Advertisement

ސައްބީސް އަހަރު ކުރިން ޖުލައިން ސައްބީސް

27 ޖުލައި 2021 - 08:54 1

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން

އެމްއެންޑީއެފްގެ ބޭންޑުން ބޭން ޖަހަނީ. --ފޮޓޯ: ޕީއެސްއެމް ނިއުސް


ސައްބީސް އަހަރު ކުރިން ޖުލައިން ސައްބީސް

27 ޖުލައި 2021 - 08:54 1

އޭރު އާ ހެދުން ފައްސާ އުޅެނީ ދެ ޢީދަށާއި ސައްބީހަށެވެ. އެއް ޢާއިލާއެއްގެ، އެއް ޖިންސެއްގެ ކުދި ބޮޑު ހުރިހާ އެންމެން ހެދުން ފައްސަނީ އެއް ވައްތަރެއްގެ ފޮތިންނެވެ. ސައްބީސް ހެދުމާއެކު އަޅާނޭ ޕުލާސްޓިކު މާ ޖެހި ބޭންޑާއި، އިސްތަށިގަނޑު އައްސާން ގެންގުޅޭ ގެތި-ވޫލުގެ "ރިބަން"ތަކާއި ކަރުގައި އަޅާނޭ މިނަލުގެ ހާރުތައް ހެދުމުގެ މަސައްކަތް އެތައް ދުވަހެއް ކުރިން ފަށައިގެން ސައްބީސް އަންނަންވާއިރަށް ކުދި ބޮޑު އެންމެންވެސް ތިބެނީ މާލޭ މަގުތަކާ އެއްވަރަށް ޒީނަތްތެރިވެފަ އެވެ. ފިރިހެން ކުދިންވެސް ކޮނޑާ ހަމައަށް ގަމީހުގެ އަތުކުރި އޮޅާލާފައި، ބުލީޗުކޮށްފައި ހުރި ޖިންސެއްގެ ތެރެއަށް ބެގީ ޖަހާލާފައި ތިބޭއިރު ވަރަށް ނަލަ އެވެ.

މި ވަރަށް ނަލަ ހެދެނީ ކީއްވެގެންތޯ އެވެ؟ ކުޑަކުދިންނާއި މައިންބަފައިން ހަވީރު ބޭންބަލަން ދާށެވެ. ސިފައިންގެ "ބޭކަލުންނާއި" ސާނަވީ މަދަރުސާތަކުގެ ދަރިވަރުން ކޮންމެ އަހަރަކު ސައްބީހުގެ ބޭންޖެހުމަށް ތައްޔާރުވަނީ ސަފުތަކަށް ކޮންމެ ދިމާއަކުން ބަލާލިއަސް ނުކިއްސަރު ގޮތަކަށް ދާ އިސްތައްޓެއްވެސް ނުފެންނާނޭހާ އެއްވަރުކޮށް ބޭންޖެހޭނޭ މިންވަރަށެވެ. ފުޅަނދު ބުރުގައި ދެ ހާޖީންނާއި ދަންޑަހެލުގެ އިތުރުން ޓޮމް އާއި ޖެރީ އަދި ބިގް ބަރޑްވެސް ފެންނާނެ އެވެ. ސަރުކާރު އޮފީސްތަކާއި އަވަށްތަކުން ސައްބީހަށްވާ އެންމެ ބޮޑު ތައްޔާރީއަކީ މީ އެވެ.

ސްކޫލްތަކުގެ ކުދިން ބޭންޖަހަން ތައްޔާރުވުމުން ފުދުނީކީ ނޫނެވެ. ގަލޮޅު ދަނޑުގައި އޮންނަ ކުޅިވަރަށްވެސް ސްކޫލް ދަރިވަރުންނާއި އެން.އެސް.އެސްގެ ސިފައިން ބުރަ މަސައްކަތާއި، ބޮޑު ހޭދައެއް ކޮށްގެން ތައްޔާރުވަނީ އެ އަހަރުގެ އެންމެ ރީތި އައިޓަމް ހުށަހަޅަނީ އެ މުވައްސަސާއަކަށް ވާން އަޒުމު ހިފައިގެންނެވެ. ޢާއްމުގޮތެއްގައި މި ފުރުޞަތު ލިބެނީ އަމީނިއްޔާ ސްކޫލާއި މަޖީދިއްޔާ ސްކޫލުގެ އިތުރުން ކޮންމެ އަހަރަކުވެސް ފަށާ ތަޢުލީމު އުނގަންނައިދޭ، ސަރުކާރުގެ އެއް ސްކޫލާއި، އަމިއްލަ އެއް ސްކޫލަށެވެ. މި އައިޓަމްތަކަށް ދަރިވަރުން "ގާނާ"ލަނީ މިއަދުގެ ސްކޫލް ދަރިވަރުންނަށް އަންދާޒާކޮށްލަންވެސް ދަތިވާނޭ މިންވަރަށެވެ. ނަތީޖާއަކީ، އުތުރު ކޮރެއާގެ ލީޑަރަށް ސަނާ ކިޔަން ހުށަހަޅާ އައިޓަމްތައް ފަދަ ތަރުތީބު، ނަލަ އައިޓަމްތަކެއް ގަލޮޅު ދަނޑުން ނުވަތަ ޖުމުހޫރީ މައިދާނުން ފެނުމެވެ.

