Advertisement

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ހުރިހާ ޓެރަރިސްޓުން ހައްޔަރު ކުރަން ނަޝީދު ގޮވާލައްވައިފި

25 ޖުލައި 2021 - 21:30 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ރައީސް މުހައްމަދު ނަޝީދު: ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލް ހާމަކުރި މައުލޫމާތަށް ބިނާކޮށް ސަރުކާރާށް ލަފާ އެރުވުމަށް ވެސް ގަރާރުގައިވޭ -- ފޮޓޯ: އަދަދު ފައިލް


ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ހުރިހާ ޓެރަރިސްޓުން ހައްޔަރު ކުރަން ނަޝީދު ގޮވާލައްވައިފި

25 ޖުލައި 2021 - 21:30 0

ދިވެހިރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގައުމުގައި ހަރަކާތްތެރިވާ ހުރިހާ ޓެރަރިސްޓުން ހައްޔަރު ކުރުމުގެ މަގު ތަނަވަސްކޮށްދިނުމަށް ގޮވާލާ ގަރާރެއް ވެރިކަން ހިންގާ އެމްޑީޕީގެ ގައުމީ މަޖިލީހަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައިފި އެވެ.

އެމްޑީޕީގެ އަދި ރައްޔިތުންގެ މަޖިލީހުގެ ވެސް ރައީސް ނަޝީދު މިރޭ އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ވިދާޅުވެފައި ވަނީ "ކުއްލި ހާލަތު އިއުލާންކޮށް ޓެރަރިސްޓުން ހައްޔަރު ކުރުމުގެ ފުރުސަތު މޯލްޑިވްސް ޕޮލިސް ސާވިސް އަށް ދިނުމަށް އެމްޑީޕީ އިގްރާރުވުމަށް" އެއްބަސްވާ ކަމަށެވެ.

އެ ގަރާރުގައި އިތުރަށް ބުނެފައި ވަނީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ރޭ އިސްކަންދަރު ކޮށީގައި ނޫސްވެރިންނާ ބައްދަލުކޮށް ދެއްވި މައުލޫމާތައް ބިނާކޮށް، "ސަރުކާރުން އަމަލު ކުރަންވީ ގޮތް ކަމަށް އެމްޑީޕީ ދެކޭ ގޮތް" ސަރުކާރަށް އެރުވުމަށެވެ.

ގަރާރު ހުށަހަޅުއްވަމުން ނަޝީދު ވިދާޅުވީ ފުލުހުންނަށް ފުރުސަތު ދީފި ނަމަ ޓެރަރިސްޓުން ހައްޔަރު ކުރެވޭނެ ކަމަށެވެ. އަދި އެއީ ކުއްލި ހާލަތު އިއުލާން ކުރަންޖެހޭ ވަރުގެ ބޮޑު ކަމެއް ކަމަށެވެ.

ޓެރަރިސްޓުން ހައްޔަރު ކުރުމަށް ގޮވާލާ ރައީސް ނަޝީދު ގަރާރެއް ހުށަހަޅުއްވާފައި މި ވަނީ އެމަނިކުފާނު އަވަހާރަކޮށްލަން މެއި 6، ގައި ބަޔަކު ދިން ބޮމުގެ ހަމަލާގެ ތަހުގީގާމެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށް ވިދާޅުވުމަށްފަހު އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ސިޔާސީ ގޮތުން ފިކުރު ތަފާތު ކަމަށް ވެސް ނަޝީދު ވަނީ އިއުލާން ކުރައްވައިފަ އެވެ. އަދި އިދިކޮޅު ޕީޕީއެމްއާއެކު ކޯލިޝަނެއް ހެދުމަށް ބޭނުންވެވަޑައިގަންނަވާ ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު މަސައްކަތް ކުރެއްވުމަށް ވެސް ތައްޔާރަށް ހުންނެވި ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.

ރައީސް ސޯލިހުގެ ރިޔާސީ ދައުރު ހަމަވުމުގެ ކުރިން ވެރިކަން ހިންގާ ނިޒާމު ބަރުލަމާނީއަށް ބަދަލުކޮށް ބޮޑުވަޒީރަކަށްވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ކުރިން ވިދާޅުވެފަ އެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ބައެއް މައުލޫމާތު ފުލުހުން ރޭ ހާމަ ކުރިއިރު ބުނެފައި ވަނީ ޓެރަރިސްޓުން ނަޝީދަށް ހަމަލާދީފައި ވަނީ ދީނީ ހިޔާލުތަފާތުވުންތަކާހުރެ އުފެދިފައިވާ ރުޅިވެރިކަމެއްގެ ސަބަބުން ކަމަށެވެ. އަދި ބޮން ގޮއްވުމުގެ މިޝަން ކުރިއަށް ގެންދަން ކުރި ހަރަދެއް ފިޔަވައި އެކަން ކުރީތީ އިނާމެއްގެ ގޮތުން ފައިސާ ދީފައިވާކަން ބެލެވެން ނެތް ކަމަށް ވެސް ފުލުހުން ރޭ ބުންޏެވެ.