމަށް ގަބޫލު ކުރެވުމާއި އެފަދަ ކުށެއް ރާވާ ކަމަށް ނުވަތަ ހިންގާ ކަމަށް ނުވަތަ އެކަމަށް މަގުފަހިކޮށްދޭކަމަށް ނުވަތަ އެކަމަށް އެހީތެރިވެދޭ ކަމަށް މިނިސްޓަރަށް ގަބޫލު ކުރެވޭ ހާލަތްތަކުގައި މޮނިކޮން އަމުރަށް އެދެވޭނެ އެވެ.

އެގޮތަށް އެދުމުން ސަބަބުތަކާއި ހެކިތަކުގެ މައްޗަށް ބިނާކޮށް އެއް އަހަރު ދުވަހުގެ މުއްދަތަށް ހައިކޯޓަށް އަމުރު ނެރެވިދާނެ އެވެ. އެހެން ނަމަވެސް އެ މުއްދަތު އިތުރު އެއް އަހަރަށް އިތުރުކުރުމަށް ގާނޫނުގައި ހުރަހެއް ނެތެވެ. މޮނިކޮން އަމުރަކާ ހިލާފްވުމުގެ އަދަބަކީ 18 މަސްދުވަހަށް ޖަލަށް ލުމެވެ. އަމުރާ ހިލާފުވެގެން މިހާރު ވެސް ބައެއް މީހުންގެ މައްޗަށް ދައުވާ ކުރެ އެވެ.

ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު ހަރުކަށި ފިކުރުގެ ނުރައްކާ ބޮޑުވެފައިވާއިރު އެ ހަމަލާގައި ބައިވެރިވާ ގިނަ މީހުންނަކީ ވެސް ޓެރަރިޒަމްގެ އެހެން ކުށްތަކުގެ ރިކޯޑް އޮންނަ ބައެކެވެ. އެފަދަ ބަޔަކު މުޖުތަމައުއަށް ދޫވެ، އެހާ ހާމަކަން ބޮޑު ގޮތެއްގައި ސައިކަލެއްގައި ބޮމެއް ހަރުކޮށް ގޮއްވާލުމުގެ ފުރުސަތު ލިބުމުން ފުލުހުންނަށް ފާޑުކިޔުން ވަނީ ބޮޑުވެފަ އެވެ.

އެކަމާ ގުޅިގެން އަމާޒުވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވާ ގޮތުގައި، ޓެރަރިސްޓުން މޮނީޓާކުރުމުގައި މައްސަލަތަކެއް އުޅެނީ ހަމައެކަނި ފުލުހުންގެ ނޫން ކަމަށެވެ. ނަމަވެސް މުޅި ދައުލަތުގެ ތެރޭގައި "ގެޕްސް"ތަކެއް އެބަހުރި ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެފަދަ ފަރާތްތައް މޮނީޓާކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، އޭގެ ތެރެއިން ފުރުސަތު ހޯދައިގެން އަމަލުތައް ހިންގަމުން ދަނީ،" ހަމީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެމީހުން މޮނީޓާކުރުމުގައި "ގެޕްސް"ތަކެއް އޮތީ ގާނޫނީ ނިޒާމާއި އިދާރާތަކުގެ މައުލޫމާތު ހިއްސާކުރުމުގެ އޮނިގަނޑުތައް އޮތް ގޮތުންނެވެ. އަދި، ގާބިލުކަމާއި ވަސީލަތްތައް ނެތުން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ސީޕީ ވިދާޅުވި ގޮތުގައި އެކަންކަން އިސްލާހުކޮށް އެމީހުން ހަރުދަނާ ގޮތެއްގައި މޮނީޓާކުރުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

މޮނިކޮން އަމުރު ނެރެ، މީހުންގެ ފައިގައި ޓެގް އަޅުވައިގެން ބަލަހައްޓަން ފެށީ 2016 ވަނަ އަހަރު އެވެ.