ފުރާވަރާއި ޒުވާން އުމުރުގެ ކުދިންގެ ޝައުޤުވެރިކަން އަތުލަނީ ސައްބީހާ ގުޅުވައިގެން ބާއްވާ "ދިވެހި ފަންނާނުންގެ މިއުޒިކީ ޢީދަށެވެ". އެ އިރެއްގެ އެންމެ މަޝްހޫރު ބޭންޑުތަކާއި ލަވަކިޔުންތެރިންގެ ހަރަކާތްތައް ގެނެސްދެމުންދާއިރު، ދެ ބޭންޑު ބަދަލުވާ ގަޑީގައި ވަކި ވަކި ނެށުންތެރިންގެ ނެށުންތަކެވެ. ހުށަހެޅުންތެރިންގެ ޖޯކުތަކެވެ. ޓީވީއެމުން ލައިވްކޮށް މަންޒަރު ދައްކަމުންދާއިރު ރަށުތެރޭ އެއް އަޑަކަށް އިވޭނީ އެ ޝޯގެ އަޑެވެ.

އެއީ ޕްރައިވެޓް ޓީވީ ރޭޑިއޯގެ ޒަމާނެއް ނޫނެވެ. ޓީވީއެމް އާއި ދިވެހިރާއްޖޭގެ އަޑުން މުޅި ދުވަސް ޚާއްޞަކޮށްފައި އޮންނަނީ ޤައުމީ ލަވަތަކާއި ޝިޢާރުތައް ފާޅުކުރުމަށެވެ. ތާރީޚު ޢިލްމުވެރިންގެ ބަސްދީގަތުންތަކަށެވެ. މިނިވަންކަމަށް ދިވެހިންކުރި ދަތުރު ދައްކުވައިދޭ ތަމްސީލުތައް ދެއްކުމަށެވެ. ދިވެހިންނަށް މިނިވަންކަން ހޯއްދަވައިދެއްވި އެކި ބަތަލުންގެ ޒިކުރާ އާކުރުމަށެވެ.

ސައްބީސް އަހަރު ފަހެވެ. އިއްޔެ އަހަރެމެން އަނެއްކާވެސް މިވަނީ މިނިވަން ދިވެހިރާއްޖެއަށް 56 އަހަރު ފުރުން ފާހަގަކޮށްފަ އެވެ. މީގެ ސައްބީސް އަހަރު ކުރީގެ ހަނދާންތައް މިއަދު އެއްބަޔަކު ތަރުޖަމާކުރެވެނީ ނާތަހުޒީބު ނާޗަރަންގީގެ ގޮތުގަ އެވެ. ވެރިންނަށް ކިޔާ ސަނާގެ ގޮތުގައެވެ. ބޭކާރު ޚަރަދުތަކުގެ ގޮތުގަ އެވެ. ދަރިވަރުންނާއި މުވައްޒަފުންނަށް ލިބޭ ބުރަތަކެއްގެ ގޮތުގަ އެވެ. އެހެންބަޔަކު ޤަބޫލުކުރަނީ މިއީ ދިރުވާ އާލާ ކުރަން ޖެހޭ ޤައުމީ ރޫޙުކަމަށެވެ.

އޭރު އެހަރެމެން އުފާ ފާޅުކުރީ މިނިވަންކަން ލިބުނީތީ އެވެ. މިއަދު މި ބަހުސްކުރަނީ އެ މިނިވަންކަމުގެ ހުދޫދުތައް ކަނޑައަޅާނޭ ގޮތަކާ މެދުގަ އެވެ. މިނިވަންކަމުގެ ޅަފަތުގައި ލިބުނު ޙައްޤުތަކުން ދިވެހި އާދަކާދަތައް ބަދަލުވެ، އައު އެތައް ކަމެއް މިއަދު މި ވަނީ ދިވެހިވަންތަ ސަގާފަތްތަކަށް ވެފައެވެ. މިއަދު ދިވެހިން އަމިއްލަކޮށްފައިވާ ދިވެހިވަންތަ އެއް ސަގާފަތަކީ މިނިވަންކަމާއެކު ޚިޔާލުފާޅުކުރުމުގެ ސަގާފަތެވެ. އަދި ތަފާތު ޚިޔާލުތަކަށް އިޙުތިރާމުކޮށް ތަހައްމަލުކުރުމުގެ ސަގާފަތެވެ.

ކަން މިހެން އޮތް ނަމަވެސް، ޖުލައިން ސައްބީހޭ ބުނާ ކޮންމެ ފަހަރަކު އަހަންނަށް އަދިވެސް އަޑުއިވެނީ ގަގުނަސްތަރާނާގެ ލަވަތަކެވެ. ހަނދާނަށް އަންނަނީ އަހަރެމެންގެ ސްކޫލްގެ ސައްބީހުގެ ހަރަކާތުގައި ބައިވެރިވެވޭތޯ ކުރާ ހިތްވަރެވެ. މަސް ދުވަސް ކުރިން ބަސްއަހައިގެން އުޅެގެން ވެސް "ދިވެހި ފަންނާނުންގެ މިއުޒިކީ ޢީދު" އޮންނަ ރޭ ނިދާގަޑި ލަސްކޮށްލުމުގެ ހުއްދަ މަންމަމެން ދޭތޯ ކުރާ މަސައްކަތެވެ.