Advertisement

ހަރުކަށި ފިކުރުގެ ޔުނިޓަށް މުވައްޒަފުން ލިބުމުގައި ދަތިތަކެއް

27 ޖުލައި 2021 - 16:18 0

ނާޒިމް ހަސަން

ނާޒިމް ހަސަން

ޖަލުގައި ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން: ހާއްސަ ޔުނިޓަށް މުވައްޒަފުން ހޯދުމަށް ވަނީ ދަތިވެފައި


ހަރުކަށި ފިކުރުގެ ޔުނިޓަށް މުވައްޒަފުން ލިބުމުގައި ދަތިތަކެއް

27 ޖުލައި 2021 - 16:18 0

ހަރުކަށި ފިކުރުގެ ވިސްނުން ގެންގުޅޭ އަދި އެ ފިކުރު ފަތުރާ މީހުން އިސްލާހު ކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރެ އެވެ. އެކަމަށް ޖަލުގައި ހާއްސަ ޔުނިޓެއް އަޅައި، ހާއްސަ ރީހެބިލިޓޭޝަން ސެންޓަރެއް އެޅުމަށް ވެސް ނިންމި އެވެ. އެކަމަކު، އެކަންކަން ކުރިއަށް ނުގޮސް ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު "އަދަދު"އަށް ވިދާޅުވި ގޮތުގައި މާފުށީ ޖަލުގައި ހަދާފައިވާ ޔުނިޓަށް އަންނަ އޯގަސްޓު މަހު ދީނީ ގޮތުން ހައްދުފަހަނައެޅި ފިކުރުގެ ގައިދީން ބަދަލު ކުރާނެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާފުށީ ޖަލުގެ ޔުނިޓް އަށެއް ހިންގާނީ ސްޕެޝަލް މެނޭޖްމަންޓް ޔުނިޓެއްގެ ގޮތުގަ އެވެ. އަދި ކަމާ ގުޅޭ މާހިރުންނާ ގުޅިގެން އެ ޔުނިޓް ހިންގާނެ ގޮތުގެ ސްޓޭންޑާޑް އޮޕަރޭޝަން ޕްރޮސީޖާ (އެސްއޯޕީ)އެއް ހަދައި، ރީހެބިލިޓޭޝަންގެ ކަންކަން ކުރިއަށްގެންދާނެ ގޮތް ވެސް ނިންމާފައިވާ ކަމަށެވެ.

"ވިސްނުމަކީ އެމީހުން [ހަރުކަށި ފުކުރުގެ ގައިދީން] ވަކިން ގެންގުޅެފަ، ވަކި ޕްރޮގްރާމްތަކެއް އަދި ޓްރީޓްމަންޓްތަކެއްގެ ތެރޭގައި ބަހައްޓާފައި މުޖްތަމައުއަށް ނެރުން،" އަހުމަދު ވިދާޅުވި އެވެ.

ޔުނިޓު ތައްޔާރުކޮށް ގައިދީން ބަދަލުކުރުމުގެ ތައްޔާރީތައްވީ ނަމަވެސް، މުވައްޒަފުން ލިބުމަށް ދަތިތައް ހުރި ކަމަށް ހޯމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ. އެ ޔުނިޓް ނިމުމަށްފަހު ވެސް ގައިދީން ބަދަލު ނުކުރެވި ގިނަ ދުވަސްތަކެއްވެގެން ދަނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހާއްސަ ޔުނިޓް ހިންގުމަށް އެޑްމިން މުވައްޒަފުންނާއި ސޯޝަލް ވާކަރުން އަދި ސައިކްލޮޖިސްޓުން ބޭނުންވެ އެވެ. އިއުލާނުކުރި ނަމަވެސް، މިވަގުތު ކަނޑައެޅިފައި ހުރި މުސާރަ ކުޑަވުމުން، ސޯޝަލް ވާކަރުންނާއި ސައިކްލޮޖިސްޓުން ނުލިބޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ހަރުކަށި ފިކުރުގެ މީހުން ބަދަލުކުރަން ހަދާފައިވާ ޔުނިޓްގައި 100 އަށް ވުރެ ގިނަ މީހުންގެ ޖާގަ ހިމެނެ އެވެ. ކޮމިޝަނާ އޮފް ޕްރިޒަންސް ވިދާޅުވެފައިވާ ގޮތުން މިހާރު ވެސް ގާތްގަނޑަކަށް 40-50 ދެމެދުގެ އަދަދަކަށް ހަރުކަށި ފިކުރުގެ ގައިދީން ޖަލުން ވަނީ ފާހަގަކުރެވިފަ އެވެ.

ނެޝަނަލް ރީއިންޓެގްރޭޝަން ސެންޓަރު ނުނިމޭ

ޖަލުގައި ހެދި ވަކި ޔުނިޓްގެ އިތުރުން ހިންމަފުށީގައި ނެޝަނަލް ރީއިންޓެގްރޭޝަން ސެންޓަރެއް އެޅުމުގެ މަސައްކަތް ސަރުކާރުން ފެށި އެވެ. އެއީ، ސީރިއާގައި ތިބި މީހުން ގެނެސް ބެހެއްޓުމާއި، ހަރުކަށި ފިކުރުގެ މީހުން ރީހެބިލިޓޭޓްކުރަން ހަދާ ސެންޓަރެކެވެ. އަށްޑިހަ މީހުންގެ ޖާގައިގެ ސެންޓަރުގެ މަސައްކަތް ނުނިމި ވަނީ ދިގުލައިގެން ގޮސްފަ އެވެ.

ސަރުކާރުގެ އޮފިޝަލް ވިދާޅުވި ގޮތުގައި 2019 ވަނަ އަހަރު ބަޔަކާ ހަވާލުކުރި އެ ސެންޓަރު އެޅުމުގެ މަސައްކަތް ލަސްވެފައިވަނީ ކޮންޓެރެކްޓަރު މަސައްކަތް ނިންމާ ހަވާލުކުރުމުން ބައެއް ބަދަލު ގެންނަށް ފުލުހުން ބޭނުންވުމުންނެވެ.

"އެ މަސައްކަތް އަދިވެސް ނުނިމޭ،" ސެންޓަރު އަޅަން މިހާރު ވެސް 50 މިލިއަން ރުފިޔާ ހަރަދުވެފައިވާކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވި އެވެ.

ސީރިއާގައި ތިބި ދިވެހިން ރާއްޖެ ގެނެސް، އެމީހުން އިސްލާހުކޮށް އަލުން މުޖުތަމައުއަށް ނެރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ.