Advertisement

އިރާގުގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތައް ނިންމާލައިފި

27 ޖުލައި 2021 - 13:19 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެމެރިކާގެ ރައީސް ޖޯ ބައިޑެން.--


އިރާގުގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތައް ނިންމާލައިފި

27 ޖުލައި 2021 - 13:19 0

ވޮޝިންޓަން، އެމެރިކާ (ޖުލައި 27) - މި އަހަރު ނިމޭ އިރު އިރާގުގައި ހިންގާ އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތައް ވެސް ނިންމާލާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއުލާނު ކުރައްވައިފި އެވެ.

ބައިޑެން އެގޮތަށް އިއުލާނު ކުރެއްވީ އިރާގުގެ ބޮޑު ވަޒީރު މުސްތަފާ އަލް ހަދޭމީ އާއެކު ބޭއްވި ބައްދަލުވުމަކަށް ފަހު އެވެ.

އިސްލާމިކް ސްޓޭޓް (އައިއެސް) ނުރައްކަލާއި އިރާނުގެ ނުފޫޒު އޮތުމުން އެމެރިކާއިން "ސެކިއުރިޓީ ކަންކަމުގައި އެއްބާރުލުން ދޭނެ" ކަމަށް ބައިޑެން ވިދާޅުވި އެވެ. ހަދޭމީ ވިދާޅުވީ ދެ ގައުމުގެ "ސްޓްރެޓެޖިކް ޕާޓްނާޝިޕް" ދެމިއޮންނާނެ ކަމަށެވެ.

އޭގެ އިތުރުން އިރާގުގައި ދެމިތިބޭ އެމެރިކާގެ ސިފައިން އަސްކަރީ ހަރަކާތްތައް ހުއްޓާލި ނަމަވެސް އިރާގުގެ ސިފައިން ތަމްރީން ކުރުމާއި، އައިސްއާ ދެކޮޅަށް އެހީވެދިނުމުގައި މަސައްކަތް ކުރަމުން ދާނެ ކަމަށް ބައިޑެން ވިދާޅުވި އެވެ.

ވިހި އަހަރަށް ފަހު އެމެރިކާ ސިފައިން އަފްގާނިސްތާނުން ފައިބަމުންދާ މި ދަނޑިވަޅުގައި އިރާގުން ފޭބުމަށް ވެސް ޕްރެޝަރު ވަނީ ބޮޑުވެފަ އެވެ. ނަމަވެސް ބައިޑެން ވިދާޅުވީ އެމެރިކާގެ 2،500 ސިފައިން އިރާގުގައި މަޑު ކުރާނެ ކަމަށެވެ.

އެމެރިކާ ސިފައިން އިރާގަށް އަރާފައި ވަނީ މީގެ 18 އަހަރު ކުރި ސައްދާމް ހުސެއިން މަގާމުން ދުރުކުރުމަށެވެ. އެއަށްފަހު ފާއިތުވި ހަތް އަހަރު އެމެރިކާއިން އިރާގުގައި ހަނގުރާމަ ކުރީ އައިއެސްއާ ދެކޮޅަށެވެ.

ނަމަވެސް އަސްކަރީ އޮޕަރޭޝަންތައް ނިންމާލުމަށް ފަހު ދެން އަމާޒު ހިފާނީ އެހެނިހެން ގޮތް ގޮތުން އެހީވުމަށް ކަމަށް އެމެރިކާއިން ބުނެ އެވެ. އެގޮތުން ހަކަތަ އުފެއްދުމާއި ކޮވިޑާ ދެކޮޅަށް ހަނގުރާމަ ކުރުމާއި މޫސުމީ ބަދަލުގެ އަސަރު ކުޑަ ކުރުން އަދި ޕްރައިވެޓް ސެކްޓާ ވަރުގަދަ ކުރުން ހިމެނެ އެވެ.

ބައިޑެން ވިދާޅުވީ 500،000 ކޮވިޑް ވެކްސިން ޑޯޒް ވަރަށް އަވަހަށް އިރާގަށް ލިބޭނެ ކަމަށެވެ. އަދި އަންނަ އޮކްޓޯބަރު މަހު އޮންނަ އިރާގުގެ އިންތިހާބަށް ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި ޑިމޮކްރެސީ ވަރުގަދަ ކުރުމަކީ އެންމެ ބޮޑު އަމާޒު ކަމަށް ވިދާޅުވި އެވެ.

އިރާގުގައި މި ވަގުތު އައިއެސްގެ ހަރަކާތްތައް ވަރަށް ބޮޑަށް ކުޑަވެފައި ވާއިރު، އިރާނުގެ އެހީތެރިކަމާއެކު އުޅޭ ހަނގުރާމަވެރި ގްރޫޕުތަކުން ދޭތެރެ ދޭތެރެއިން ހަމަލާތައް ދެ އެވެ. ފަހަކަށް އައިސް އެންމެ ގިނަ ހަމަލާ އަމާޒުވެފައި ވަނީ އެމެރިކާ ސިފައިންނަށެވެ.