Advertisement

ދައުރުން ބޭރު ޖަލްސާއެއް ބާއްވަން އިދިކޮޅުން ތާއީދު ކުރާނެ

27 ޖުލައި 2021 - 11:42 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

މަޖިލީހުގެ ޖަލްސާއެއްގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: މަޖިލިސް


ދައުރުން ބޭރު ޖަލްސާއެއް ބާއްވަން އިދިކޮޅުން ތާއީދު ކުރާނެ

27 ޖުލައި 2021 - 11:42 0

ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވައި ދެއްވުމަށް މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަންނަވާފައިވާއިރު، އެކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން އެއްބާރުލުން ދޭނެ ކަމަށް އެ ކޯލިޝަނުން ބުނެފި އެވެ.

ބޮމެއް ގޮއްވާލައިގެން ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާގެ ގިނަ މައުލޫމާތުތަކެއް ފުލުހުން އާންމުކޮށްފައިވާއިރު، އެ މައުލޫމާތުގެ އަލީގައި ސަރުކާރުން އަމަލު ކުރަން ޖެހޭ ކަމަށް ފެންނަ ގޮތްތަކާމެދު މަޖިލީހުން ގޮތް ނިންމުމަށް ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވަނީ އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ވަޓްސްއެޕް ގުރޫޕުގަ އެވެ.

ނަޝީދުގެ އެދިވަޑައިގަތުމާ ގުޅިގެން އެ މަސައްކަތް ކުރަމުންދާކަމަށް މަޖިލިސް ކޮންޓްރޯލްކުރާ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް ވަނީ ވިދާޅުވެފަ އެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބޭއްވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުން ތިންބައިކުޅަ އެއް ބައި މެމްބަރުން ސަބަބު ބަޔާންކޮށް، ސޮއިކޮށް މަޖިީލިހުގެ ރައީސަށް ހުށަހެޅުމުންނެވެ.

އެގޮތުން، އެ ހުށަހެޅުމަށް މަދުވެގެން 29 މެމްބަރުންގެ ސޮއި ބޭނުންވާނެ އެވެ.

މަޖިލީހުގެ ދެވަނަ ދައުރު ނިންމައި، އަންނަ މަހުގެ 16 ވަނަ ދުވަހާ ހަމައަށް މަޖިލިސް މިވަގުތު ޗުއްޓީގައި އޮތް އިރު، ގިނަ މެމްބަރުން މިވަގުތު މާލޭގައި ނެތް ކަމަށް އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސޮއި ހޯދުމުގެ މަސައްކަތް ފަށައިފިން. ދެން ވާދަވެރި ޕާޓީތަކުގަ ވެސް އަޅުގަނޑު އެދިގެން މިއުޅެނީ ދައުރުން ބޭރުން ޖަލްސާ ބާއްވަން ތާއީދުކުރައްވާނަމަ ސޮއިކޮށް ދެއްވުމަށް،" އާޒިމް އިއްޔެ "އަދަދު"އަށް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން "އަދަދު"ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، އިދިކޮޅު ޕީއެންސީގެ ނައިބު ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ފުލުހުން އާންމުކޮށްފައިވާ މައުލޫމާތުތަކުގައި އިދިކޮޅުގެ ވެސް ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ.

އެގޮތުން، ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވައިގެން އެ ކަންބޮޑުވުންތައް މަޖިލީހުގެ ތަޅުމުގައި ވިޔަސް ހިއްސާކުރަން އިދިިކޮޅުން ވެސް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުލުހުންގެ ހާމަކުރި މައުލޫމާތުތަކާ ގުޅިގެން އަޅުގަނޑުމެން ވެސް ކަންބޮޑުވާކަންތައްތަކެއް އެބަހުރި. ދެން އެކަމާ ގުޅިގެން މަޖިލީހުން ދެކޭ ގޮތް ހާމަކުރުމުގައި ކުރަންޖެހޭ މަސައްކަތްތަކަށް އަޅުގަނޑުމެންގެ އެއްބާރުލުން ލިބޭނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ނަމަވެސް، ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ހަރުކަށި ފިކުރާ ދެކޮޅަށް ސަރުކާރުން އަމަލުކުރަންވީ ގޮތް މަޖިލީހުން ކިޔައިދިނުމަކީ އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ދީނީ ގޮތުން ހައްދުފަހަނައެޅުމާ ދެކޮޅަށް މަސައްކަތް ކުރަންޖެހޭނީ މިހާރަށް ވުރެ މާ ހިކުމަތްތެރިކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާއެއް ބާއްވަން އެދިވަޑައިގަތުމުގެ އިތުރުން، ނަޝީދު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގައުމުގައި ހަރަކާތްތެރިވާ ހުރިހާ ޓެރަރިސްޓުން ހައްޔަރު ކުރުމުގެ މަގު ތަނަވަސްކޮށްދިނުމަށް ގޮވާލާ އެ ޕާޓީގެ ގައުމީ މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅުއްވައިފަ އެވެ.

އޮންލައިންކޮށް ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ފާސްކުރި އެ ގަރާރުގައި ވަނީ "ކުއްލި ހާލަތު އިއުލާންކޮށް ޓެރަރިސްޓުން ހައްޔަރު ކުރުމުގެ ފުރުސަތު މޯލްޑިވްސް ޕޮލިސް ސާވިސް އަށް ދިނުމަށް އެމްޑީޕީ އިގްރާރުވުމަށް" އެއްބަސްވާ ކަމަށެވެ.

އެ ގަރާރުގައި އިތުރަށް ބުނެފައި ވަނީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ރޭ އިސްކަންދަރު ކޮށީގައި ނޫސްވެރިންނާ ބައްދަލުކޮށް ދެއްވި މައުލޫމާތައް ބިނާކޮށް، "ސަރުކާރުން އަމަލު ކުރަންވީ ގޮތް ކަމަށް އެމްޑީޕީ ދެކޭ ގޮތް" ސަރުކާރަށް އެރުވުމަށެވެ.

ގަރާރު ހުށަހަޅުއްވަމުން ނަޝީދު ވިދާޅުވީ ފުލުހުންނަށް ފުރުސަތު ދީފި ނަމަ ޓެރަރިސްޓުން ހައްޔަރު ކުރެވޭނެ ކަމަށެވެ. އަދި އެއީ ކުއްލި ހާލަތު އިއުލާން ކުރަންޖެހޭ ވަރުގެ ބޮޑު ކަމެއް ކަމަށެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ބައެއް މައުލޫމާތު ފުލުހުން ހާމަ ކުރިއިރު ބުނެފައި ވަނީ ޓެރަރިސްޓުން ނަޝީދަށް ހަމަލާދީފައި ވަނީ ދީނީ ހިޔާލުތަފާތުވުންތަކާހުރެ އުފެދިފައިވާ ރުޅިވެރިކަމެއްގެ ސަބަބުން ކަމަށެވެ.

އަދި ބޮން ގޮއްވުމުގެ މިޝަން ކުރިއަށް ގެންދަން ކުރި ހަރަދެއް ފިޔަވައި އެކަން ކުރީތީ އިނާމެއްގެ ގޮތުން ފައިސާ ދީފައިވާކަން ބެލެވެން ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.